މީގެ އަހަރުތަކެއް ކުރިން، 2002 ވަނަ އަހަރުގެ އޯގަސްޓް މަހު ހއ. އިހަވަންދޫ ބޮޑު ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓުނެވެ. ރަށުގެ އަންހެން ކުއްޖެއް ވަރަށް ރަހުމުކުޑަ ގޮތަކަށް މަރާލި ހަބަރާއެކު އެވެ. އުމުރުން އެންމެ 16 އަހަރުގައި ފާތިމަތު ހަސަން މަރުވީ ތިން ބިދޭސީއެއްގެ އަނިޔާގެ ޝިކާރަކަށްވެ އެވެ.
ފާތިމަތު މަރާލާފައިވަނީ ވަރަށް ގިނަ އަނިޔާތަކެއް ދިނުމަށްފަހު އެވެ. އޭނާގެ ގައިގެ އެތައް ތަނެއްގައި ވަކި އަޅާފައި ހުއްޓެވެ. މޫނާއި މޭގައި ވެސް އެތައް ޒަހަމެއް ހުއްޓެވެ. ފާތިމަތު މަރުވީ، އެ ރަށުގައި ދިރިއުޅުނު އެ ބިދޭސީންގެ ފަރާތުން ގިނަ ފުރައްސާތަކެއް ކުރިމަތިވުމަށްފަހު އެވެ.
ފާތިމަތުގެ އެ މަރާއެކު ރަށު ތެރެއަށް ވެރިވެގަތީ ބިރުވެރިކަމެވެ. ރަށުގައި ދިރިއުޅޭ ބިދޭސީންއާ މެދު ކަންބޮޑުވާން ފެށި އެވެ. އެމީހުންގެ އަމަލުތައް ހުންނަ ގޮތުން ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވަމުން ދިޔަ އެވެ. ކަންބޮޑުވުންތައް އިތުރުވަމުން ދިޔަ ނަމަވެސް ބިދޭސީން ވެސް އެ ރަށުގައި ދިޔައީ އިތުރުވަމުންނެވެ. އިގްތިސޯދީ ގިނަ މަޝްރޫއުތަކެއް ހިނގަމުން އަންނަ އިހަވަންދޫގައި މިހާރު ވަރަށް ގިނަ އަދަދަކަށް ބިދޭސީން ދިރިއުޅެ އެވެ.
ފާތިމަތުގެ ރަހުމުކުޑަ މަރަށް އެތައް އަހަރެއްވެ އެކަމުން އެ ރަށް އަރައިގަނެފައިވަނިކޮށް އެފަދަ ދެވަނަ ހާދިސާ އިއްޔެ ހަމަ އެ ރަށުގައި ވަނީ ހިނގާފަ އެވެ. އެ ރަށުގައި ހުރި ހިންނަވަރުގެ މެހެމާނެއް ކަމަށްވާ އިސްމާއިލް އުމަރު ވަނީ ރަހުމުކުޑަ ގޮތަކަށް މަރާލާފަ އެވެ. އޭނާ ވެސް މަރާލުމުގެ ފަހަތުގައި ތިބީ ބިދޭސީންތަކެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ، މިކަމުގެ ސަބަބުން އިހަވަންދޫގެ އަގު ވެއްޓި، ރަށް ވަރަށް ބޮޑަށް ބަދުނާމްވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އެ ރަށުގެ ރައްޔިތުންނަކީ އަބަދުވެސް ރަށަށް އަންނަ މެހެމާނުންނާއި ކައިރި ރަށްރަށުގެ މީހުންނާއެކު ވެސް ވަރަށް ގާތް ރަހުމަތްތެރިކަން ގުޅުމެއް ބާއްވާ ބައެއް ކަމަށެވެ. ރަށުގެ ރައްޔިތެއްގެ އެއްވެސް ޝާމިލުވުމެއް ނެތި ބިދޭސީއެއްގެ އަތް ދަށުވެ ރަށުގައި ހުރި މެހެމާނެއް މަރުވެގެން ދިޔުމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ވެރިވެފައިވާ ކަމެއް ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
"މި ރަށުގަ ވަރަށް ގިނައިން ބިދޭސީން އެބައުޅޭ، މަސްވެރިކަމާއި ފައިބަރު ދޯނި ބަނުމުގެ މަސައްކަތްތައް މި ރަށުގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރާއިރު އެ ދެ މަސައްކަތުގައި ވެސް ގިނަ އަދަދެއްގެ ބިދޭސީން ދަނީ ހަރަކާތްތެރިވަމުން، ކޮންސްޓްރަކްޝަންގެ މަސައްކަތްތަކުގައި ވެސް ބިދޭސީން އެބައުޅޭ، އެ ބިދޭސީން އުޅެމުންދާ ގޮތާމެދު ރައްޔިތުންގެ ވަރަށް ބޮޑު ނުތަނަވަސްކަމެއް މިހާރު އެބަހުރި،" ރަޝީދު ވިދާޅުވި އެވެ.
އެކަންކަން ހައްލުކުރުމަށް އިހަވަންދޫ ކައުންސިލުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. އެގޮތުން މާދަމާ އެކަން ރައްޔިތުންނަށް އިއުލާންކޮށް އެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކަމަކީ ލިބުނު ވޭކްއަޕް ކޯލެއް ކަމަށް ބަލާ، ކައުންސިލުން ވަރަށް ބޮޑެތި ނިންމުންތަކެއް ބިދޭސީންއާ ގުޅޭ ގޮތުން މާދަމާ ނިންމާނަން، މިފަދަ ތިންވަނަ ހާދިސާއެއް މި ރަށުގައި ހިނގާކަށް އެއްވެސް ރައްޔިތަކު ބޭނުމެއް ނުވޭ، ބިދޭސީއެއްގެ އަތް ދަށުވެ ލާއިންސާނީ އަމަލެއް ހިނގާ ރަށަށް ހަޑި ނަމެއް އަންނާކަށް އެއްވެސް ރައްޔިތަކު ނޭދޭ،" ރަޝީދު ވިދާޅުވި އެވެ.
އެ ރަށުގައި 200 އަށްވުރެ ގިނަ ބިދޭސީން ގަވައިދާ ހިލާފަށް އުޅެމުންދާ ކަމަށް ރަޝީދު ވިދާޅުވި އެވެ. އެމީހުންނާމެދު ވަގުތުން ވަގުތަށް ވެސް ފިޔަވަޅު އެޅޭނެ ކަމަށް ވިދާޅުވި އެވެ.
އިސްމާއިލް އުމަރު މަރާލި މައްސަލާގައި މިހާތަނަށް ވަނީ ފަސް ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ. އެކަމުގައި އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ، އިސްމާއިލްއާއެކު އެއް ތަނެއްގައި ނިދަން އުޅުނު ބިދޭސީ މީހާ އެވެ. އެ މަރުގައި އިސްވެ ހުރީ އޭނާ ކަމަށް ތުހުމަތުކުރެ އެވެ. ދެން ހައްޔަރުކޮށްފައިވަނީ އެކަމުގައި އޭނާއަށް އެހީވި ބިދޭސީންނެވެ. ފުރަތަމަ ހައްޔަރުކުރި ބިދޭސީ މީހާ ހައްޔަރުކުރީ ފިލައިގެން ހދ. ކުޅުދުއްފުށީގައި ހުއްޓަ އެވެ.
އެކި މަސައްކަތްތަކަށް ރާއްޖެ އަންނަ ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކުން އިތުރުވަމުން އަންނައިރު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ވެސް ގިނަ އެވެ. އެމީހުންގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ. އިހަވަންދޫގައި ނޫނަސް މިފަދަ ހާދިސާތަކެއް ރާއްޖޭގައި ހިނގާފައިވެ އެވެ. އެތައް މަރެއްގައި ބިދޭސީންގެ ޝާމިލުވުންތައް އެބަހުއްޓެވެ.