ޕީޕީއެމް

އަލަށް ގުޅުނު 11000 މެންބަރުންގެ ފޯމް ޕީޕީއެމް އީސީއަށް ހުށަހަޅައިފި

ޕީޕީއެމާ އަލަށް ގުޅުނު 11000 މެންބަރުންގެ ފޯމް މިއަދު އިލެކްޝަން ކޮމިޝަނާއި ހަވާލު ކޮށްފި އެވެ.

ޕީޕީއެމްގެ ފަރާތުން އިލެކްޝަން ކޮމިޝަނާ ފޯމްތައް ހަވާލު ކޮށްދެއްވީ އެ ޕާޓީގެ ޕީޖީ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބުރާހިމް ފަލާހެވެ. މި ފޯމްތައް ހަވާލު ކުރި އިރު ޕީޕީއެމުން މިދިޔަ މަހާއި މި މަހުގެ ތެރޭގައި ކުރިއަށް ގެންދިޔަ ދެ ހަރަކާތަކުން މިހާތަނަށް 2163 މެންބަރުން ޕީޕީއެމާ އަލަށް ގުޅިފައި ވެއެވެ.

މިއަދު މި ހުށަހެޅި ފޯމް ތަކާއެކު އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 70،000 އާ ގާތް ކުރާނެ ކަމަށް ފަލާހު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެ ޕާޓީގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ޕާޓީގެ މެންބަރުންގެ އަދަދު އެއް ލައްކައަށް ގެންދިއުން ކަމަށެވެ.

"ވަރަށް ގިނަ ރައްޔިތުން ކޮންމެ ދުވަހަކުވެސް ޕީޕީއެމާ އަލަށް އެބަގުޅޭ. ގާތްގަޑަކަށް ކޮންމެ ދުވަހަކުވެސް 500 އާއި ގާތްކުރާ އަދަދަށް ފޯމް ހަވާލު ކުރޭ،" ފަލާހު ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ކުޅިވަރު ގެ ދާއިރާއިންނާ އަދި އަތޮޅު ތަކުން ވެސް ގިނަ އަދަދެއްގެ މެންބަރުން ޕީޕީއެމާ އަލަށް ގުޅުނެވެ.

އިލެކްޝަން ކޮމިޝަންގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިހާރު އެންމެ މެންބަރުން ގިނަ ޕާޓީއަކީ ޕީޕީއެމެވެ. ދެވަނަ އަށް އެންމެ މެންބަރުން ގިނައީ އިދިކޮޅު މައި ޕާޓީ އެމްޑީޕީއެވެ.