ހަބަރު

އިހަވަންދޫގައި މީހަކު މަރާލާފައި އޮއްވާ ފެނިއްޖެ

Jun 16, 2017
1
  • މަރާލީ 54 އަހަރުގެ ދިވެހި ފިރިހެނެއް
  • ބިދޭސީއަކު ހައްޔަރުކޮށްފި
  • އޭނާ މަރާލާފައި އޮތީ އައިސްޕްލާންޓްގައި

ހއ. އިހަވަންދޫގައި މީހަކު މަރާލާފައި އޮއްވާ ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ. އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމެއް މިހާރު އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނީ އެމީހާގެ ހަށިގަނޑު ފެނިފަިއ ވަނީ އިހަވަންދޫ އައިސްޕްލާންޓް ތެރެއިން ކަމަށެވެ. އޭނާގެ ހަށިގަނޑުގައި އެކި ތަންތަނުގައި ޒަހަމްތައް ފެންނަން ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުންނަށް އެ މައްސަލަ ރިޕޯޓް ކުރީ، މިއަދު ހަވީރު 4:15 އެހާކަންހާއިރު އެވެ.

އެއީ 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގެ ތުހުމަތުގައި އެ ރަށުން މިހާރު ވަނީ ބިދޭސީއަކު ވެސް ހައްޔަރުކޮށްފަ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، އެ މީހާ މަރާލާފައި އޮތްކަން އިނގުނީ މިއަދަކީ ބަންދު ދުވަހަކަށް ވުމުން މެންދުރުފަހު އައިސްޕްލާންޓް ހުޅުވަން މީހުން ދިޔުމުން ކަމަށެވެ. އެތަނުގައި އިންޖިނިއަރެއްގެ ވަޒީފާ އަދާކުރާ އެ މީހާ އަކީ އައިސްޕްލާންޓްގެ އޮޕަރޭޝަންތައް ބަލަހައްޓައި އެތަނާ ހަވާލުވެ ހުރި ފަރާތެވެ.