ދިވެހި ސިނަމާ

"މަލިކާ" އަކީ ހަނދާން ނައްތާލާ ވަރަށްވުރެން ހާއްސަ ފިލްމެއް

Mar 5, 2017
2

ކުލަގަދަ ރެޑްކާޕެޓް ހަފުލާއަކަށް ފަހު "މަލިކާ" ގެ ޝޯތައް އޮލިމްޕަހުގައި ފަށާފައިވާއިރު މި ފިލްމު ބެލި އެންމެން ވެސް ބުނަމުން ދަނީ މިއީ ހަނދާން ނައްތާލާ ވަރަށް ވުރެން ހާއްސަ އަދި ބަލާ ކޮންމެ ފަހަރަކު އަގުހުރި އެތައް އިބްރަތްތަކެއް ހާސިލުކޮށްދޭނެ ފިލްމެއް ކަމަށެވެ. ފިލްމު ބެލުމަށް ފަހު ރޭ އޮލިމްޕަހުން ނުކުތް ގިނަ މީހުން ބުނަނީ "މަލިކާ" އަކީ މި މުޖުތަމައުގެ އިތުރުން ފިލްމީ ދާއިރާ އަށް ވެސް އެތައް ފިލާވަޅެއް ނަގައިދިން ފިލްމެއް ކަމަށެވެ.

"މަލިކާ" ގެ ޕްރިމިއާ ނައިޓުގެ ޓިކެޓްތައް ވިއްކީ 200ރ. އަށެވެ. ކުރިއަށް ހުރި ޝޯތަކަށް ޓިކެޓް ވިއްކަނީ 100ރ. ގެ ރޭޓުންނެވެ. މި ފިލްމުގެ ވިއްސަކަށް ޝޯ އޮލިމްޕަހުގައި ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

އޮލިމްޕަހުގައި ރޭ ފިލްމު ބެލި މީހުންގެ ތެރެއިން ޝުއޫރުތައް ބަންޑުކޮށްލި ބައެއް ފަރާތްތަކުން ބުނީ މިވަރުގެ އަސަރުގަދަ ފިލްމެއް ދިވެހި ސިނަމާގެ ފަހުގެ ތާރީޚެއްގަި ބެލިފައިނުވާ ކަމަށާއި ފިލްމުގެ ކުޅަދާނަ ތަރިން ބިންމާ އިބްރާހިމް ވަހީދުގެ މި އަސަރުގަދަ ވާހަކަ އަށް ދިރުން ގެނެސްދީފައި ވަނީ އާދަޔާހިލާފު ގޮތަކަށް ކަމަށެވެ.

"މިފިލްމުގެ ބަތަލާއަކީ އާކުއްޖަކަސް، ކުރީގެ ބާބަތަލާއިން ނަށް އެންމެ ތަންފުކެއްވެސް ދޫނުކުރޭ. އެހާވެސް ފުރިހަމަ. ގިނަސްޓާރުންނަށް ރޯންނޭނގުނަސް ރޯއިރު އައިބުކަމެއް ހުއްޓަސް، މި ފިލްމުގެ ބަތަލާ އެކަންވެސް ގެނެސްދީފާވަނީ ވަރަށް ރީތިކޮށް. ފިލްމު ވަރަށްރީތި،" ފިލްމު ބެލި މީހަކު ކޮމެންޓްކޮށްފައިވެ އެވެ.

ފިލްމުގެ އެކްޓަރުންގެ މޮޅުކަމުގެ އިތުރަށް އެންމެ ގިނަ ބަޔަކަށް ކަމުގޮސްގެން އުޅެނީ ފިލްމުގެ އަސަރުގަދަ އަދި އެހާމެ އިބްރަތްތެރި ވާހަކަ އެވެ. ބެލުންތެރިން ބުނަނީ މިފަދަ ފިލްމެއް އުފައްދަން މާ ބޮޑަށް ވެސް ލަސްވެއްޖެ ކަމަށެވެ.

"މިއޮތްހާ ދުވަހު އުފެއްދީ ކޮން ކަހަލަ ފިލްމުތަކެއް؟ ހަގީގަތުގައި ވެސް ގެނެސްދޭން ޖެހޭ ފިލްމުތަކަކީ މިއީ. މި ފިލްމަކީ މުޅި މުޖުތަމައުގެ ނިކަން ބޮޑު މައްސަލައަކަށް އަލިއަޅުވައި އެތައް ފިލާވަޅުތަކެއް ނަގައިދޭ ފިލްމެއް،" އެހެން ބެލުންތެރިޔަކު ބުނެފައިވެ އެވެ.

ބިންމާ އިބްރާހިމް ލިޔެފައިވާ މި ފިލްމުގައި ދައްކުވައި ދެނީ ބައްޕަ އާއި އާއިލާއެއްގެ މުހިންމުކަމާއި ބައްޕަ އަށް އަޅާނުލައި ދޫކޮށްލާ ދަރިންތަކަކަށް ޖެހޭ ނިކަމެތި ހާލެވެ. ފިލްމުގެ ޕްރޮޑިއުސަރުން ވެސް ބުނެފައި ވަނީ މިއީ މުޖުތަމައުގެ ބޮޑު މައްސަލައަކަށް އަލި އަޅުވައިގެން އެކަމަށް އެޑްރެސްކުރުމުގެ ބޭނުމުގައި ގެނެސްދިން ފިލްމެއް ކަމަށެވެ.

އެކަމަކު މި ފިލްމު ހާއްސަވާ ހަމައެކަނި ސަބަބަކީ އަދި މިއީއެއް ނޫނެވެ. މިއީ މުޅިން ތަފާތުގޮތަކަށް މާކެޓްވެސް ކުރެވިގެން ގެނެސްދީފައިވާ ފިލްމެެކެވެ. ކުރިއާލައި ވަރަށް ބޮޑަށް ރޭވުންތައް ރޭވިގެން ފިލްމުގެ މަސައްކަތް ވެސް އޮތީ ރަސްމީކޮށް ފިލްމު އިއުލާނުކުރުމުގެ ތިން މަސް ކުރިން ނިންމައިފަ އެވެ.

އަނެއްކޮޅުން މީގެ ކުރިން ދިވެހި ސިނަމާގައި ދުވަހަކު ވެސް ފެނިފައިނުވާ މަންޒަރެއް މި ފިލްމުގެ ޕްރިމިއާ ނައިޓުގެ ކުރިން ވެސް ދައްކާލާފައިވެ އެވެ. އެއީ ނޫސްވެރިންނަށް ހާއްސަކޮށްގެން ރާއްޖޭގައި މިގޮތަށް ބޭއްވި ފުރަތަމަ ޝޯ އެވެ. އެހެންވީމަ "މަލިކާ" އަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ދިވެހި ސިނަމާގައި ހާއްސަވެގެންދާނެ ފިލްމެކެވެ.