ހަބަރު

މަޖީދީ މަގު ހެދުމުގައި ދުވާރުގެ ބަދަލުކޮށްލައިފި!

މިއަދު މި ހިނގާއުޅޭ މާލޭގެ މަގުތައް އެހުރީ ކުރިން މަގުތައް ހެދުމަށްފަހު ދޫކޮށްލި ގޮތަށެވެ. އޭގެ ފަހުން އެކި ސަރަހައްދުތަކުގައި ކޭބަލްތައް ވަޅުލުމަށް ނުވަތަ އިތުރު މަސައްކަތް ކުރުމަށް އެތަށް ފަހަރެއްގެ މަތިން އެ ގާތަށް ނަގާ އަލުން އަތުރާ ވެލި އަޅާ ހަދާފައި ވެއެވެ. އެކަންކަން ކުރަމުން އައީ ވެސް އެހާ ފަރުވާތެރިކަމާއި އެކުގައެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން މާލޭ މަގުތަކުގައި އެކި ވަރުވަރަށް ވަޅު ހެދި ހަލާކުވެ މަގުތަކާއި އެ މަގުތަކުގެ ދުވާރު ބޭނުން ކުރާ ފަރާތްތަކަށް ވަނީ ބޮޑެތި އުނދަގޫތަކާ ކުރިމަތި ވެފަ އެވެ. މިހާރު ކުރިޔަށްދާ އެންމެ ބޮޑު އެއް މަޝްރޫއަކީ ވެސް އެ މައްސަލަ ހައްލު ކުރުމަށް އަދި މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ފަށާފައިވާ މަސައްކަތެވެ.

މިދިޔަ މަހު ފެށި އެ މަސައްކަތަތް ވެގެންދާނީ މުޅި މާލޭގެ އިންފްރާސްޓްރަކްޗަރަށް އަންނާނެ އެންމެ ބޮޑު އެއް ބަދަލަށެވެ. އަދި 340،000 އަކަށް މީހުންގެ އެންމެ ބޮޑު އެއް ޝަކުވާއަށް ލުޔެއް އަންނާނެ އެއް ކަންތަކަށެވެ.

އެގޮތުން އެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައި ވަނީ މަޖީދީ މަގުންނެވެ. ރަސްފަންނާ ދިމާލުން މަޖީދީ މަގު ކައިރިޔަށް ގޮސް ހުއްޓިލައިގެން އިރުކޮޅަކު މަޑުކޮށްލުމުން މަގުތައް ތަރައްގީކޮށް ނިމުމުން އޮންނާނެ ފުރިހަމަކަން ތަސައްވުރެއް ފެންނާނެ އެވެ. ދުވާރުވެސް މުޅިން ބަދަލުކޮށްލާފަ އެވެ. ހުޅުމާލޭގައި ވެސް ހުންނަ ގޮތަށެވެ. އަދި ހުރިހާ ކާނުތައް ވެސް ނަގައި ބޭރު ގައުމުތަކުގައި ހުންނަ ފަދަ ދަގަނޑު ކާނުތައް ވަނީ ޖަހަން ފަށައިފައެވެ. އަލުން ގާތައް ޖަހައި ރީޑިޒަން ކުރުމުގެ މަސައްކަތްވެސް ކުރިޔަށް އެބަ ދެއެވެ.

މިއީ ވޭތުވެ ދިޔަ ކުޑަ ދުވަސްކޮޅު ތެރޭގައި މިހާތަނަށް މަސައްކަތް ކުރިޔަށް ގެންގޮސްފައިވާ ހިސާބެވެ. ނަމަވެސް އެ މަސައްކަތް ނިމޭ އިރު މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުވާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފަ އެވެ. އޭގެ އިތުރުން ނަރުދަމާގެ ނިޒާމް ރަނގަޅުކޮށް މަގުތައް އަލުން ލެވަލްކުރާނެ އެވެ. އަދި އެންމެ ބޮޑު އެއް ކަމަކަށް ކޭބަލްތައް ވަޅުލުމުގެ ނިޒާމްވެސް މުޅިން ބަދަލުވާނެ އެވެ. އެކަން ކުރާކަށް ދެން ގާތަށް ނަގާ މަގުތައް ހަލާކު ކުރުން ނިމުމަކަށް އަންނާނެ އެވެ.

"މިހާރު ކޭބަލް ޖަންކްޝަންތައް މި ހުންނަނީ ޕޭވްމަންޓުގެ އަޑީގައި. މިހެން ހުރުން މިހާރު އެއްވެސް ކަހަލަ ކޭބަލާ ގުޅުންހުރި ކަމެއް ކުރާނަމަ މިޖެހެނީ ކޮންނަން. ކޮނެގެން ކާތައް ނަގަން. މި ގާތައް އަތުރާއިރު ރަނގަޅަކަށް ނުހުހޭ. ނަމަވެސް މިހާރު މި ކުރާކަމަކީ ޕޭވްމަންޓުގެ ލެވަލްއާ ހަމައަށް ކޭބަލްތައް ފުންކޮށްލަނީ. ނޫނީ އުސްކޮށްލަނީ. މިހެން ހެދުމުން ކޭބަލް ޖަންގްޝަންގެ މަތިގަނޑު ހުންނާނީ ޕޭވްމަންޓް ލެވަލްގައި،" މިނިސްޓަރު މުއިއްޒު ވިދާޅުވެފައި ވެއެވެ.

ހައުސިން މިނިސްޓްރީއިން ރާވާފައިވާ ގޮތުގައި މާލޭގެ 13 މަގެއް މި ގޮތަށް ތަރައްގީ ކުރާނެ އެވެ. އެއީ މަޖީދީ މަގާއި، ޝަހީދު އަލީ ހިނގުމާއި، ކަނބައައިސަރަނި ހިނގުމާއި، ޗާންދަނީ މަގާއި، ބުރުޒު މަގާއި، ހަނދުވަރީ ހިނގުމާއި، އަމީރުއަހުމަދު މަގު އަދި އަމީނީ މަގާއި، އިއްޒުއްދީން މަގާއި، އޯކިޑު މަގުގެ އިތުރުން ހަވީރީ ހިނގުމާއި ލޮނުޒިޔާރަތް މަގެވެ. މި ހުރިހާ މަގެއް ހަދާ ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހަށެވެ.

ކޮންމެއަކަސް މިއީ މަގުތަކުގައި ދުއްވާ މީހުންނަށް ވަރަށް ފަސޭހަވެގެން ދާނެ ކަން ކަމެވެ. ދެން ތިބީ ދުވާރު މަތީގައި ހިނގާފައި އުޅޭ މީހުންނެވެ. އެމީހުންނަށް އިތުރަށް ފަސޭހަކޮށްދީ ދުވާހު މަތީ ޖާގަ ބޮޑު ކުރުމުގެ ގޮތުން އެތަނުގައި ބަހައްޓާފައި ހުންނަ ޑިސްޓްރިބިއުޝަން ފޮށިތައް ނަގަން ހައުސިން މިނިސްޓްރީއިން ވަނީ ނިންމާފައެވެ. އެނޫނީ އެ ފޮށިތައް ފާރު ތެރެއަށް ލާ އާންމުންނަށް ދަތިނުވާ ގޮތަކަށް ބެހެއްޓުމަށް ވަނީ ރާވާފައެވެ. އެ މަސައްކަތް ވެސް ސްޓެލްކޯއާ ގުޅިގެން ވަރަށް އަވަހާށް ފަށާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.