ރިޕޯޓް

އެންމެންގެ "ރަހުމަތްތެރިޔާ" އަނިޔާވެރި ގޮތަކަށް މަރު

"އޭނާއަކީ މީހުންނާ ގުޅޭ ވަރަށް ހެޔޮ މީހެއް، އިހަވަންދޫ ވަރަށް ގިނަ ބައެއްގެ ފްރެންޑެއް އެއީ،" އިހަވަންދޫގެ ކޮންމެ މީހަކާ މިހާރު ސުވާލު ކޮށްލިޔަސް ލިބެނީ މި ޖަވާބެވެ. މިއީ އިއްޔެ އެ ރަށުގައި ވަރަށް ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ޅ. ހިންނަވަރަށް އުފަން އިސްމާއިލް އުމަރު، 54 އާ ބެހޭ ގޮތުން އެ ރަށު މީހުން ދޭ ޖަވާބެވެ.

މީގެ ތިން ވަރަކަށް އަހަރު ކުރިން ހއ. އިހަވަންދޫގެ މިފްކޯ އައިސްޕްލާންޓްގައި ވަޒީފާ އަދާކުރަން ފެށި، އިސްމާއިލް ނުވަތަ އެންމެންގެ ނަމުން ނަމަ އިއްސެއަކީ ވަރަށް މަޑުމައިތިރި، ހިތްތިރި ރަނގަޅު އަހުލާގެއްގެ ވެރިއެއް ކަމަށް އޭނާގެ އާއިލާ މެންބަރެއް ކަމަށްވާ އަބްދުﷲ އަލީ ބުންޏެވެ. އަބްދުﷲ ބުނި ގޮތުގައި އޭނާއާއި މީހަކާ ދުވަހަކު ވެސް މައްސަލައެއް ޖެހިފައިނުވާ ކަމަށެވެ.

"އަބަދުވެސް މީހުންނާ ވާހަކަ ދައްކާނީ ހިނިތުންވުމާއެކު، މައްސަލައެއް ޖެހިގެން އުޅޭ ތަނެއް ނުފެނޭ،" އަބްދުﷲ ބުންޏެވެ.

އިހަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ، އިއްސެއަކީ އެ ރަށުގައި ދިރިއުޅެމުންދިޔަ މެހެމާނެއް ނަމަވެސް ރައްޔިތުންނާ ވަރަށް ބޮޑު ގުޅުމެއް އޭނާ އުފައްދާފައިވާ ކަމަށެވެ. ހާއްސަ ގޮތެއްގައި ރަށުގެ މަސްވެރިންނާ އޭނާއާ ދެމެދު ހާއްސަ ގުޅުމެއް އޮތް ކަމަށެވެ. އޭނާގެ ކެއުމުގެ ކަންކަން ވެސް ބަލަހައްޓަމުން ދިޔައީ އެ ރަށު އާއިލާއަކުން ކަމަށާއި އެއީ އޭނާއާ އެންމެ ގާތް ގުޅުމެއް އޮތް މީހާގެ އާއިލާ ކަމަށެވެ.

އިއްސެ ވަޒީފާ އަދާކުރުމުގެ އިތުރުން ނިދަނީ ވެސް އައިސްޕްލާންޓްގަ އެވެ. އެ ތާނގައި ދެން ނިދާ އުޅެނީ ބިދޭސީ މީހާ އެވެ. އިއްސެގެ މަރުގެ މައްސަލާގައި އޭނާ ވަނީ އެ ދުވަހު ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ ހދ. ކުޅުދުއްފުށީގަ ހުއްޓަ އެވެ. ވާހަކަތައް ދެކެވޭ ގޮތުގައި އޭނާ ކުޅުދުއްފުއްޓަށް ގޮސްފައިވަނީ އިއްސެ މަރާލާފައި އޮތްވާ ފެނުނު ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ޑިންގީއެއްގަ އެވެ. މިދިޔަ ބުދަ ދުވަހު އެ ބިދޭސީ މީހާ ގެއްލިގެން އިއްސެ ފުލުހަށް ރިޕޯޓްކުރި އެވެ.

އިހަވަންދޫ މީހަކު ކިޔައިދިން ގޮތުގައި އިއްސެގެ މަރާ ގުޅޭ ގޮތުން ދެ ގޮތަކަށް ރަށު ތެރޭގައި ދަނީ ވާހަކަ ދެކެވެމުންނެވެ. ފުރަތަމަ ގޮތަކީ ބިދޭސީ މީހާ ފިލައި ރަށުގައި ތިން ދުވަސްވަންދެން ހުރި ކަމެވެ. އޭނާ ފިލުވުމުގައި ބައިވެރިވި ކަމަށް އެއްބަސްވި ދެ ބީދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ރަށު މީހަކު ބުންޏެވެ. މައްސަލާގައި ޖުމްލަ ފަސް ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އަނެއް ގޮތަކީ މީގެ ތިން ދުވަސް ކުރިން، އެ ބިދޭސީ މީހާ އެ ރަށުން ފިލައިގެން ގޮސް އެހެން ރަށެއްގައި އުޅުމަށްފަހު އެ ރޭ އަލުން އިހަވަންދޫއަށް އައިސް، އެ އަމަލު ހިންގާ ފުރައިގެން ދިޔައީ އެވެ. ކޮންމެ ގޮތެއް ވިޔަސް އެ ރަހުމުކުޑަ އަމަލު ހިންގާފައިވަނީ އެ ރޭގެ ވަގުތުގަ އެވެ. އެ އަމަލު ހިންގުމަށްފަހު ބިދޭސީ މީހާ ފިލީ އެވެ.

އެއީ ހުކުރު ދުވަސް ކަމަށްވެފައި މެންދުރު ކުރިން އައިސްޕްލާންޓް ނުހުޅުވާނެތީ، އޭނާގެ ހަބަރެއް ނުވެގެން އެއްވެސް މީހަކު ނޫޅެ އެވެ. އައިސްޕްލާންޓްގައި އިދާރީ އިތުރު ދެ މުވައްޒަފަކު ވެސް މަސައްކަތްކުރެ އެވެ. ރޯދަ މަސް ކަމަށްވެފައި، އެކުގައި ތާސް ކުޅުންފަދަ ކަންކަން ހަވީރު އިއްސެއާއެކު އެ މުވައްޒަފުންކޮށް އުޅެ އެވެ. އެގޮތުގެ މަތިން އެ ދުވަހު ވެސް މެންދުރުފަސްވުމުން އިއްސެ ހޯދުމަށް އޭނާއަށް ގުޅި އެވެ. ނަމަވެސް އޭނާއަށް ގުޅާ ގުޅާ ހަބަރެއް ނުވި އެވެ. ދެން އައިސްޕްލާންޓަށް ގޮސް އޭނާގެ ހަބަރެއްވޭތޯ ބެލި އެވެ. އެ މުވައްޒަފާއި އަދި އިތުރު ބަޔަކު އެތަނުގެ ދޮރުގައި ތަޅެމުން ވެސް ހަބަރެއް ނުވުމުން އެކަން ފުލުހަށް އަންގައި ތަނުގެ ދޮރު ވައްޓާލިއިރު ފުނުނީ އެތަނުގައި ފެނާއި ލެއާއެކުވެ ކޯރު ހެދިފައިވާ ތަނެވެ. އިއްސެގެ ފުރާނަ ނެތް ހަށިގަނޑު ފެނުނީ ދެނެވެ.

އެހެން ފުރަތަމަ ވެސް ތުހުމަތުގެ އިނގިލީ ދިޔައީ އެކުގައި އުޅުނު ބިދޭސީ މީހާއަށެވެ. މާގިނައިރުތަކެއް ނުވެ އޭނާ ހައްޔަރު ވެސް ކުރި އެވެ. އެކަމަކު ނޭނގޭ އެއްޗަކީ އިއްސެ މަރާލަން މެދުވީ ސަބަބެވެ. އެ ދެމީހުންގެ ދެމުގައި ޖެހުނު މައްސަލަ އެވެ.

"އިއްސެ ކައިބޮއެ އުޅޭ ގެއަކީ އެންމެ ގާތް ރަހުމަތްތެރިޔާ ގެ، އޭނާއާ ވެސް އިއްސެ އެފަދަ ވާހަކައެއް ހިއްސާކޮށްފައެއް ނެތް، އެއްވެސް މީހެއްގެ އިންޒާރެއް ވެސް، ބިރު ދައްކަން އުޅުނުކަމުގެ ވާހަކައެެއް ވެސް ބުނަފައެއް ނެތް، އަދި އެތަނުގެ އެތޭގަ ވެސް އެކަހަލަ އެއްވެސް މައްސަލައެއް އުޅޭ ކަމަށް މިވީ ތިން އަހަރު ތެރޭގައި ވެސް ރައްޓެހި ރަހުމަތްތެރިކަމުގެ ތެރެއިން ވެސް ހިއްސާކޮށްފައިނުވާ ކަމަށް ވަނީ،" ރަޝީދު ވިދާޅުވި އެވެ.

އިހަވަންދޫގެ ރައްޔިތުން ވެސް ބޮޑު ހައިރާމެއް ކަމެއް ލިބިފައިވަނީ މިހެންވެ އެވެ. މަޑުމަޑުންހުރި އިއްސެއާމެދު އެހާ ބޮޑު ހަސަދަވެރި ކަމެއް އުފެދި އޭނާ ރަހުމުކުޑަ ގޮތަކަށް މަރާލެވިގެން ދިޔަ ސަބަބެއް ހިތަށް ގެންނަން ވެސް ނޭނގޭތީ އެވެ. ކަމުގެ ހަގީގަތް ނިއުޅެމުންދާނީ ތަހުގީގު ކުރިއަށްދާ މިންވަރަކުންނެވެ.

އެއްބަނޑު އެއްބަފާ ދެ ދައްތަ ދުނިޔޭގައި ހުރި އިއްސެގެ އެއްވެސް ދަރިއަކު ނުހުރެ އެވެ. ކުރިން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އިނދެގެން އުޅުނު އަނބިމީހާ ވެސް ހުރީ ވަރިކޮށްފަ އެވެ. އޭނާއަކީ އާންމުކޮށް ރަށުން ބޭރުގައި މަސައްކަތުގައި އުޅޭ މީހެކެވެ. ހިންނަވަރުގައި އޭނާ އުޅުނީ ވަރަށް މަދުން ކަމަށްވެ އެވެ.