ހަބަރު

ނަޝީދުގެ ހުކުމް އިސްތިއުނާފު ކުރަން މިހާރު ހުރަހެއް ނޯންނާނެ: ކްރިމިނަލް ކޯޓް

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމުގެ ޚުލާސާ ރިޕޯޓް މިހާރު ދޫކޮށްފައިިވާ ކަމަށާއި އެހެންވެ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުރަހެއް ނޯންނާނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.

ހުކުމާ ގުޅޭ ލިޔެކިޔުންތައް ނުލިބިގެން، ނަޝީދުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ނުކުރެވި ލަސްވަމުންދާ ކަމަށް ބުނެ ނަޝީދުގެ ސަޕޯޓަރުންގެ ގިނަ އަދަދެއްގެ ބަޔަކު، ރިޕޯޓް ދޫކޮށްދިނުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ސިޓީ ހުށަހެޅުމަށް މިއަދު އެ ކޯޓު ދޮށަށް ޖަމާވި އެވެ.

"ހުކުމުގެ ޚުލާސާ ރިޕޯޓް އެކަނި އޮތް ކަމުގައި ވިޔަސް މައްސަލަ އިސްތިއުނާފު ކުރެވޭނެ. އެ ރިޕޯޓް މިހާރު އެ ވަނީ ނަޝީދުގެ ގާނޫނީ ވަކީލުންނަށް ދީފައި. އެހެންވެ އިސްތިއުނާފު ކުރުމަށް މިހާރު އެއްވެސް ހުރަހެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް އެހެން ވިދާޅުވީ ހައި ކޯޓުގެ ގަޟިއްޔާއަކާ ހަވާލާ ދެއްވަ އެވެ. މީގެ ކުރިން އެހެން ބައެއް މައްސަލަތަކުގެ ރިޕޯޓް ނުލިބި ލަސްވެގެން ވެސް ޚުލާސާ ބަޔާން އެކަނި އޮތް ކަމުގައި ވިޔަސް އިސްތިއުނާފަށް މައްސަލަ ބަލައިގެންފައިވެ އެވެ.

ނަޝީދުގެ މައްސަލަ ނިންމި ގޮތުގައި ފުރިހަމަ ރިޕޯޓް ނުލިބޭ ނަމަ އިސްތިއުނާފު މަރުހަލާ އަށް ދަތިވާ ކަމަށް ނަޝީދުގެ ގާނޫނީ ޓީމުން ބުނެފައި ވާއިރު ކޯޓުގެ އޮފިޝަލް ވިދާޅުވީ ރިޕޯޓް އެއްކޮށް ނިންމާނުލެވިގެން އުޅެނީ ނަޝީދު ކޯޓަށް ދީފައިވާ ބަޔާންތަކުގައި ސޮއި ކުރެއްވުމަށް އިންކާރު ކުރެއްވުމުންނާއި ނަޝީދުގެ އިތުރުން އެހެން ބޭފުޅެއްގެ ބަޔާނުގައި ވެސް އަދި ސޮއި ކުރެވިފައި ނުވާތީ ކަމަށެވެ.

"ނަޝީދު ވަނީ ތިކަމާ ނޫޅޭށޭ ވިދާޅުވެ ބަޔާންތަކުގައި ސޮއިކުރެއްވުމަށް އިންކާރު ކުރައްވާފައި. ދެން ސޮއި ނުކުރެވި ވަނީ ރާއްޖެއިން ބޭރުގައި ހުންނެވި ބޭފުޅެއްގެ ބަޔާނުގައި،" އޮފިޝަލް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އިސްތިއުނާފު ކުރުމުގެ އުސޫލަށް ސުޕްރީމް ކޯޓުން ގެނައި ބަދަލާ އެކު ކޮންމެ މައްސަލައެއް 10 ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރަން ޖެހެ އެވެ. އެއީ ބަންދު ދުވަސްތައް ނުހިމަނަ އެވެ. އެހެންވެ އިސްތިއުނާފުގެ މުއްދަތު ނަޝީދުގެ މައްސަލާގައި ހަމަވާނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.