ވާހަކަ

މުޅިޖާންހިތާ

(2 މާރިޗު 2017 އާ ގުޅޭ)

"އަހަރެން އަޑުއެހިން އެ ޤައިސްއެއް ކުރިން އިނީ ރާއްޖޭން ބޭރުމީހަކާއޭ" ހިދާ އިނދެފައި ބުނެލިއެވެ. އެއާއެކު ރުބީނާއާއި ސަލްމާއާ އެއްފަހަރާ ހިދާއަށް ބަލާލިއެވެ.

"ވަޖީހު ވެސް ބުނި އެކަހަލަ ވާހަކައެއް... މާ ބޮޑަކަށް އެ ވާހަކައެއް ނޭނގޭ... ޤައިސް ވެސް އޭނާގެ އަންހެނުންގެ ވާހަކަ ނުދައްކާކަމަށްވަނީ... އެހެންނޫނަސް މިހާރު ހުސްކޮށް ހުރިއްޔާ އެ ނިމުނީނު... ދޯ ރޫބީ" މޭޒުމަތީގައި ހުރި އޮރެންޖު ޖޫސްތަށީގައިވާ ހޮޅީގައި އަނގަޖާލަމުން އެތި ފޮދެއް ސަލްމާ ބޯލިއެވެ. އެވަގުތު އޭނާގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ރުބީނާ ބޯޖަހާލިއެވެ.

"ހިދާ ކީއްވެތަ މިއަދު މާ ފާޑަކަށް ތި އިންނަނީ" އެހެން ދުވަސް ދުވަހަށްވުރެ ހިދާގެ ވާހަކަ މަދުކަން ރުބީނާއަށް ފާހަގަވިއެވެ.

"އަހަރެން މި އުޅެނީ ވަރުގަދަކަމަކާ ޖެހިގެން" މަޑުމަޑުން އިނދެފައި ހިދާ ބުނެލިއެވެ.

"ކިހިނެއްވީ؟ ޝަހުބާން މީހަކާ އިންނަނީތަ؟" ސަލްމާ ސަމާސާކޮށްލިއެވެ.

"އޭނައަކަށް ނުކެރޭނެ އެހެންމީހަކާ އިންނާކަށް... އެޔެއްނޫނޭ... މިއުޅެނީ އެންމެ ހަގަށް ދެވަނައަށް ހުންނަ ދަރި މީހަކާ ހިތާވެގެން އުޅޭތީ" ހިދާގެ މޫނުމަތިން ފޫހިކަން ފާޅުވިއެވެ.

"ދަރިންބޮޑެތިވީމަ އެމީހުން ވެސް މީހުނާ ހިތާވާނެއެއްނު" ސަލްމާ ބުންޏެވެ.

"ހިތާވުމެއްނޫނޭ މައްސަލައަކީ... ރާއްޖޭން ބޭރުގައި މިހާ ދުވަހު ހުރެފައި އައި ގޮތަށް ފާޑެއްގެ ސޮރަކާ ގުޅުނީމަ މައްސަލައަކީ... އެ ފިރިހެނާ ވެސް އަދި ވަރަށް މަކަރުގަދައޭ... ރީޝާގެ އުފަން ދުވަސް އައިސްފައި ހިނގައްޖެ... ހަރާން ފަދަ އެ ކުއްޖާއަށް އެ ފިރިހެނާ ދިން އެއްޗެއް... އެކަމަކު މި ހުސްވި ފެބްރުއަރީގައި އެ ފިރިހެނާގެ އުފަން ދުވަސް އައިސްގެން ރީޝާ އޭނާއަށް އައިފޯނާ، އަގުބޮޑެތި ސެންޓާ، ބްރޭންޑެޑް ޓީޝާޓާއި ޖިންސާއި... މިހެންގޮސް ނުދޭ އެއްޗެއްނެތް... އޭނާގެ ހިތްމޮޅުކަން ވެސް އިންތިހާ... ކުރީބައިގައި އުފަންދުވަހަށް ބޭނުންވާ އެއްޗެހީގެ ލިސްޓެއް ވެސް ރީޝާއަށް ދީގެން އުޅުނީ... މި ދެން ބޮޑުވަރެއްނު... އަހަރެންގެ ހިތް ބުނަނީ އޭނާ އެ އުޅެނީ ރީޝާގެ ފަރާތުން ވާ ފައިދާއަށް ވިސްނާފައޭ އެކުއްޖާއާ ގުޅިގެން" މޭޒުގައި އުޅަންބޮށިކޮޅު ވިއްދާލުމާއެކު އަތުގައި ދަތްދޮޅި ހިދާ އަޅުވާލީ މާޔޫސްވެފައި އިނދެއެވެ.

"ނަސީބެއް ތި ސަކަރާތުން އަހަރެން ސަލާމަތްވިކަން... ހިދާ ވެސް ނިކަން އަހަރެން ހެދިހެން ރަނގަޅު ކުއްޖަކު ހޯދާފައި އެ މީހަކާ ގުޅުވަބަލަ... މިހާރު ހަމައެކަނި ފައިސާ އޮތަކަސް ކަމަކު ނުދާނެ... ބަލާލަން ވެސް ރީތިވާން އެބަޖެހޭ... ނޫނީ ކޮންމެވެސް ގޮތަކުން އެ ފިރިހެންކުއްޖާ ދުރުކުރުވަންވީނު... ކީކޭ ރޫބީ ބުނަނީ" ސަލްމާ ވާހަކަދެއްކި އިރު ވެސް ރުބީނާ އިނީ ކޮންމެވެސް ކަމަކާ ވިސްނާށެވެ.

"އަހަންނަށް ވެސް ކަމަކު ނުދޭ ކޮންމެކޮންމެ މީހަކާ އަހަރެންގެ ނިޔާނު ގުޅޭކަށް... މައުރީން އަދި އެކަހަލަ ކަމެއް ކުރާވަރަށްވުރެ ކުޑަ... އެހެންވިޔަސް ތި ބުނާކަހަލަ މީހަކާ ގުޅޭކަށް އެއްގޮތަކަށް ވެސް ޤަބޫލެއްނުވެވޭނެ" ރުބީނާ ވިސްނަން އިނދެފައި ބުނެލިއެވެ.

"އަހަރެން ނުރުހޭކަން އެނގޭތީ ރީޝާ ހުންނަނީ އަހަރެންދެކެ ރުޅި އައިސްފައި... އެހާ ބޮޑަށް ދެކޮޅުވެރިކަން ދައްކާކަށް ވެސް ނުކެރޭ.... ބިރުގަނޭ އެކުއްޖާ ގެއިން ނުކުމެގެން ހިނގައިދާނޭތީ... އެ ފިރިހެންމީހާ އަހަރެންގެ ދަރިފުޅުގެ ބޭނުންކޮށްލާފައި އެކުއްޖާ ދޫކޮށްލައިފިއްޔާ ދެން ކިހިނެއް އަހަރެން ހަދާނީ... މިވަގުތު ރަނގަޅު ކުއްޖަކު ވެސް ނެތޭ އަތުޖެހޭ ހިސާބަކު"

"ތީގެ މާނައަކީ ހިދާއަށް ކަމުދާ ކުއްޖަކު ހުރިއްޔޭތަ؟" ސަލްމާ އަހާލިއެވެ.

"އާން! އެބަހުރި... މިވަގުތު އެ ޢާއިލާވީ ލަންކާގައި" ހިދާ ބުންޏެވެ.

"ލަންކާ އެއީ މާދުރެއްނޫނެއްނު... ހިދާގެ ކުޑަކުއްޖަކު ވެސް ނެތެއްނު... ތިބުނާ ޢާއިލާއަކާ ވާހަކަދައްކާފައި ރީޝާ ގޮވައިގެން ދުވަސްކޮޅަކަށް އެކޮޅަށް ދާން ފެންނަނީ... މަސައްކަތެއް ވެސް ކޮށްލައިގެން ދޯ ކަމެއްވާނީ... ދަރިންގެ ބޮލަށް އަހަރުމެންނަށްވުރެ ބޮޑަށް އެހެންބަޔަކަށް އެރެވިދާނެއޭ ހީނުކުރޭ... އަހަރުމެން މީ އެމީހުން އުފަންކުރި މީހުން... އަހަރުމެންނަށް ދޯ ދަރިންގެ ކަންކަން އެންމެބޮޑަށް އެނގޭނީ... މިހާރު ވެސް ހިދާ މާ ލަސްކޮށްފި... ތިހެން ނުހުރެ އަވަހަށް ފުރަންއުޅޭ... ތިބުނާ ފެންވަރުގެ ފިރިހެންކުއްޖެއްނަމަ ރީޝާގެ ފަހަތަކުން ލަންކާއަށް ދާނޭ ފެންވަރެއް ނުހުންނާނެ... އެހިސާބުން ދެން ޖެހޭނީ ވަކިވާން... އަދި ބުނަން... ލަންކާގައި ހުންނަ ދުވަސްކޮޅު ރީޝާގެ ހިތް އަނބުރާލެވޭތޯ ބަލަންވާނެ" ހީނލާފައި ސަލްމާ ބުނެލިއެވެ.

އެކުވެރިން ފަހުން ފެށި މައުޟޫޢަކީ ރުބީނާއަށް ޚިޔާލެއްދޭން ފަސޭހަ މައުޟޫޢަކަށް ނުވިއެވެ. އޭގެ ބަދަލުގައި އޭނާގެ ސިކުނޑިއަށް ޖަމާވަމުންދިޔަ ތަފާތު ޚިޔާލުތަކުން ހާސްކަން ލިބެމުންދިޔައެވެ. ބޮޑުވެފައި ހުރި ފިރިހެންދަރިފުޅާ މެދު ރުބީނާ ވަރަށް ފޮނި އުންމީދުތަކެއް ކުރެއެވެ. އެ ދަރިފުޅުގެ ދިރިއުޅުން ބިނާކުރާނޭގޮތް މިހާރު ވެސް އޭނާގެ ހިތުގައި ރާވާލެވިފައިވެއެވެ. އެހެންނަމަވެސް ހެނދުނު ނިޔާނުގެ ފަރާތުން ފެނުނު ހަރާކަތްތައް ރުބީނާގެ ހިތަށް ބިރުވެރިކަން ވެރިކުރުވަން ފަށައިފިއެވެ.

މޭޒުދޮށުގައި ތިބެފައި މިއަދު ވެސް ބިލުގައި ހިފީ ސަލްމާއެވެ. ސަލްމާގެ ފިރިމިހާ ވަޖީހަކީ ރާއްޖޭގައި ނަންހިނގާ މަޝްހޫރު ވަކީލުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ފައިސާއަކީ އެ ދެމަފިރިންނަށް ބޮޑު އެއްޗެއް ނޫނެވެ. ތިންކުދީން ތިބިއިރު އެ ތިންކުދީން ވެސް މިހާރު ތިބީ މީހުނާ އިނދެގެން އަމިއްލަ ދިރިއުޅުމެއް ފަށާފައެވެ. ވަރަށް އަވަހަށް މާމައަކަށް ވެސް ސަލްމާ ވާނެއެވެ.

ހިދާއާއި ޝަހުބާނަކީ ވެސް ލިބޭ ދެމަފިރިންނެވެ. މާލޭގައި ހެދުން ވިއްކާ ދެތިން ފިހާރަ އެ މީހުންގެ ހުރެއެވެ. ހަތަރު ދަރިންގެ ތެރެއިން ދޮށްޓަށް ތިބި ދެ ފިރިހެން ކުދީން އުޅެނީ މީހުނާ އިނދެ އެ މީހުންގެ އަނބިންގެ ގޭގައެވެ. ހަގަށް ތިބީ އަންހެން ދެބެންނެވެ. ދެ ކުދީން ތިބީ މީހުނާ އިންނަވަރު ވެފައެވެ. މިނިވަންކަމާއެކު ރަޙުމަތްތެރިންނާއެކު ގެއިން ބޭރުގައި އުޅުނު ނަމަވެސް ގޭތެރޭގައި އެއްވެސް ކަމެއް ނުކުރެވި ނުހުރެއެވެ. ޝަހުބާންވަނީ ހިދާއަށް ފަސޭހަކޮށްދޭން ގޭގައި ގެންގުޅޭ މީހުނަށް ދަންދެން ހޯދައިދީފައެވެ.

ދެ އެކުވެރިންނާ ބަލާފައި ރުބީނާގެ ދިރިއުޅުން ތަނަވަހެއް ނޫނެވެ. އޭނާ ވެސް ބޭނުންވަނީ އެ މީހުން ފަދަ ތަނަވަސް ދިރިއުޅުމެއް ހޯދާށެވެ. ރަށުން މާލެ އައީ ކިޔަވާށެވެ. އެހެންނަމަވެސް ކިޔެވުން ދޫކޮށްލީ އަމީރުއާ ދިމާވެގެންނެވެ. މާލޭ ގެދޮރު ހުރި ފިރިހެނަކާ އިނުމުން ދިރިއުޅުން ތަނަވަސްވާނޭ ކަމަށް އޭރު ރުބީނާއަށް ވިސްނިފައި އޮތުމުންނެވެ. އެހެންވެ ކިޔެވުން ވެސް ދޫކޮށްލާފައި އަމީރުއާ ކައިވެނި ކުރުން އެންމެ މުހިންމު ކަމަކަށް ހެދީއެވެ. ނަމަވެސް ހީކުރި ގޮތެއް ނުވިއެވެ. އަމީރަކީ ބުރަކޮށް މަސައްކަތް ކުރާ މީހެއް ނަމަވެސް ރުބީނާ ހިތް އުފާވާ ވަރަށް ފައިސާ ގެނެސް ނުދެވެއެވެ. ގޭގެ ޚަރަދުތައް ބަލަހައްޓާކަށް ރުބީނާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. އެހެންވެ މަސް ހުވުމުގެ ކުރީން އަތްމަތި އޮންނަނީ ހުސްވެފައެވެ. އަތްގާތްކޮށްދޭނޭ ޚާދިމުންތަކެއް ނެތުމުން އެކަން ވެސް ރުބީނާއަށް ބޮޑުކަމަކަށް ވިއެވެ. އެ ހުރިހާ ކަމަކަށްވުރެ ވެސް ބޮޑުކަމަކަށްވީ އަމީރުގެ އެއްބަނޑު އެއްބަފާ ކުދީން ތިބީތީ ގެއިން އަމީރަށް ލިބޭ ތަންކޮޅު ކުޑަވުމެވެ. އެ ހުރިހާ ފޫހިކަމެއްގައި ރުބީނާގެ ދިރިއުޅުން ދަތިއުނދަގޫ ކަމަކަށް ވެފައި ވެއެވެ. އަމީރުގެ މަތިން ގިނަ ދުވަހެއްނުވެ ހިތްކެނޑިއްޖެއެވެ. އެއާއެކު ރުބީނާއަށް އައު ރައްޓެހިންތަކެއް ވެސް ލިބުނީއެވެ. ސަލްމާއާއި ހިދާގެ ދިރިއުޅުން ފެނި އެމީހުން ފަދައިން އަރާމު ދިރިއުޅުމަކަށް ނިހާޔަތަށް ބޭނުންވީއެވެ. ރުބީނާގެ ރީތިކަމަށް ހުއްޓޭ ނަޒަރުތަކުން އާދިލް ހޮވާލީ އޭނާގެ އަތުގައި ފައިސާ އޮތީތީއެވެ. ރުބީނާ ނުބުންޏަސް އޭނާއަށް ޓަކައި ބޮޑެތި ޚަރުދަތައް ކުރާތީއެވެ. އަމީރުގެ ގާތުން ވަރިނުވެ ހުރެ އާދިލްއާއެކު ހަފްލާތަކަށް ދިއުމާއި އެކުގައި ކާރުގައި ނުވަތަ ސައިކަލުގައި ބުރުޖަހާލަން ދިއުންވީ އަމީރަށް ކެތްވާވަރު ކަމަކަށް ނޫނެވެ. އަނބިމީހާ ހިލޭ ފިރިހެނުން ދޭ އެއްޗެހި ބޭނުންކޮށް އެ މީހުންނާއެކު ވަގުތު ހޭދަކުރާތަން ދުށުމަށް ނޭދޭތީވެ ރުބީނާ ވަރިކުރީއެވެ. އަދި ދަރިންނަށް ޓަކައި ވަކި އެޕާޓްމެންޓެއް ހަދާފައި އެބައިގައި ކުދީންނާއެކު ރުބީނާ ހުރުމަށް އިޒުނަ ދީފައި އޮތީއެވެ. އެހެންވިޔަސް ރުބީނާ ބޭނުންހާ ގޮތަކަށް އުޅުމުގެ ހުއްދައެއް އަމީރު ނުދެއެވެ. ހުރިހާ ވެސް މައްސަލައަކީ އަމީރުގެ ގޭގައި ރުބީނާއަށް އުޅެން ޖެހިފައި ވުމެވެ. ވަކިން ތަނެއް ކުއްޔަށް ހިފައިގެން އުޅޭކަށް ދަރިން ބޭނުމެއްނުވެއެވެ. އެހެންވެ ދަރިންނާ ދެ ކޮޅަށް ތެދުވާކަށް ރުބީނާ އަދި ނުވިސްނައެވެ. އެހެންނަމަވެސް އުމުރުގެ ބަކީ އޮތް ދުވަސްތައް އުފާވެރި ކައިވެންޏެއްގައި ހޭދަކޮށްލުމުގެ ހުވަފެން ދުށުން ރުބީނާ ހުއްޓައެއްނުލައެވެ.

* * * *

އޮފީސް ނިންމާފައި އައިރާ ގެއަށް އައި ވަގުތު ޒަމާނީގެ ދޮރޯށި ހުޅުވާލައިފައި ނުކުން ހިޝްމާ ފެނުނެވެ. ވަގުތުން ހިޝްމާގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ. އައިރާއަށް ދެ ލޯ އަޅާލުމާއެކު ތުންއަނބުރާލިއެވެ.

"ފިޔަފެޅީމާ އުދުއްސައިގަތީ ދޯ... ބަލަ އަހަރުމެން ކިހާ ޚަރަދެއްކޮށްގެންކަން އެނގޭތަ ކަލެއަށް ތި ހިސާބަށް އާދެވިފައި ތި ހުރީ... އަހަރުމެން ކަލޭ ގެންގުޅެ ތިވަރު ކުރީމަ ބަދަލުދޭން އެނގުނު ގޮތަކީ ތީ ދޯ... ނަމަނަމަ އަހަރުމެންނާ ދެން ވައި ވެސް ނޭޅޭތި... މަ ބަލާނަން ތިބުނާ މީހަކު ކަލެއާ އިނދޭތޯ... މާލޭ މީހުން މިކަހަލަ ރަށްރަށަށް އަރާފައި ކަލޭ ކަހަލަ މޮޔައިންގެ ބޭނުން ހިފާނީ" މަޑުކޮށްލުމާއެކު އެއްއަތް އުނަގަނޑުގައި ވިއްދާލާފައި އައިރާއާ ދިމާއަށް ނިކަން ބާރަށް ހިޝްމާ ހަޅޭލަވަންފެށިއެވެ. އެއާއެކު އެ ޒުވާބުގައި ބައިވެރިނުވާންވެގެން އައިރާ ދުއްވައިގަތެވެ. ލިޒީމެން ގެ ހުރީ ފެންނަ ހިސާބުގައި ކަމުން ދުވެފައި އައިގޮތަށް އަވަހަށް އެގޭ ތެރެއަށް ވަދެގެން ހިނގައްޖެއެވެ.

"އޭތް! އޭތް!..." ހަލުވިކޮށް ކޮޓަރިއާ ދިމާއަށް އައިރާ ދަނިކޮށް ބަދިގެ ފަރާތުން ގޭތެރެއަށް ވަދެގެން އައި ލިޒީ ގޮވާލިއެވެ. ހަމައެވަގުތު ސިޓިންރޫމު ދޮރުމަތީ ހުރެފައި މަލީހާއަށް ނިކަން ބާރަށް ގޮވާލި ހިޝްމާ ފެނިއްޖެއެވެ.

"މަންމަ ބަދިގޭގަ" ފާޑަކަށް ލިޒީ ބުންޏެވެ.

"ކަލެއާ ކަލޭގެ މަންމައާ ދެމީހުން ވެގެން ކުރުވި ކަމެއްކަން ޔަޤީން" ލިޒީއަށް ބަލަން ހުރެ ހިޝްމާ ބާރަށް ބުނެލިއެވެ. އެއާއެކު އަތުގައި އޮތް ކޮފީޖޯޑުން އެތިފޮދެއް ބޮމުން ހިޝްމާ ކީ އެއްޗަކަށް އަޅާ ވެސް ނުލާ އެނބުރި ބަދިގެއާ ދިމާއަށް ލިޒީ ހިނގައިގަނެއްޖެއެވެ. އޭނާގެ މި ހަރަކާތުން ހިޝްމާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ހަލުވިކޮށް ގޭތެރެއަށް ވަދެގެން އެ އައި ގޮތަށް ލިޒީގެ ގާތުން އަޅާފައި އޭނާއަށްވުރެ ކުރިން ބަދިގެ ފަރާތަށް ހިޝްމާ އަތުވެއްޖެއެވެ.

"މަލީހާ... މަލީހާ..." މަލީހާއަށް ގޮވަމުން ގޮވަމުން އައިސް ބަދިގެ ދޮރުމައްޗަށް ހިޝްމާ އެރިއެވެ.

"އޯއި... ތަނެއްގަ ރޯވީތަ؟" މަލީހާ ބަދިގެ ތެރެއިން ބޭރަށް ބޯދިއްކޮށްލި ވަގުތު ހިޝްމާ ފެނިފައި ހުއްޓިއްޖެއެވެ. އޭނާއަށް ލިބުނީ ހައިރާންކަމެވެ. ހިޝްމާއަކީ އެއްވެސް އިރެއްގައި އޭނާއާ މާ ގުޅޭ މީހެއްނޫނެވެ. އެކަމަކު ގެއަށް ވަދެ ހުރިތަން ފެނުމުން ކަމެއް ގޯސްވެއްޖެހެން މަލީހާގެ ހަވަނަ ހިއްސު އަންގައިދިން ކަހަލައެވެ.

"ކަލޭމެން އޭނާ މިގެއަށް ވައްދައިގެން ކީއްކުރާނަމޭ ހިތައް އަރައިގެންތަ ތި އުޅެނީ" ހިޝްމާ ރުޅި އައިސްފައި ހުރިވަރުން މަޑަކުން ވާހަކައެއް ނުދެއްކެއެވެ.

"އައިރާ މިގޭގައި ހުންނަނީ ކޮޓަރިއެއް ކުއްޔަށް ހިފައިގެން... ބަލަ ހިޝްމާއަށް ނޭނގުނަސް އެއީ ބޮޑުވެފައި ހުރި އަންހެންކުއްޖެއް... އަމިއްލަ ގޭތެރޭގައި އެކުއްޖާއަށް ރައްކާތެރިކަމެއްނެތްކަން ހިޝްމާއަށް އެނގޭއިރު ވެސް ތިހުންނަނީ އެނގޭކަމަށް ހަދާނުލާ... ތީ އަންހެނެއްތަ؟ ކޮންމެހެން މިގެއަށް ވަދެ އަހަންނާ ޒުވާބު ކުރަން އުޅޭނެކަމެއްނެތް؟ އަހަރެން ޝުކުރުކުރަން އެކުއްޖާ ކަލޭމެން ކައިރިން ދުރަށްދާން ނިންމީތީ ވެސް... މިހާ ދުވަހު އައިރާ ކަލޭމެންގެ ގާތުގައި ހުރެގެން ގަނަތެޅުނީ... ދާއޫދު ނާންނަނީސް މިގެއިން ހިޝްމާ ދިޔައްޔާ ރަނގަޅުވާނީ" މަލީހާ ވެސް ވާހަކަދެއްކީ ރުންކުރުކޮށެވެ. ހިޝްމާއަށް ވީގޮތެއް ނޭނގެއެވެ. އެއްޗެއް ބުނަން އުޅެފައި އަނގަބަންދުކޮށްލުމާއެކު ގޭތެރެއަށް ވަދެގެން އައި ބާރުމީނުގައިހެން ނުކުމެގެން ހިނގައްޖެއެވެ.

"ކޮބާ އައިރާ" މަލީހާގެ ގާތުގައި ހުރި ލިޒީއަށް އޭނާ ބަލާލީ ކަންބޮޑުވުމުގެ ނަޒަރަކުންނެވެ.

"އަހަންނަށް ހީވަނީ އެ ހިޝްމާ އެއްޗެހި ކީހެން... އައިރާ ދުވެފައި ގޭތެރެއަށް ވަދެގެން ހިނގައްޖެ" ލިޒީ ބުނެލިއެވެ.

"ލިޒީ ދޭބަލަ އައިރާ ކޮބާތޯ ބަލަން... މިހާރު ހުންނާނީ ވަރަށް ބަނޑުހައި ވެސް ވެފަ... ދޭ ގޮވައިގެން ސައިބޯން އަންނަން... ހިޝްމާ އުޅޭނެ އެހެން... އެ އުޅެނީ އައިރާގެ ފަރާތުން ލިބުނު ފައިދާގަނޑު ގެއްލިގެން އެކަމާ ހިތަށް ކުޅަދާނަނުވެގެން" މަލީހާ އެނބުރި ބަދިގެއަށް ވަނެވެ.

* * * *

ހަފްތާއެއްހާ ދުވަސް ހޭދަ ވެގެން ދިޔައިރު ވެސް ނިޔާނަށް ކައިވެނީގެ ވާހަކަ ދައްކާނޭ ފުރުޞަތެއް ލިބުނު ކަމަކަށް ނުވެއެވެ. ހަޤީޤަތުގައި އޭނާ ޖެހިލުންވަނީއެވެ. ރުބީނާގެ ގާތުގައި އެހާ އަމިއްލަ ވާހަކައެއް ބުނަންވީމައެވެ. މަންމަގެ ޚިޔާލު އެއްގޮތަކަށް ވެސް ނޭނގޭތީއެވެ. އައިރާއާ ފޯނުން ވާހަކަދައްކާލާ ކޮންމެ ފަހަރަކުހެން އޭނާ ކުރާ ސުވާލަކީ އެއީއެވެ. މަންމަގެ ގާތުގައި ކައިވެނީގެ ވާހަކަ ދައްކައިފިންތޯއެވެ. އިތުރަށް އެއްވެސް އެއްޗެއް އައިރާ ނުބުނެއެވެ. އެކަމުގެ ސަބަބުން ނިޔާނަށް އައިރާ ކުރާ އިތުބާރު ކުޑަވެދާނެއޭ ވެސް ހިވާން ފަށައިފިއެވެ. އަމިއްލަ ފިނޑިކަން އެއްފަރާތްކޮށްލަންވީ ވަގުތު އައިސް ޖެހިއްޖެކަމުގައި ނިޔާނުގެ ޟަމީރު ވިސްނައިދޭންފެށިއެވެ. ހިތްވަރުކޮށްފައި ރުބީނާގެ ގާތުގައި ކައިވެނީގެ ވާހަކަ ދައްކައިގެން ނޫނީ އައިރާއަށް ވެފައި އޮތް ވަޢުދު ނުފުއްދޭނެއެވެ. އައިރާ އެ ހުރީ ނިޔާނު އެނބުރި އަންނާނެ ކަމުގެ އިންމީދުގައި އޭނާގެ އިންތިޒާރުގައެވެ. ޖުވައިން ވެސް ނިޔާނަށް ހިތްވަރުދެމުން ދިޔައީ ލަސްނުކޮށް ޢާއިލާ މީހުން ގާތުގައި ނިޔާނު ކޮށްފައި އައިސް އުޅޭ ކަންތައްތައް އޮޅުންފިލުވައިދިނުމަށެވެ. ހަމައެއާއެކު ރުބީނާއަށް ވެސް ވަނީ ނިޔާނަށް ބަދަލުތަކެއް އަތުވެއްޖެކަން ފާހަގަކުރެވިފައެވެ. އެކަމާ ވާހަކަދައްކާލަން އޭނާ ވެސް ހުރީ ބޭނުންވެފައެވެ.

ހަވީރު އޮފީހުން އައިސް ފެންވަރާލައިގެން ނިޔާނު ބަދިގެ ފަރާތަށް އައެވެ. އޭރު އޭނަ އެދުނު ފަދައިން ރުބީނާ ހުރީ ހޫނު ކޮފީތަށްޓެއް ތައްޔާރުކޮށް ކާމޭޒުމަތީ ބަހައްޓާފައެވެ.

"މަންމާ... ހަދިޔާދަޅުތައް ކެނޑީތަ؟" ކާމޭޒު ދޮށުން ގޮނޑިއެއް ދަމާލައިފައި ނިޔާނު އިށީނެވެ.

"ތެލުލި ބަނބުކެޔޮ ދެ ދަޅު ހުރި... މިހަފްތާއެއްކޮށް ކާގަޑިއަށް ތެތްލިފަތް މިނަގަނީ ވެސް އެތަނުން ދަޅަކުން... ނިޔާނު ބޭނުންތަ ބަނބުކެޔޮކޮޅެއް؟ މަންމަ މިހާރު އެ ތަނުން އެއްދަޅު ސަލްމާދައްތައަށް ވެސް ދީފިން" ސިންކު ކައިރި ސާފުކޮށްލާފައި ރުބީނާ އެނބުރިލީ ނިޔާނާ ދިމާއަށެވެ.

"މިވަގުތު ބޭނުމެއްނޫން... ކޮބާ މައު؟" ނިޔާނުގެ ހިތް އަވަސްވެފައިވާކަން ނުދައްކަން އޭނާ މަސައްކަތްކުރިއެވެ.

"ވެއްޖެ ކޮޓަރީގައި..." ތިރީކަބަޑު ސެޓުގައި ބުޑުޖައްސާލައިގެން ރުބީނާ ހުއްޓެވެ.

"މަންމާ... އާދެބަލަ މިތާ އިށީންނަން" ނިޔާނު ލާލާ ހުރި ނޭވާ ހިފަހައްޓާލަމުން ކަހަލަ ގޮތަކަށް ރުބީނާއަށް ބުންޏެވެ.

"ނިޔާނު ކަމެއް ބޭނުންވީތަ؟" ރުބީނާ އައިސް ބިއްލޫރި ވަށް މޭޒު ކައިރީ ނިޔާނަށް ކުރިމަތިވާނޭހެން ހުރި ގޮނޑީގައި އިށީނެވެ. އަދި އެއްފައި މައްޗަށް އަނެއްފައި އަރުވާލުމާއެކު ގޮނޑީގައި ހަމަޖެހިލައިފިއެވެ. ނިޔާނު ބުނަން އުޅޭ އެއްޗެއް އަޑުއެހުމަށް ސަމާލުވެލީއެވެ.

"ނޫން! މަންމަ ކައިރީ ވާހަކައެއްބުނަންވެގެން" ނިޔާނު ކޮފީޖޯޑުގެ ކައިރިފަށުގައި އިނގިލިހާކާލަމުން ވާހަކަދެއްކިއެވެ. އޭނާ ބުނަންއުޅޭ ވާހަކައިގެ ގޮތުން ރުބީނާއާ ހަތަރުކަޅި ހަމަކުރާކަށް ނުކެރުނެވެ.

"އެބައޮތް މަންމަ ވެސް ނިޔާނުއާ ދައްކަންޖެހޭ ވާހަކައެއް... އެކަމަކު އިހަށް ނިޔާނު ތި ބުނަން އުޅޭ އެއްޗެއް ބުނެބަލަ" ރުބީނާގެ ހިތުގައި އޮތް އެއްޗެއް އިހަށް މަޑުޖައްސާލީ ދަރިފުޅަށް ޓަކައެވެ. ޤައިސްއާ ބައްދަލުކުރާން ދާން ސަލްމާ އޮތީ ހަމަޖައްސާފައެވެ. އެހެންވީމާ ދިއުމުގެ ކުރީން ނިޔާނުގެ ޚިޔާލު ހުރިގޮތެއް ހޯދަން ރުބީނާ ބެނުމެވެ. ޤައިސްއަކީ ކަމުދާ ކަހަލަ މީހަކަށްވެއްޖެނަމަ ރުބީނާއަށް ހުރަހަކަށް ވާނޭ އެއްވެސް ކަމެއް އޮންނާކަށް އޭނާ ނޭދެއެވެ. މެންދުރު ސަލްމާ ގުޅާލާފައި އެ ވާހަކަ ބުނީއްސުރެން ރުބީނާގެ ހިތާއި ސިކުނޑީގައިވަނީ ޤައިސްގެ ޚިޔާލުތަކެވެ. އޭނާއާ ބައްދަލުވުމުން ކަންތައްކުރާނީ ކިހިނެއްބާއޭ ތަކުރާރުކޮށް އަމިއްލަ ހިތާ ރުބީނާ ސުވާލުކުރިއެވެ.

"އަހަރެން... މަންމާ!... އަހަރެން އެބަ ވިސްނަން މީހަކާ އިންނަން..." ނިޔާނު ޖެހިލުންވެފައި އިނދެ ވެސް ހިތުގައިވާ އެއްޗެއް ރުބީނާއަށް ހާމަކޮށްފިއެވެ. އަދި ރުބީނާއަށް ބަލާލީ އޭނާ އެ ބުނެލި އެއްޗަކުން ރުބީނާއަށް އެއްވެސް ކަހަލަ ބަދަލެއް އައިތޯއެވެ. ނިޔާނަށް ބަލަހައްޓައިގެން އެސްފިޔަ ޖަހާލުމެއްނެތި ބުދެއްހެން ރުބީނާ ހުއްޓުން އަރާފައި އިނެވެ. ޔަޤީނުން ވެސް މަންމައަށް ޝޮކެއް ލިބިއްޖެކަން ނިޔާނަށް އެނގުނެވެ.

(ނުނިމޭ)