ފިނިޕޭޖް

ސުނީތާ އަހަރެން ހައިރާންކޮށްލައިފި: ޕްރިޔާންކާ

Mar 4, 2017
1

ރާއްޖޭގެ މަޝްހޫރު ނެށުންތެރިޔާ އަދި ޕްރިޔާންކާ ޗޯޕްރާގެ ސުޕަ-ފޭނެއްގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރުވެފައިވާ ސުނީތާ އަލީގެ އާދަޔާހިލާފު ވާހަކަ ޖީކިއުގެ އިންޑިއާ އެޑިޝަން މަޖައްލާގައި ޝާއިއުކުރުމުން އެ އާޓިކަލް ޓްވިޓާގައި 16.4 މިލިއަން ފޮލޯވަރުންނާ ހިއްސާކުރަމުން ޕްރިޔާންކާ ބުނަނީ މިހެންނެވެ. -- "ސުނީތާ އަހަރެން ހައިރާންކޮށްލައިފި."

ބޮލީވުޑާއި ހޮލީވުޑްގައި ވެސް ސުޕަސްޓާރެއްގެ ދަރަޖަ ހޯދާފައިވާ ޕްރިޔާންކާގެ "އެންމެ ބޮޑު ފޭން" ގެ ގޮތުގައި ސުނީތާގެ ވާހަކަ ޖީކިއު އިންޑިއާގައި ޝާއިއުކޮށްފައި ވަނީ އިއްޔެ އެވެ. މި އިންޓަވިއުގައި ސުނީތާ ވަނީ އޭނާގެ ހިތުގައި ޕްރިޔާންކާ އަށް އޮތް ލޯބި މުޅި ދުނިޔެ އަށް ބަންޑުންކޮށްލައިފަ އެވެ.

މި އިންޓަވިއު ޓްވިޓާގައި ޝެއާކުރުމަށް ފަހު ޕްރިޔާންކާ ވަނީ "ސުނީތާއާ މެދު ވަރަށް ފަހަރުވެރިވާ ކަމަށް" ބުނެ އޭނާ އަށް ހިތްވަރު ވެސް ދީފަ އެވެ. ޕްރިޔާންކާގެ ސަމާލުކަން ސުނީތާ ވަނީ މީގެ ކުރިން ވެސް އެކި ފަހަރުމަތިން ހޯދައިފަ އެވެ. ސޯޝަލް މީޑިއާގައި ޓްވިޓާ މެދުވެރިކޮށް ފެށި މި ލޯބީގެ ދަތުރުގައި ސުނީތާ އަށް ވަނީ ޕްރިޔާންކާއާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ދެ ފަހަރެއްގެ މަތިން ލިބިފަ އެވެ.

އެގޮތުން އެންމެ މަޝްހޫރު ބައްދަލުވުމަކީ، ގަލޮޅު ދަނޑުގައި ބޭއްވި ނިއުއިޔާ ޝޯއަކަށް ޕްރިޔާންކާ ގެނެސްގެން ސްޓޭޖުމަތިން ޕްރިޔާންކާ ބައްދަލުވެ އެވޯޑް ލިބުނު ތާރީޚީ ވަގުތުކޮޅެވެ.

ޖީކިއު އަށް ދިން އިންޓަވިއުގައި ސުނީތާ ވަނީ އޭނާގެ ހިތްދީވާނާ ސިލްސިލާގެ އާ އަލްބަމެއް ނެރެން ތައްޔާރުވަމުން އަންނަ ވާހަކަ ވެސް އިއުލާނުކޮށްފަ އެވެ. އޭނާގެ އެ އަލްބަމުގައި ހިމެނުމަށް ވިސްނާ ވީޑިއޯ ލަވަތަކުގެ ތެރެއިން ލަވައެއްގައި ޕްރިޔާންކާގެ ފެނިލުމަކަށް އުއްމީދުކުރާ ކަމުގެ ވާހަކަ ވެސް ބުނެފައިވެ އެވެ.

ޔަގީނަށް ވެސް ސުނީތާގެ އެ ދައުވަތު ޕްރިޔާންކާ އަށް ލިބިއްޖެ އެވެ. އެހެންވީމަ ސުނީތާގެ ދައުވަތު ގަބޫލުކޮށް، ހިތްދީވާނާގެ ލަވައަކުން ޕްރިޔާންކާ ފެނިދާނެ ހެއްޔެވެ؟