ކުޅުދުއްފުށި

ކުޅުދުއްފުށީގައި ފެން ބޮޑުވެ ގެއްލުންތަކެއް ވެއްޖެ

ހދ. ކުޅުދުއްފުއްޓަށް ރޭ ބޯކޮަށް ވާރޭވެހި، ފެން ބޮޑުވުމުގެ ސަބަބުން ގެއްލުންތަކެއް ވެއްޖެ އެވެ. އެ ރަށަށް ރޭ ވަނީ މެދުކެނޑުމެއްނެތި ހަތަރު ގަޑިއިރެއްހާ އިރުވަންދެން ވާރޭވެހިފަ އެވެ.

ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަލީ މުހައްމަދު މިއަދު ވިދާޅުވީ، އިއްޔެ ހަވީރު ވެސް އެ ރަށަށް ކޮންމެވެސް ވަރަކަށް ވިއްސާރަކުރި ކަމަށެވެ. ނަމަވެސް ބޯކޮށް ވާރޭވެހެން ފެށީ ރޭ 8:30 ހާއިރު ކަމަށެވެ. އެ ވިއްސާރަ އަލިވީ އޭގެ ހަތަރު ގަޑިއިރެއްހާ ފަހުން ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ، ރަށު ތެރޭގައި ފެން ބޮޑުވުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅުމަށް ވެސް ދަތިވެފައިވާ ކަމަށެވެ. މަގުތަކުގައި ފެން ހެދި ބައެއް ގޭގެއަަށް ވެސް ފެން ވަދެފައިވާ އިރު ރަށުގެ ބައެއް ސްކޫލްތަކުގައި ވެސް ވަނީ ފެން ބޮޑުވެފަ އެވެ.

"ގޭގެއަށް ފެން ވަދެ، ހިފާ ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުންވެފަ، އެގޮތުން އަޅުގަނޑުމެން ބެލިބެލުމުން އަލަމާރި، އެނދުފަދަ ތަކެއްޗަށް އެކިވަރުގެ ގެއްލުންތައްވެފައި އެބަހުރިކަން ފާހަގަވި،" އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ، ފެން ވަދެ ގެއްލުންވި ގޭގެ އަދަދު އަދި މުޅިން ސާފު ނުވާ ކަމަށާއި ރަށުގެ ބިން ތިރި ހިސާބުތަކުގެ ވަރަށް ގިނަ ގޭތަކަށް ފެން ވަދެފައިވާ ކަމަށެވެ.

މަގުމަތިންނާއި ގޭތަކުން ފެން ހިންދުމުގެ މަސައްކަތް މިހާރު ސިފައިންނާއި ފުލުހުންނާއި އެމްޑަބްލިއުއެސްސީ އަދި ކައުންސިލުން ގުޅިގެން ދަނީ ކުރަމުންނެވެ.

ރޭގެ ވިއްސާރައާ ގުޅިގެން ރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ވެސް ކެނޑުނު އިރު ނަރުދަމާ ނިޒާމަށް ބައެއް މައްސަލަތައް ކުރިމަތިވި އެވެ.

މިހާރު ކުޅުދުއްފުއްޓަށް މޫސުން ރަނގަޅެވެ. ނަމަވެސް މެޓް އޮފީހުން ވަނީ ކުރިއަށް އޮތް 24 ގަޑިއިރަށް ވެސް އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފަ އެވެ.