ބޮލީވުޑް

ކަންގަނާ "ޓްރެޖެޑީ ކުއީން"ގެ ރޯލު ކުޅޭނެތަ؟

Mar 23, 2015

ނަވާރަސްތޭކައިގެ އަހަރުތަކުގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެ މަޝްހޫރުވި އެކްޓްރެސ،ް މީނާ ކުމާރީގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމުގައި އޭނާގެ ރޯލު ކުޅެން ކަންގަނާ ރަނޯތު ހަމަޖެހިއްޖެ ކަމަށް ހަބަރުތައް ބުނަންް ފަށައިފި އެވެ. 

ކުރީގެ މަޝްހޫރު ނޫސްވެރިޔާ ވިނޯދް މެހްތާ މީނާ ކުމާރީގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ފޮތް މީނާ ކުމާރީ: ދަ ކްލެސިކް ބަޔޯގްރަފީގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމު ޑައިރެކްޓް ކުރަނީ ޓިގްމަންޝޫ ޑުލިޔާ އެވެ. ރިޕޯޓްތައް ބުނާގޮތުން މި ފިލްމުގެ ޑައިރެކްޓަރު ވަނީ މީނާ ކުމާރީގެ ބަޔޯގްރަފީ ކަންގަނާއަށް ދީ އެ ރަނގަޅަށް ކިޔުމަށް އެދިފަ އެވެ. 

މީގެ އިތުރުން، ކަންގަނާ އަންނަނީ މިފިލްމަށް އޯގަސްޓް އަދި ސެޕްޓެމްބަރުގައި ވަގުތު ދެވޭތޯ މަސައްކަތް ކުރަމުންނެވެ. މި ފިލްމާ ބެހޭގޮތުން މިހާރުކުރިއަށް ދަނީ ރިސާޗްކުރުމުގެ މަސައްކަތް ކަމަށާއި، ފިލްމާ ބެހޭގޮތުން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާންކުރާނެ ކަމަށްވެސްވެ އެވެ.

ނުވަދިހައަށް އަށް ވުރެން ގިނަ ފިލްމު ކަންގަނާ ކުޅުނު އިރު، އެންމެ ފާހަގަކޮށްލެވެނީ ރަލަށް ދެވިހިފާފައި ހުންނަ ދަނބި ދަރިއެއްގެ ރޯލުން ފެނިގެންދިޔަ "ސާހިބް، ބީބީ އޯރް ގުލާމް"އެވެ. ހަގީގީ ދިރިއުޅުމުގައިވެސް އޭރު މީނާ ކުމާރީއަކީ ރަލަށް ދެވިހިފާފައިވާ އަންހެނެކެވެ.

އުމުރުން 7 އަހަރުގައި ފިލްމު ކުޅެން ފެށި މީނާ ވަނީ 1952 ވަނަ އަހަރު ކުޅުނު ފިލްމް "ބާއިޖް ބަވްރާ"ގައި ދައްކުވައިދިން އެކްޓިން އިން މީނާ ވެގެން ގޮސްފައިވަނީ އެދުވަސްވަރުގެ އިންޑިޔާގެ ސިނަމާގެ އެންމެ ނުފޫޒުގަދަ މޫނަށެވެ. 1962 ވަނަ އަހަރު މީނާ ވަނީ އޭނާ ބަތަލާގެ ރޯލު ކުޅުނު ތިން ފިލްމަކުން އެންމެ މޮޅު ބަތަލާގެ އެވޯޑްއަށް ނޮމިނޭޓްވެސްވެފަ އެވެ. "ސާހިބް ބީބީ އޯރް ގުލާމް" ކުޅުނު ދުވަސްވަރު މީނާ އާއި ފިލްމުގެ ޑައިރެކްޓަރު ކަމަލް އަމްރޯހީ އާ ވަނީ ލޯބިގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނި ވެސް ކޮށްފަ އެވެ.

މީނާ އާއި ކަމަލް ކައިވެނި ކުރިއިރު، ކަމަލް އުޅެނީ އެހެން މީހަކާވެސް ކައިވެނިކޮށްގެންނެވެ. އޭގެ ދެ އަހަރު ފަހުން 1964 ވަނަ އަހަރު މީނާ އާއި ކަމަލް ވަނީ ވަރިވެފަ އެވެ. ކައިވެނި ރޫޅުމުން މީނާ ވަރަށް ބޮޑަށް ހާސްވުމުގެ ސަބަބުން މާބޮޑަށް ރަލުގެ ތެރެއަށް ވަދެވިފަ އެވެ. އޭގެ ދުވަސްތަކެއ ފަހުން މީނާ އާއި ކަމަލް ވަނީ އަލުން ކައިވެނިކޮށްފަ އެވެ. ނަމަވެސް،އޭރު މާބޮޑަށް ލަސްވުމުގެ ސަބަބުބް ވަނީ ރަލަށް ދެވިހިފާފަ އެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާފައިވުމާއި، މައްސަލަތައް ގިނަ ގުޅުންތަކުގައި އުޅުމާއި، ރޫޅިފައިވާ ކައިވެނީގެ ސަބަބުން މީނާ މަރުވެފައިވަނީ ފުރަމޭ އަށް ދިމާވި މައްސަލައެއްގައި އުމުރުން 39 އަހަރުގައި 1972 ވަނަ އަހަރު އެވެ.

މީނާގެ ބަޔޮޕިކް އުފައްދަން އުޅޭތީ އެކަމާ ބެހޭގޮތުން މީޑިއާއިން ސުވާލުކުރުމުން ޓިގްމަންޝޫ ޑުލިޔާ އެއްވެސް ޖަވާބެއް ނުދެ އެވެ. ފިލްމާ ބެހޭގޮތުން ޑައިރެކްޓަރު އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވިކަމުގައި ވިޔަސް ބެލުންތެރިން މިހާރު އިންތިޒާރުކުރަމުން އަންނަނީ "ޓްރެޖެޑީ ކުއީން" ގެ ގޮތުގައި މަޝްހޫރުވި މީނާގެ ރޯލު ކަންގަނާ ކިހާ ފުރިހަމައަށް އަދާކުރާނެ ތޯ އެވެ؟