ކުޅިވަރު

ޗެލްސީ އަށް 10 ޕޮއިންޓްގެ ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް އަތުން 2-1 އިން މޮޅުވެ، ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީން 10 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މެޗުގެ 25 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ އެޑިން ހަޒާޑެވެ. އަދި މެޗުގެ 50 ވަނަ މިނިޓުގައި ޗެލްސީގެ ދެވަނަ ލަނޑު ޖެހީ ޑިއޭގޯ ކޮސްޓާ އެވެ. މެޗުގެ އިތުރު ވަގުތުގައި ވެސްޓް ހޭމަށް ލަނޑު ޖަހައިދިނީ ލަންޒީނީ އެވެ.

މިއީ މި ސީޒަންގެ ޕްރިމިއާ ލީގުގައި ޗެލްސީ މޮޅުވި 21 ވަނަ މެޗެވެ. މި މޮޅާއެކު ޗެލްސީން ވަނީ ލީގު ޗެމްޕިއަންކަން ހޯދުމަށް އިތުރު ފިޔަވަޅެއް އަޅައިފަ އެވެ. މި މެޗުން މޮޅުވެ، ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާގެ މައްޗަށް ޗެލްސީން 10 ޕޮއިންޓްގެ ލީޑެއް ނެގި ނަމަވެސް، ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ލީގު ޗެމްޕިއަންކަން ކަށަވަރުކުރަން އަދި މާ އަވަސް ކަމަށެވެ.

"ފަހަރަކު ފިޔަވަޅެއް އަހަރެމެން އަޅަންޖެހޭނީ. އަހަރެމެން އެބަޖެހޭ ހަމަބިމުގައި ތިބެން،" ކޮންޓޭ ބުންޏެވެ. "އަހަރެމެން ވަރަށް ވިސްނަންޖެހޭނެ. ބާކީ އޮތް މެޗުތަކުގައި ކޮންމެ ޓީމެއް ވެސް ވަރަށް ބޭނުންވާނެ އަހަރެމެން ބަލި ކުރަން."

ކޮންޓޭ ބުނީ މެޗުގެ ފަހުކޮޅުގައި ޗެލްސީ ކޮޅަށް ލަނޑެއް ވަނުމަކީ ހިތްހަމަޖެހޭނެ ކަމެއް ނޫން ކަމަށެވެ.

ވެސްޓް ހޭމްގެ ކޯޗު ސްލަވެން ބިލިޗް ބުނީ ޗެލްސީ އަށް ލީގު ޗެމްޕިއަންކަން ދެން ގެއްލިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"ޗެލްސީ އަށް ލީގު ޗެމްޕިއަންކަން ގެއްލޭނެ ކަމަށް ނުބެލެވޭ. އަހަރެންގެ ހިތެއް ނުބުނޭ ބާކީ އޮތް އެއްވެސް މެޗެއް އެ ޓީމުން ފަސޭހަ ކުރާނެ އެކޭ،" ބިލިޗް ބުންޏެވެ.