ހަބަރު

ރާޅުގަނޑުގައި މާ ރީތި ބީޗެއް!

އަހަރެއްހާ ދުވަސް ކުރިން ވަރުނުލާ ރާޅުގަނޑު ސަރަހައްދަކީ އެތަން ރީތިވެގެން މީހުންގެ މާބޮޑު ޝައުގުވެރިވާ ތަނެއް ނޫނެވެ. އެ ދިމާއަށް މީހުން މަޑުކޮށްލަނީ އެ ތަނުން ނަގާ ބިޔަ ރާޅުތައް އައިސް ގާތަކު މައްޗައް ބިންދާލާ މަންޒަރު ބަލައިލުމަށެވެ. އަދި ރާޅާ އަޅާ މީހުންގެ ހަރަކާތްތައް ދެކޭށެވެ. އާންމުކޮށް އެ ސަރަހައްދުގެ ގޮނޑުދޮށާއި މޫދުގައި އުޅެނީ ރާޅާއަޅާ މީހުންނެވެ. އެތަނަކީ ރާޅު ކުދިންގެ ތަނެކެވެ.

ނަމަވެސް ޗައިނާ މޯލްޑިވްސް ފްރެންޝިޕްގެ މަސައްކަތް ފެށުމާއެކު އެ މަސައްކަތް ނިމެންދެން ރާޅުގަނޑު ސަރަހައްދަށް މޫދަށް އެރި ރާޅާއެޅުން ވަނީ މަނާކޮށްފަ އެވެ. ރާޅާ އަޅާ މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާއިރު ރާޅުގަނޑާ ދިމާއަށް މަޑުޖެހޭ އެންމެންނަކީ ވެސް ބާރަށް މަސައްކަތް ހިނގާ ބްރިޖު ބަލަން މަޑުކޮށްލާ މީހުންނެވެ. އެ މަސައްކަތަށް އެންމެން "ގެއްލިފައި" ތިއްބާ ވަރުނުލާ ރާޅުން ވަނީ އެ ސަރަހައްދަށް ގުދުރަތީ ބޮޑު ބަދަލެއް ގެނެސްދީފަ އެވެ. ލޮނުޒިޔާރަތް ކޮޅުގައި ޖަޕާނު މީހުން ޖަހާފައިވާ ވަރު ކަނޑު ތޮއްޓާއި ގާތޮށިގަނޑު ފޮރުވާލައި އޮއް ގަލާއި ވެއްޔާއި އަކިރިން މުއްސަނދިވެފައިވާ ހިތްގައިމު ބީޗަކަށް މުޅި އެ ސަރަހައްދު ބަދަލުވީ އެވެ.

"އެންމެ ފުރަތަމަ ރައްޓެއްސެއް އައިސް އެތަނުގެ ވާހަކަ ދެއްކިއިރު ގަބޫލު ވެސް ނުކުރަން. އެކަމަކު އާޓިފިޝަލް ބީޗައް މިއަދު އައިސްފައި މިތަން ފެނުނީމަ ހަމަ ހުރީ ޝޮކުވެފަ، ވަރަށް ރީތި މިތަން މިހާރު. އަދި އެއްވެސް ބަޔަކު އަޅާ ނުލާ އޮއްވާ އަމިއްލައަށް މިފަދަ ތަނެއް އުފެދުނީމަ އަދި ވަކިން އަޖައިބުވޭ،" ރާޅުގަނޑު ސަރަހައްދުގައި ހެދިފައި އޮތް ބީޗުގައި ހުރި އަންހެނަކު ބުންޏެވެ.

މީގެ ކުރިންވެސް ރާޅުގަނޑު ސަރަހައްދުގެ ތޮށިގަނޑު ބޭރުން ކަނާ ދިމާއަށް ކޮންމެވެސް ވަރަކަށް ވެލިއަރަ އެވެ. ނަމަވެސް މިހާރު އެތަން އޮންނަ ގޮތް ވަރަށް ތަފާތެވެ. ވެލިގަނޑު ވެސް މުޅި ބީޗަށް ފެތުރިލައި މުޅި ސަރަހައްދު ވަނީ އަކިރީގެ ރީތި ބީޗަކަށް ބަދަލުވެފައެވެ. ބީޗެއް ގޮތުގައި ވެލިގަނޑު ފެތުރިލައި ރާޅުތައް ބީއްސަމުންދާއިރު އެންމެ ރީތި ކަމަކީ ކުރިން ފެހި ޖަހާފައިވާ ތޮށީގެ ގާތަކާއެކު މިހާރު ވަނީ ފޮރުވާލާފަ އެވެ. ވަރަށް ވެސް ހިތްގައިމު މަންޒަރެކެވެ.

ގުދުރަތީ ގޮތުން އައި އެ ބަދަލާއެކު އާޓިފިޝަލް ބީޗަށް ދާ އާއިލާތައް ރާޅުގަނޑު ބީޗަށް ފައިބާ މަޑުކޮށްލައި ކުޑަކުދިން ގޮވައިގެން ކުޅެ އުޅެއެވެ. އަދި ޒުވާން ކުދިން ފޮޓޯ ނަގަން ވެސް އެ ބީޗަށް ފައިބަ އެވެ.

ރާޅުގަނޑު ސަރަހައްދަށް ގިނަ އަދަދަކަށް ވެއްޔާއި އަކިރި ލައްގަން ފެށީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ފެށި ދުވަސްކޮޅެވެ. ތަނބުތައް ޖެހުމަށް ކަނޑުގެ އަޑިން ބޯހޯލު ތޮރުފާ ގިނަ އަދަދަކަށް ވެލި ވަނީ ނަގައިފައެވެ. އެއީ ސީބެޑުން ތޮރުފުމަށް ފަހު ވަރަށް އަޑިން ނަގާ ވެއްޔާއި އަކިރި އެވެ. އެތަކެތި އޮޔާ ލައްގަނީ ރާޅުގަނޑު ސަރަހައްދަށެވެ. އޭގެ ސަބަބުން އެ ސަރަހައްދުގައި އޮންނަ ވެލިގަނޑު ފުޅާވެ މޫދު އަޑިއަށް ވަނީ ހުދުވެއްޔާއި އަކިރި އެޅިފައެވެ. މިހާރު ހެދިފައިވާ ބީޗު ކުރިޔަށް އޮތްތާ އިތުރަށް ހެދި ބޮޑުވާނެ ކަމަށް ވެސް ބެލެވެއެވެ.

މާލޭގެ ހަލަބޮލި ކަމުން ނުކުމެ ނޭވައެއް ލުމަށް މިހާރު އެންމެ ކަމުދާ އެއް ތަނަކީ ބްރިޖް ބަލަން ހަދާފައިވާ ޒަމާނީ ޕްލެޓްފޯމެވެ. އަދި އެދިމާ ކުރިމައްޗަށް ގުދުރަތީ ގޮތުން އުފެދުނު ބީޗަކީ މިވަތަށް ލިބުނު ރީތި ހަދިޔާއެކެވެ.