ކުޅިވަރު

އާ ކެޕްޓަނަކަށްވާނީ ކޮން ކުޅުންތެރިއެއް؟

ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމުން ރިޓަޔާ ކޮށްފި އެވެ. ޓީމުގެ ރަސްމީ ކެޕްޓަނަކަށް ނުވިޔަސް، އިމްރާން އަކީ ޓީމުގެ ލީޑަރެވެ. އަނިޔާއާ ގުޅިގެން ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހުރީ ޓީމާ ދުރުގަ އެވެ. ޓީމުގެ ލީޑާޝިޕް މައި ދެ ތަނބު ޓީމުގައި ނެތެވެ. ގައުމީ ޓީމަށް މިވަނީ އާ ކެޕްޓަނަކު ހޯދަން ޖެހިފަ އެވެ.

އާ ކެޕްޓަނަކަށް އަންނާނެ ކުޅުންތެރިޔަކީ ކާކުތޯ ބަލަން އެއީ ޝައުގުވެރި ސުވާލެކެވެ. އެ ސުވާލު ހިފައިގެން، ގައުމީ ކޯޗް ޑަރެން ސްޓްވާޓްއާ ހަމަޔަށް ދިއުމުން، ކެޕްޓަނަކީ ކޮންކުޅުންތެރިޔެއްތޯ ހާމަ ކުރަން އަދި އޭނާ ބޭނުން ނުވާކަން އެނގެއެވެ.

"ޓީމަށް ނަގާފައިވާ 29 ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިޔަކު އަހަރެން އިހްތިޔާރު ކުރާނަން،" އަވަސްއަށް ދިން އިންޓަވިއުގައި ސްޓްވާޓް ބުންޏެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކުރި އަރާފައިވާ ޔޫރަޕްގެ ޖަރުމަނާއި ސްޕެއިން، އިޓަލީ، އަދި އިންގްލެންޑް ގައި ޓީމުގެ ކެޕްޓަން ބޭންޑް ދެނީ ޓީމަށް އެންމެ ގިނަ ދުވަހު ކުޅެމުން އަންނަ ކުޅުންތެރިޔާ އަށެވެ. ކެޕްޓަނާ ބެހޭގޮތުން، ޔޫރަޕްގެ މިސާލު ދައްކަމުން ކުރާ ސުވާލަށް ސްޓްވާޓް ދޭ ޖަވާބުވެސް މޮޅެވެ.

"އަހަންނަކަށް ނޭނގޭ މިވެނި ކުޅުންތެރިޔަކު ކުޅެފައި ހުރީ ކިތައް މެޗު ކަމެއް އެހިސާބު ނަންބަރެއް އަހަންނަކަށް ނުބެލޭ،" ހެމުން ހެމުން ސްޓްވާޓް ބުންޏެވެ.


ކެޕްޓަނަަކަށް އަންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިންގެ ތެރެއިން ލަފާ ކުރެވޭ ހަތަރު ކުޅުންތެރިއެއްގެ ނަން އާނޭ އަށް ދީފައި އެއިން ކުޅުންތެރިޔެއް އަތުވެދާނެތޯ ސުވާލު ކުރުމުން އޭނާ ބުނީ ކެޕްޓަން ވާނީ ޓީމުގައި ހުރި އެންމެ ލީޑާޝިޕް ރަނގަޅު ކުޅުންތެރިޔާ ކަމަށެވެ.

އަސްހަދު އަލީ (އަޑޭ)

މިއީ 2015 ވަނަ އަހަރު ނިއުރޭޑިއަންޓުން ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ހޯދިއިރު ޓީމުގެ ކެޕްޓަނެވެ. އެ ސީޒަންގައި، ކެޕްޓަނެއްގެ ގޮތުން އޭނޭގެ ލީޑާޝިޕް ދަނޑުމަތިން ކިތަންމެ ރަނގަޅާކަށް ފެނިފައި ވެއެވެ. އަޑޭ، އަކީ މިހާރު ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން ޓީމަށްއެންމެ ގިނަ ދުވަސް ވަންދެން ކުޅެމުން އަންނަ ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ އެވެ. ދަނޑުމަތީގައި އޭނާގެ މަސައްކަތު ރޭޓާއެކު، އޭނާއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ޑިފެންސިވް މިޑްފީލްޑަރު ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.

އަނެއް ކަމަކީ، ގައުމީ ކެޕްޓަން ބޭންޑަކީ، އަޑޭ އަށް އާ އެއްޗެއް ނޫނެވެ. މިދިޔަ އަހަރު ކުރީ ކޮޅު ބަންގުލަދޭޝްގައި ބޭއްވި ބަންގުބަންދު ގޯލްޑް ކަޕްގައި ރާއްޖޭގެ ކެޕްޓަންކަން ކުރީ އަޑޭގެ ލީޑާޝިޕްގެ ދަށުން ނެވެ. ކެޕްޓަން ބޭންޑް އޭނާގެ އަތައް ހެޔޮވަރެވެ. ނިއުރޭޑިއަންޓާއި ގައުމީ ޓީމާގައި، ކެޕްޓަން ބޭންޑުގައި އޭނާގެ މަސައްކަތްވެސް ފައްކަލެވެ.

މުހައްމަދު އުމޭރު

އަޑޭއަށް ފަހު، ދެން ޓީމަށް އެންމެ ގިނަ ދުވަހު ކުޅެމުން އަންނަ އަނެއް ކުޅުންތެރިޔަކީ އުމޭރެވެ. އަނިޔާގައި ނެތް ނަމަ އޭނާ ދަނީ، ގަވައިދުން ގައުމީ ޓީމުން ޖާގަ ހޯދަމުން ނެވެ. ދަނޑުމަތީގައި އިތުރުން، އާންމު ދިރިއުޅުމުގައިވެސް، އުމޭރަކީ ޑިސިޕްލިން ރަނގަޅު ކުޅުންތެރިޔެކެވެ. އޭނާ އަކީ ވެސް ނިއުރޭޑިއަންޓްގެ ކެޕްޓަންކަން ކުރި ކުޅުންތެރިޔެކެވެ. އަދި އެއީ މާޒިޔާގެ ވައިސް ކެޕްޓަން ވެސް މެއެވެ.

ޓީމުގެ ރަސްމީ ކެޕްޓަނަށް، އުމޭރު ނުވިޔަސް، ގައުމީ ޓީމުގެ މެޗުތަކުގައި، އަލީ އަޝްފާގްގެ ފަހަތުން ފެންނަ ލީޑަރަކީ މިއެވެ. ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަ ނުޖެހި އެކަމާ ބެހޭގޮތުން ރެފްރީއާ ވާހަކަ ދައްކަން ޖެހޭނަމަ، އަޝްފާގެގްގެ ފަހަތުން، އެކަމަކާ ޑީލް ކުރަން ހުންނަނީ އުމޭރެވެ. މިދިޔަ އހަަރު މާލޭގައި ކުޅުނު ލާއޯސް މެޗާއި ބަންގުލަދޭޝް މެޗުގައި އެކަން ވަރަށް ރަނގަޅަށް ފެނިފައި ވާނެ އެވެ.

އަލީ ފާސިރު (ސެންޓޭ)

މިއީ ނިއުގެ އެއް ވައިސް ކެޕްޓަނެވެ. މިދިޔަ އަހަރު ގައުމީ ޓީމު މެޗުތަކުގައި ވެސް މުހިންމު ލަނޑުތަކެއް ޖަހާފައިވާ ސެންޓޭ އަކީ، މިހާރު ގަލޮޅު ދަނޑުގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ އިތުބާރާއެކު ކުޅެމުންދާ އެއް ކުޅުންތެރިޔާ އެވެ. މިދިޔަ ސީޒަންގައި ސެންޓޭގެ ފަރާތުންވެސް ފެނިފައި ވަނީ އައުޓް ސްޓޭޑިން ކުޅުމެކެވެ.

ހިދުމަތާއި ދަނޑުމަތީގެ ލީޑާޝިަޕަށް ބަލާނަމަ، ސެންޓޭ އަކީ ކެޕްޓަން ބޭންޑު އަޅަން ފޭވަރިޓް ކުޅުންތެރިޔެކެވެ. ކުޅުންތެރިން ގޮވައިގެން އުޅެން އެނގޭ ވަރުގަދަ ލީޑަރުންގެ ތެރޭގައި ސެންޓޭ ހިމެނެ އެވެ.

އަސަދުﷲ އަބްދުﷲ

އަސަދުﷲ އަބްދުﷲ އަކީ އޭނާގެ ޑިސިޕްލިންގައި، މިހާރު ގަލޮޅު ދަނޑުން ފެންނަ އެންމެ ނަމޫނާ ކުޅުންތެރިޔާ އެވެ. ފުޓްބޯޅަ އަށްޓަކައި، އޭނާގެ ދިރިއުޅުން ބައްޓަން ކޮށްފައި ވަނީ، އޭނާ އަކީ ދެންތިބި އެންމެންނަށް "ރޯލް މޮޑެލަކަށް" ވާނެ ގޮތަށެވެ. ޓީމުގެ ކުޅުންތެރިންގެ ތެރެއިން ކޯޗް އެންމެ ގަޔާވާ ކުޅުންތެރިޔަކީ އަސަދުﷲ ހެން ވެސް ބައެއް ފަހަރު ހީވެއެވެ.

ޓީމު ތަމްސީލު ކުރުމުގައި މިހާރު އެންމެ ފަރިތަ މޫނަކީ، އަސަދުﷲ އެވެ. އަނެއް ކަމަކީ، މިހާރު އޭނާގެ ފަރާތުން ފެންނަ އެންމެ ތަފާތު ކުޅުމެވެ. މި އަހަރު މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ލަނޑު ޖެހި ހަމަ އެކަނި ކުޅުންތެރިޔަކީ އަސަދުﷲ އެވެ. އަދި ކެޕްޓަނެއްގެ ގޮތުގައި، އިންޓަނޭޝަނަލް މެޗުތަކުގައި، މިދިޔަ ދެ އަހަރު އެންމެ ގިނައި ފެންނަ ދިވެހި ކުޅުންތެރިޔަކަށްވެސް ވާނީ އަސަދުﷲ އެވެ. މާޒިޔާގެ ކެޕްޓަނެއްގެ ގޮތުގައި އޭނާ ވަނީ ވޭތުވެދިޔަ ތިން އަހަރު އޭއެފްސީ ކަޕް މެޗުތަކުގައި ކުރިމަތި ލާފައެވެ. ރާއްޖެއިން ބޭރުގެ މީޑީއާތަކުގެ ކުރިމަތީގައި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި އެންމެ ގިނަ އިން ޖަވާބު ދޭ ކުޅުންތެރިޔަކީވެސް އަސަދުﷲ އެވެ. އެހެންވެ އޭނާ އަށް ކެޕްޓަން ބޭންޑް ބުރަވާނެ އެފަދަ މުހިންމު ސަބަބުތަކެއް އެބަހުއްޓެވެ.