ހަބަރު

ހޮސްޕިޓަލުން ނުކުތީ އުފަލުން، އަލުން ވައްދަން ޖެހުނީ ފުރާނަނެތް މަސްގަނޑު!

May 24, 2017
48
  • ރާއިހާ މަރުވިއިރު އިނީ ބަލިވެ
  • އިންޑިއާއަށް ދިޔައީ ދަރިޔަކު ހޯދަން ބޭހަށް
  • އޮޓޯގައި ޖެހުނު ކާރު ދުއްވީ މަސްތުގައި އިން މީހެއް

އާއިލާއަކީ ފޮނި މޭވާ އެކެވެ. ހަޔާތުގެ ވަރަށް ބޮޑު ނިއުމަތެކެވެ. ގދ. މަޑަވެއްޔަށް އުފަން އަޒަމް މުހައްމަދާއި އޭނާގެ އަންހެނުން ރ. މަޑުއްވަރީ އައިޝަތު ރާއިހާ 24، ގެ ކައިވެންޏަށް ދެ އަހަރު ވީއިރު އިރު ޒުވާން ދެމަފިރިންނަށް ނުލިބި އޮތް ނިއުމަތަކީ ދަރިއެއް ލިބުމުގެ އުފަލާއި ނަސީބެވެ. އެކަމަށް ވަރަށް ގިނަ ފަރުވާ އާއި އިންތިޒާރު ކުރި އެވެ. މީގެ ހަފުތާއެއްހާ ދުވަސްކުރިން އެ ދެމަފިރިން އިންޑިއާގެ ކޮޗިންއަށް ދަތުރު ފެށީ ވެސް ދަރިއަކު ލިބޭނެ ކަމުގެ ފޮނި ހުވަފެންތަކާއި އުންމީދުތައް އާ ކުރަމުންނެވެ. އެ ހާއްސަ އުފަލަށްޓަކައި އެދި މާތް ﷲ އަށް ދަންނަވަމުންނެވެ.

ރޭ މެންދަމު 2:00 ހާއިރު ކުއްލި ގޮތަކަށް ކޮޗިންގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ރާއިހާ އަބަދަށްޓަކައި މި ދުނިޔެ ދޫކުރި އިރު އެތަކެއް ދުވަސް ވަންދެން އެ ދެމަފިިރިންގެ ދެކެމުން އައި ދަރިއަކު ލިބުމުގެ ފޮނި އުންމީދުގެ އުފާވެރި ހަބަރު އޮތީ ލިބިފަ އެވެ. ފޮނި ހުވަފެނުގައި ކުލަޖެހިއްޖެ ކަމުގެ ހަބަރު ލިބި ދެމަފިރިންގެ ލޮލުން ވެސް އުފާވެރި ކަމުގެ ކަރުނަ ދިޔައީ އޮހެމުންނެވެ. އެހެނަމަވެސް ތަގުދީރު ރާވާފައި ވަނީ އެހެނެއް ނޫނެވެ. އެ ފޮނިހުވަފެނުން، އަޒަމް ހޭލައްވާލީ ވޭނާއި ހިތާމައިގެ ހިތްދަތިކަމެއްގެ ތެރެއަށެވެ. ދަރިއަކު ލިބޭ ކަމުގެ އުފާވެރި ހަބަރު ލިބުނުތާ ހިނދުކޮޅެއްގެ ތެރޭގައި ދެމަފިރިންގެ ހުވަފެން ވިއްސިވިހާލިވެ ކަރުނައިގެ ކޯރެއްގެ ތެރޭ އޮޔާ ބައްސާލީ އެވެ.

އަޒަމްގެ ދެމަފިރިންގެ ހަޔާތުގައި އުންމީދު ކުރަމުން ރެއާއި އެންމެ އުފާވެރި ވަގުތުކޮޅު އައީ އިއްޔެ ރޭގަ އެވެ. ދަރިއަކު ހޯދަން ކޮޗިންގެ ސުބިން ހޮސްޕިޓަލުން ހޯދި ފަރުވާއަށް ފަހު، ދެމަފިރިން ހޮސްޕިޓަލުން ނުކުތީ ރައިހާ މާބަނޑުވެއްޖެ ކަމުގެ އުފާވެރި ހަބަރާ ދުވަހަކުވެސް ނުލިބޭނެހާ އުފަލުން ތިބެ އެވެ. އިތުރު ފަރުވާއަށް އަންނަ މަހުގެ އެކެއްގައި ކޮޗިންއަށް ދާން ހުރިހާ ކަމެއް ރާވައިގެނެވެ.

އަޒަމް ބުނި ގޮތުގައި އަންހެނުން މާބަނޑުވެއްޖެ ކަމުގެ އުފާވެރި ހަބަރާއެކު ނިކުތީ އެ ހަބަރު އަވަހަށް ދެ ފަރާތުގެ އާއިލާއާ ހަމައަށް ގެންގޮސްދޭން ބޭނުންވެގެންނެވެ. ގާތުގައި ތިބި ދިވެހި ރަހުމަތްތެރިން ވެސް ތިބީ އެ އުފަލުގައި ބައިވެރިވެގެނެވެ.

އެންމެން އެކުގައި ނުކުމެ ހޮސްޕިޓަލް ކުރިމަތީގައި އޮތް އޮޓޯތަކުގެ ކިޔޫއިން އޮޓޯއެއް ނަގައި، ރާއިހާ އާއި އޭނާއާއެކުގައި ތިބި ތިން އަންހެނުން އެއަށް އެރުވި އެވެ. އަޒަމް އާއި އެހެން ދެ ފިރިހެނުން އެރީ އެހެން އޮޓޯ އަކަށެވެ. ނަމަވެސް އޮޓޯ ދުއްވާ ނުލަނީސް ކުއްލިއަކަށް އައި ބާރު އަޑުފައްގަޑާއެކު ސިއްސައިގެން ދިޔަ އަޒަމް ފަހަތް ބަލައިލި އިރު އަންހެނުން ރާއިހާ އާއި އޭނާގެ ރަހުމަތްތެރިން އެރި އޮޓޯ ފެންނާކަށް ނެތެވެ. ރަނގަޅަށް ހޯދައި ބަލައިލިއިރު ކުރިމަތިން ފެނުނު މަންޒަރާއެކު އޭނާއަށް ހީވީ ބިންގަނޑު ފައިދަށުން ދެމިގަތްހެނެވެ. އޮޓޯއާއެކު ދުރަށް ވިއްސައިގެން ގޮސް ލެއިން ފޯވެފައި އޮތީ އޭނާގެ ލޯބިވާ އަންހެނުން ރައިހާ އެވެ. ދުވެފައި ގޮސް އަންހެނުން ނަގައި ދެއަތް މައްޗަށް ލައިގެން ދުއްވައިގަނެވުނީ ހޮސްޕިޓަލަށެވެ. ލެއިން ފޯވެފައިވާ އަންހެނުންގެ ހަރަކާތް އޭރު އޮތީ މުޅީން ހުއްޓިފަ އެވެ.

"އަންހެނުން އޮތީ ލޭތަކާއެކު މަގުމައްޗަށް ވިއްސައިގެން ގޮސްފައި. ދުވެފައި ގޮސް ނެގިއިރު ވެފައި އޮތް ގޮތް ބުނެދޭން ވެސް ނޭނގޭ. ޒަހަމްވެ މުޅި ގައިގާ އޮތީ ލޭ. އަޅުގަނޑުގެ އަތް މަތިން ހޮސްޕިޓަލަށް ވެއްދިއިރު އެއްވެސް ކަމަކާމެދު ނުވެސް ވިސްނުނު... ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށިތާ އިރުކޮޅެއް ނުވެ އަންހެނުން ނިޔާވެ، އަޅުގަނޑާ ވަކިވެއްޖެ،" ނުރައްކާތެރި އެ އެކްސިޑެންޓް ހިނގައި ދިޔަ ގޮތާއި އެ ވަގުތުކޮޅު އިންޑިއާގައި ހުރެގެން އަޒަމް "އަވަސް" އާ ހިއްސާކުރި އެވެ. ހިތާމައިން ފޯވެފައިހުރި އަޒަމްއަށް ރޮވޭ ވަރުން ގިނަ ވާހަކަތައް ކިޔައިދެވޭ ވަރެއް ނުވިއެވެ. "އަޅުގަނޑުމެން ދެމަފިރިން މިކޮޅަށް އައީ ދަރިއަކު ހޯދަން ބޭސް ކުރަން. ރޭގައި އަޅުގަނޑުމެނަށް ރިޒަލްޓް ލިބުނު އިރު އަންހެނުން ޕޮޒިޓިވް. އެހެންވެ ތިބީ ވަރަށް ބޮޑަށް އުފާވެފައި... އެކަމަކު ކުޑަ ހިނދުކޮޅެއް ތެރޭގައި އެ އުފާވެރިކަން ގެއްލިގެން އެ ދިޔައީ..."

އަޒަމްގެ ވާހަކަ ހުއްޓުމަކަށް ދިޔައެވެ. އިރުކޮޅެއްގެ ފަހުން ގިސްލުމަކާއެކު އޭނާއަށް ބުނެވުނީ އެންމެ ޖުމްލައެކެވެ. "އެ އުފާ އަޅުގަނޑަށާއި އަންހެނުންނަށް ލިބެން ނެތީ!"

އަޒަމް އާއި ރައިހާ އުންމީދު ކުރަމުން އައި ރޭގެ އުފާވެރި ފޮނި ކަރުނަ ލޮލުން ފޭބިއެވެ. އަދި މަދު މިނެޓްކޮޅެއްގެ ތެރޭގައި އުފާވެރިކަމުގެ އެ ކަރުނަ ބަދަލުވެފެން ދިޔައީ ލޭކަރުނައަށެވެ. ހިތާމައަށެވެ. އުންމީދު އާކޮށްދީފައި ރައިހާ ވަކިވެގެން ހިނގައްޖެ އެވެ. އަޒަމްގެ ލޮލުން ކަރުނަ ހިލި، އެ ނުރައްކާތެރި ހާދިސާގެ ތެރެއަށް ވަދެވެނީ އެވެ. އޭނާއަށް ވިސްނެނީ އެވެ. ފުލުހުންނާ ހަވާލާދީ އަޒަމް ބުނި ގޮތުގައި އަންހެނުން އެރި އޮޓޯގައި ޖެހުނު ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލުގަ އެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އޭނާއަށް އިންސާފު ލިބެންޖެހެ އެވެ.

ރައިހާގެ މަރަށްފަހު ފުލުހުންގެ ތަހުގީގަށް ބޭނުންވާ ކަންކަން ސާފު ހޯދަން ރައިހާގެ ހަށިގަނޑު މިހާރު އޮތީ މޯޗަރީގަ އެވެ. ރައިހާ އާއި އަޒަމްގެ އާއިލާ ވެސް އިންޑިއާ ފުރަން ތައްޔާރުވަނީ އެވެ. ރައިހާގެ އެކުސިޑެންޓްގެ ތެރޭގައި އަނިޔާވި ނ. މިލަދޫއަށް ނިސްބަތްވާ އަންހެންމީހާ އިންޑިއާގައިފަރުވާ ހޯދަނީ އެވެ. އެރޭގެ އިތުރު ތަފުސީލެއް އަދި ނެތެވެ.