އެމްޑީޕީ

އެމްޑީޕީގެ ގަރާރުގެ ސިއްރަކީ ކޮބާ؟

Mar 4, 2017
7

ފ. އަތޮޅަށް ގެންނަން އުޅޭ ތަރައްގީގެ މަޝްރޫއަށް ހުރަސް އަޅަން ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ފެބްރުއަރީ 28 ވަނަ ދުވަހުގެ ރޭ ފާސްކުރި ގަރާރާއިމެދު ވަރަށް ފުންކޮށް ވިސްނާލަންޖެހެ އެވެ. އެމްޑީޕީގެ ހަގީގީ ބޭނުމަކީ ކޮބައިހެއްޔެވެ؟ މި ގަރާރުގައި ފޮރުވިފައިވާ ސިއްރަކީ ކޮބައި ހެއްޔެވެ؟

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވިއްކާ ބިންތައް ނަގާނެކަމުގެ ޖަޒުބާތީ ވާހަކަތަކާއި، ރައްޔިތުންގެ ހައްގުތަކުގެ ވާހަކަތައް އަޑު ހަރުކޮށް ދައްކައި، ހުދު ގަމީހާއި ރީނދޫ ޓައި އަޅައިގެން ތިބެ، ގަރާރު ފާސްކުރިޔަސް، ފޮރުވިފައިވާ ތަސްވީރު ވަރަށް ހުތުރުކަން އަދި އެގަރާރުގެ ވަސް ވަރަށް ނުބައިކަން އެޕާޓީގެ ރައްޔިތުންގެ މަޖިލިސްގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ނެރުއްވި ބަޔާނުން ވަރަށް ބޮޑަށް ސާފުވެއެވެ.

އެމްޑީޕީގެ އިސްވެރިންގެ ނިންމުންތަކާއިމެދު ވަރަށް ބޮޑަށް ޝައްކުގެ ނަޒަރަކުން ބަލަންޖެހުނީ ރާއްޖޭގައި ވަކި ޚާއްސަ ހާލަތެއްގައި މެނުވީ ބިން ނުވިއްކޭ ގޮތަށް ގާނޫން އަސާސީއަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހެޅި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގައި ފާޅުގައި އެމްޑީޕީން ތާއީދު ކުރުމަށްފަހު، ރާއްޖެ މިފަހުގެ ތާރީޚްގައި ދުށް އެންމެ ހިޔާނާތްތެރި މީހާ ނުވަތަ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވެރިކަމުގައި ދަމަހައްޓަން އެ ޕާޓީން ބޭނުން ވެގެން އުޅުމުންނެވެ.

ޔަގީނުންވެސް އެގޭކަމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެނގިވަޑައިގެން ނޫން ގޮތަކަށް، ގާނޫން އަސާސީއަށް އިސްލާހް ގެނައުމުގެ ބިލަކަށް ވޯޓްލުމަކީ އެމްޑީޕީން ކުރާނެ ކަމެއް ނޫން ކަމެވެ. އަދި އަދީބާއެކު މަޝްވަރާތަކެއް ކުރުމަށްފަހުގައި ނޫނީ އެކަމެއް ނުހިގާނެ ވެސް މެއެވެ. ދެފަރާތުން އެއްބަސްވި ކޮންމެވެސް ކަންތައްތަކަކަށް އޮންނާނީ އެއްބަސް ވެފައެވެ. އެ ސިއްރު ކޮންމެވެސް ދުވަހަކުން ބޭޒާރުވާނެ އެވެ.

ބިން ވިއްކަން އެމްޑީޕީން ތާއީދުކުރި ސަބަބަކީ ކޮބާ؟

ނާއިބް ރައީސް އަހުމަދު އަދީބު މަސައްކަތްޕުޅު ކުރެއްވީ ސިއްރު ރޭވުމެއްގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށްފަހު، ނުވަތަ ރައީސް ޔާމީނަށް ވެރިކަމުގައި ނުހުންނެވޭފަދަ ހާލަތެއް ކުރިމަތިކުރުމަށްފަހު ރައީސް ކަމުގެ މަގާމަށް ވަޑައިގަތުމަށްކަން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ލޯންޗްކޮޅުގައި ގޮއްވާލި ބޮމުގެ ހާދިސާގެ ތަހްގީގުތަކުންނާއި އެކަން ޝަރީއަތަށް ސާބިތުވުމުން އެނގެ އެވެ.

އެކަމަކު އެމްޑީޕީގެ އިސްވެރިން އަދީބު ކުށްވެރިކުރުމުގެ ބަދަލުގައި ތިބީ ހިމޭނުންނެވެ. ބައެއް ބޭފުޅުން ފާޅުގައި އޭނާއަށް ތާއީދުގެ ބަސްތައް ފާޅުކޮށްހެދި އެވެ. ނާޝިދު އެ ވިދާޅުވީ ވެރިކަމުގައި އަދީބު ދަމަހައްޓަން އެ ޕާޓީގެ ވިޕްލައިންސް ނެރެފައިވާ ކަމަށެވެ. އަދި މިއަދު އެމްޑީޕީ އެ އޮތީ ރާއްޖޭގައި އުފެދުނު މިދެންނެވި އެންމެ ބޮޑު ކަރޮޕްޓް މީހާއާއިއެކު އިއްތިހާދެއް ހަދައިގެންނެވެ.

އެމްޑީޕީން ފާސްކުރި ގަރާރަށް ސިޔާސީ ނަޒަރެއް ހިންގާލީމާ ދޭހަވަނީ ކޮންމެފަދަ މުޑުދާރު ހަރަކާތެއް ހިންގައިގެންވެސް ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުން ވެރިކަމުގެ ބާރުތައް ފިރުކައިގަންނަން ފެންބޮވައިގެންފައިވާ ކަމެވެ. އަދީބު ވެރިކަމަށް އަތުވެއްޖެނަމަ އޭނާ ވެރިކަމުން ބޭލުމަކީ އެމްޑީޕީއަށް ދާދި ފަސޭހަކަމަކަށް ވާނެ އެވެ. އޭނާ ވެރިކަމަށް އަންނާނީ ދިވެހި ރައްޔިތުންގެ ތާއީދު ލިބިގެން ނޫންކަމާއި ބޭރު ގައުމުތަކުގެ ނުފޫޒުން އެއްވެސް އުނދަގުލެއްނެތި އޭނާ ވެރިކަމުން ބޭލިދާނެ ކަމަށް ހިސާބުޖަހައި ހަދާފައިވާނެކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. އިއްޔެ ރާއްޖޭގެ ބިން ވިއްކަން ރައްޔިތުންގެ މަޖިލީހުގައި ތާއީދު ކުރުމަށްފަހު މިއަދު އެމްޑީޕީން އެކަމާއި ދެކޮޅު ހެދުމުގެ އެނޫން އެހެން އެއްވެސް ސަބަބެއް ފެންނާކަށް ނެތެވެ. އެހެން ނޫންނަމަ އެމްއެމްޕީއާރްސީގެ ކަޅު ފައިސާ އަދީބުގެ އަތުން ލިބިގަތީ އެވެ.

އަދީބު ދިން ކަޅު ފައިސާ އެމެމްބަރުންނަށް ބެހިކަމަށް ތުހުމަތުކޮށް ވާހަކަ ދައްކަވާ ސިޔާސީ ބޭބޭފުޅުން ފެނިގެންގޮސްފައި ވެއެވެ. ޔަގީންވާ ކަމަކީ ކަޅު ފައިސާގައި ހިފުމަށްފަހު ވިޔަސް ބިން ވިއްކުމުގެ އިސްލާހަށް ވޯޓްދީފައިވާނީ ޕާޓީގެ އެންމެ އިސްވެރިންނަށް އެގިގެން ތިބެ ކަމެވެ.

ނާޝިދު ވިދާޅުވެފައިވަނީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާކުރެވުނުކަމަށް ނޫންތޯއެވެ. އެދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުން ކުއްލި ބައްދަލުވުމެއް ބާއްވައި ގަރާރު ފާސް ނުކުރީ ކީއްވެގެން ބާވައެވެ؟ އެދުވަހު އެ ބިލަށް ތާއީދު ކުރަން ނިންމެވި ސަބަބުތައް ދިވެހި ރައްޔިތުންނަށް ޚާއްސަކޮށް އެމްޑީޕީގެ މެމްބަރުންނަށް މިއަދު އެޕާޓީގެ ލީޑަ ޝިޕުން ސާފުކޮށްދޭން ނުވޭތޯ އެވެ.

ފ. އަތޮޅަށް އަންނަން އުޅޭ ފަސް ބިލިޔަން ޑޮލަރަށްވުރެ ބޮޑު ބިޔަ މަޝްރޫއު ހުއްޓުވަން ހުއްޖަތަކަށް ދައްކަނީ ވަރަށް ހެއްވާ ވާހަކަ އެކެވެ. އެމްޑީޕީގެ އިސް ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ހާމިދު އަބްދުލް ޣަފޫރު ފެބްރުއަރީ 24 ވަނަ ދުވަހު އޭނާގެ ފޭސްބުކްގައި ލިއުއްވާފައި އޮތީ ސައޫދީއަރަބިއްޔާއިން އިންވެސްޓްކޮށްފިނަމަ އެބިން އޮންނާނީ ފާފައިން ފޯވެފަ އެވެ. ވިއްކާނީ ރަލެވެ. ބާއްވާނީ ރަލުގެ ޕާޓީތެކެވެ.

ސައޫދީ އަރަބިއްޔާއިން ދުނިޔޭގެ ލައްކަ ގިނަ ގައުމުތަކުގައި އިންވެސްޓްކޮށްފައި އެބަހުއްޓެވެ. އިސްލާމީ ގައުމުތަކުގައި ވެސް އިންވެސްޓްކޮށްފައި އެބަހުއްޓެވެ. އެކަމަކު އެމްޑީޕީގެ ވެރިން މިދައްކާ ކަހަލަ ހެއްވާ ދެކޮޅު ނުޖެހޭ ވާހަކަ ދެއްކި ބަޔަކު ނެތެވެ. ދައްކަމުންދާ ވާހަކަތަކަށް ބަލާއިރު އެމްޑީޕީގެ ކަންބޮޑުވުމަކީ ސައޫދީ އަރަބިއްޔާއިން އިންވެސްޓް ކުރުމެވެ. ދުބާއީފަދަ ވަރުގަދަ ޒަމާނީ ސިޓީއެއް ސައޫދީ އަރަބިއްޔާއިން ދިވެހި ރާއްޖޭގައި ބިނާ ކޮށްފިނަމަ އިސްލާމީ ތަހްޒީބުގެ ދަންމަރުތައް އިންޑިޔާ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއިން ދިވެހި ޖައްވަށް ހިއްލާލާނެކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. އެ ސިޓީގައި ވިދާ ބަބުޅާނީ އެމްޑީޕީން އެ ސިފަކުރާ ޣައިރުދީނުގެ ފައްޅީގެ ތަބުތަކެއް ނޫނެވެ.
އެމްޑީޕީން ބުނަނީ ފ. އަތޮޅު ވިއްކާލަން އުޅެނީ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން އެވިދާޅުވީ ފ އަތޮޅު ވިއްކާ ނުލާނެ ކަމަށެވެ. އެ ސުވާލެއް ވެސް ނޫން ކަމަށެވެ.

އެމްޑީޕީގެ ގަރާރާއިމެދު ވިސްނާލީމާ އެހެންކަމެއް ވެސް ފާހަގަ ކުރެވެއެވެ. ފަހަކަށް އައިސް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް ފަދަ އެޕާޓީގައި ތިއްބެވި މެދުމިނުގެ ޚިޔާލުފުޅު ގެންގުޅުއްވާ ހަރުދަނާ ބޭފުޅުން ފ. އަތޮޅުގެ މަޝްރޫއާއިގުޅޭ ގޮތުން ވަރަށް ޕޮޒިޓިވް ވިސްނުންފުޅެއް ގެންގުޅުއްވާކަން ރައްޔިތުންގެ މަޖިލީހުގައި ކޮމެޓީއެއްގައި އެބޭފުޅުން ދެއްކެވި ވާހަކަފުޅުން ދޭހަވެގެން ގޮސްފިއެވެ.

އެހެންކަމުން މި ގަރާރަކީ ފެށުނީއްސުރެ އެޕާޓީ މަގުމައްޗަށް ނުކުމެ ރައްޔިތުން ހަލަބޮލިކޮށްގެން ހިންގާ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވާފަދަ މިލިޓެންޓް ގޮތްގަޑު ކުރިއަށް ނެރެގެން ޕާޓީގެ އެފަދަ ބޭފުޅުންގެ ދޫފުޅު ބަންދު ކުރެއްވުމެވެ. ދުރުވިސްނޭ ނަސޭހަތްތެރިންގެ ބަސް ގަބޫލު ނުކޮށް ރައީސް ނަޝީދުގެ ވެރިކަމުގައި ކެބިނެޓް އެކީއެކަށް އިސްތިއުފާ ދިނުމާއި ފެބްރުއަރީ ހަތްވަނަ ދުވަހު ސިޔާސީ މަޝްވަރާ ގަބޫލު ނުކުރައްވައި ވެރިކަމުން އިސްތިއުފާ ދެއްވުމަކީ އެޕާޓީއަށް ކިހާ ބޮޑެތި ނާކާމިޔާބުތަކެއް ލިބިގެންދިޔަ ހަރުކަށި ވިސްނުންތަކެއްކަން އިހަށްދުވަހު ފެނިގެންދިޔަ މަންޒަރުތަކުން އެނގެ އެވެ.