ވާހަކަ

މުޅިޖާންހިތާ

(5 މާރިޗު 2017 އާ ގުޅޭ)

"އަހަރެން... މަންމާ!... އަހަރެން އެބަ ވިސްނަން މީހަކާ އިންނަން..." ނިޔާނު ޖެހިލުންވެފައި އިނދެ ވެސް ހިތުގައިވާ އެއްޗެއް ރުބީނާއަށް ހާމަކޮށްފިއެވެ. އަދި ރުބީނާއަށް ބަލާލީ އޭނާ އެ ބުނެލި އެއްޗަކުން ރުބީނާއަށް އެއްވެސް ކަހަލަ ބަދަލެއް އައިތޯއެވެ. ނިޔާނަށް ބަލަހައްޓައިގެން އެސްފިޔަ ޖަހާލުމެއްނެތި ބުދެއްހެން ރުބީނާ ހުއްޓުން އަރާފައި އިނެވެ. ޔަޤީނުން ވެސް މަންމައަށް ޝޮކެއް ލިބިއްޖެކަން ނިޔާނަށް އެނގުނެވެ.

"މަންމާ!... އޯކޭތަ..." މޭޒުމަތީ ހުރި ފެންފުޅިން ބިއްލޫރިތަށްޓަށް ފެންފޮދެއް އަޅާލުމާއެކު ރުބީނާގެ ކައިރިއަށް ތަށި ޖައްސާލިއެވެ. އަދި ރުބީނާގެ ކޮނޑުގައި މަޑުމަޑުން ނިޔާނު އަތްޖައްސާލިއެވެ. އެއާއެކު ކުރިމަތީ ހުރި ފެންތަށި ނަގާ އެ އިން އެތިފޮދެއް ރުބިނާ ބޯލިއެވެ.

"ކޮންއިރަކު ނިޔާނު ކުއްޖަކާ ރައްޓެހިވީ؟" ނަފްސު ހަމައަކަށް އެޅުމުން ރުބީނާ ވާހަކަދެއްކިއެވެ.

"ދުވަސްކޮޅެއްވެއްޖެ..." ނިޔާނު ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުކުރެވެނީސް އަނެއްކާ ވެސް ރުބީނާ ވާހަކަ ދައްކަން ފެށި އެވެ.

"ކުއްޖަކާ ރައްޓެހިވިއިރު މަންމައާ ބައްދަލުކޮށްލަން މިގެއަށް ނުގެނައީ ކީއްވެ؟ މަންމަ ހީކުރީ ނިޔާނު ކުއްޖަކާ ގުޅޭނީ މަންމަގެ ރުހުން ވެސް ހޯދާފަ ކަމަށް"

"އަހަރެން ވެސް ހުރީ މިހެންވާނެ ކަމަކަށް ނޫން... އެކަމަކު ކަމުދާ ކުއްޖަކު ފެނުމުން ރައްޓެހިވީ... މަންމާ! އެއީ ވަރަށް ރަނގަޅު ކުއްޖެއް... މާލޭގައި ހުރި ނަމަ ޔަޤީނުން ވެސް މަންމައާ ބައްދަލު ކޮށްދޭނަން... އަސްލު ވީގޮތަކީ ހުރިހާ ކަމެއް ވެސް ހިނގައިދިޔައީ ވަރަށް އަވަހަށް... އަހަރެން ބޭނުންވަނީ އަވަހަށް ކައިވެނި ކުރަން... ފޯނުން ވެސް އެ ވާހަކަ ނުބުނީ މަންމަ ގާތަށް އައިސް ބުނަން ބޭނުން ވެގެން" ނިޔާނުގެ ވާހަކަ ރުބީނާ ކަނުލާ އަޑުއެހިއެވެ.

"ނިޔާނު ގޮސްފައި ތި އައީ އެ ރަށުން ހުރިހާ ކަމެއް ނިންމައިގެން ދޯ... އެއީ ކޮންނަމެއް ކިޔާ ކުއްޖެއްތަ؟" ރުބީނާ ފާޑަކަށް ހިތްހަމަނުޖެހުމުގެ ރާގެއްގައި އަހާލިއެވެ.

އައިރާއާ ބެހޭ ވާހަކަތައް ނިޔާނު ކިޔައިދޭން ފެށިއެވެ. އެހެން ނަމަވެސް އޭނާއަށް އެނގޭ ހުރިހާ ހަޤީޤަތެއް ރުބީނާއާ ޚިއްޞާއެއް ނުކުރި އެވެ. އައިރާއާ ބެހޭގޮތުން އެނގުނު ވަރަކަށް ރުބީނާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް އިތުރުވަމުން ދިޔައެވެ. ނިޔާނުގެ ވާހަކަތައް ނިމުނުއިރު ވެސް ރުބީނާ އިނީ ހިމޭނުންނެވެ. ބަހެއް ބުނަން ބޭނުން ނުވެފައި އިންހެނެވެ.

"މަންމާ... އަހަރެން އައިރާއާ ކައިވެނި ކުރަން ނިންމައިފިން،" ރުބީނާ އެއްޗެއް ބުނޭތޯ އިރުކޮޅަކު މަޑުކޮށްލުމަށްފަހު ނިޔާނު އޭނާ ނިންމާފައިވާ ގޮތް ހާމަކުރި އެވެ.

"ނިޔާނު ހުރިހާ ކަމެއް ނިންމައިގެން ހުރެ ކޮންމެހެން މަންމަ ގާތުގައި ތި ވާހަކައެއް ދެއްކުމުގެ ބޭނުމަކީ ކޮބާ" ނުރުހުމާއެކު ރުބީނާ މޭޒުދޮށުން ތެދުވިއެވެ.

"އަހަރެން ކޮންމެ ކަމެއް ކުރިޔަސް މަންމަ ގާތުގައި އަބަދުވެސް ބުނަމެއްނު" ނިޔާނު ބުންޏެވެ.

"އަހަންނަކަށް ތިބުނާ އަންހެންކުއްޖާ ކަމަކު ނުދޭ... އަހަރެންގެ ޚިޔާލު ހޯދަން ނިޔާނު ބޭނުންވީމަ އަހަރެން މިބުނީ"

"އެއީ ކީއްވެ؟" ނިޔާނު ހައިރާންވިއެވެ.

"ގޮތެއްނެތިގެން ނިޔާނުގެ ބޮލުގައި އަމިއްލައަށް އެޅިގަނެގެން ކަމެއް ނޭނގޭތަ އެ އުޅެނީ... މައެއް ބަފައެއް ނެތްތަނުގައި އަތުގައި ވެސް އެއްޗެއް އޮތީއެއް ނޫން" ނުރުހިފައި ނިޔާނަށް ރުބީނާ ބަލާލިއެއްކަމަކު އޭނާ ހިތުގައި ގެތިގެން އައި ލަފުޒުތައް ދުލުން ބޭރެއް ނުކުރިއެވެ. އެހެން ނަމަވެސް އޭނާގެ ހަނދާނަށް އައީ ޚުދު އޭނާ އަމީރުއާ އިންނަން އުޅުނު ގޮތެވެ. އެނބުރި ރަށަށް ދާން ބޭނުންނުވެގެން އަމީރުގެ ގާތުގައި ކަރުނަ އޮއްސި ރޭތަކެވެ.

ރުބީނާ ތުންފިއްތާލީ ދުލުން ބަހެއް ބޭރުވެދާނެތީ އެވެ. އިތުރަށް ނިޔާނުގެ ކުރިމަތީ ނުހުންނަން ހަލުވިކޮށް އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. އޭރު ބަންޑުން އެނދުމަތީގައި ލެޕްޓޮޕްއިން އިނގިރޭސި ސީރިޒްއެއް ބަލަން މައުރީން އޮތެވެ. އޭނާ ވެސް ސިހިފައި ބަލާލީ ރުބީނާ މާބާރަށް އައިސް އެނދުގައި އިށީން ގޮތުންނެވެ.

"މަންމާ... ކިހިނެއްވީ؟" ދެ ކަންފަތަށް ޖަހާފައިވާ ހެޑްސެޓުގެ ކޮޅު ނައްޓާލަމުން މައުރީން ކުރުއަތްމައްޗަށް ތެދުވެލިއެވެ.

"ކަމެއްނުވޭ" ރުބީނާގެ އިހުސާސްތައް މައުރީންއަށް ސިއްރުކުރަން އުޅުނަސް އެކަމެއް ނުވިއެވެ. މައުރީންއަށް ވެސް އިތުރަށް އެއްޗެއް ބުނަން ނުކެރުނީ ރުބީނާ ރުޅިއައިސްފައި އިންކަން އެނގޭތީ އެވެ. އެހެންވެ އަވަހަށް ނޭނގޭކަމަށް ހަދާފައި ދެކަންފަތަށް ހެޑްސެޓު ޖަހާލުމާއެކު އިހު އޮތްހެން އޮށޯވެލާ އޭނާގެ ސަމާލުކަން ލެޕްޓޮޕަށް ދޫކޮށްލި އެވެ.

"ޒަމާން ބަދަލުވިޔަސް އިންސާނުންގެ ވިސްނުން އަދިވެސް ބަދަލެއްނުވޭ... އެކަހަލަ އަންހެންކުދީންގެ ގޮތް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ... އަހަންނަށް ވެސް އެ ދުވަސް އައި... އަހަރެންގެ ދަރިފުޅަކީ އޭނާގެ ބައްޕަ ކަހަލަ މީހެއް... ވީއިރު އަންހެން ކުދީންނަށް ނިޔާނުގެ ހިތާ ކުޅެލުމަކީ ދާދި ފަސޭހަކަމެއް... އެކަހަލަ ނުބައި ރޭވުން ދެނެގަނެވޭނީ އެފަދަ ވިސްނުން ގެންގުޅޭ މީހަކަށް... އަހަރެންގެ ދަރިއަކަށް ނިޔާނު ވާއިރު އޭނާއާ އެފަދަ ގޮތަކަށް އަންހެނަކު ކަންތައްކުރާތަން ދުށުމަކަށް މަޑަކުން ނުހުރެވޭނެ... އެކަހަލަ އަންހެނަކު ނިޔާނު މިގެއަށް ގެނެސްފިއްޔާ އެޖެހުނީ އަނެއް ހަކަންތައް... އަހަންނަށް މިގޭގައި އުޅުނަކަ ނުދޭނެ... މައުރީންއަކީ އަދި ކުޑަކުއްޖެއް... އޭނާއަށް ގޮތެއް ނުފެންނަނީސް ކަމެއް ނޫން އެކުއްޖާ ބޭރުކޮށްލާކަށް ވެސް... މުޅި ގެއަށް ވެރިވާން މަސައްކަތްކުރާނެކަން ޔަޤީން... ނިޔާނަށް ލިބޭ ފައިސާއިން ބައިރުފިޔާއެއް ވެސް އެހެން މީހަކަށް ލިބުނަކަ ނުދޭނެ... ނޫން! ނޫން!... ނިޔާނު އިންނަންވާނީ އަހަރެން ބުނާ ކުއްޖަކާ... އޭރުން އަހަންނަށް ވެސް އަރާމުގައި ދިރިއުޅެވޭނީ" ރުބީނާ ދެބުމަ ގޮށްޖަހާލުމާއެކު ޗަސްޖަހާލި އެވެ.

ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އެނދުގެ ފައިލާކޮޅުގައި ހުރަހަށް އޮށޯވެލައިގެން ރުބީނާއަށް އޮވެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެ އެވެ. އެ ކޮޓަރިން މައުރީން ދިޔައިރު ވެސް އޭނާއަށް ނޭނގެ އެވެ. އެހެން އޮއްވާ އޭނާ ހަޤީޤަތުގެ ތެރެއަށް ގެނައީ ކައިރީގައި އޮތް ފޯނެވެ. ވައިބްރޭޓްވާން ފެށުމާއެކު ބަންޑުން ބާއްވާލާފައި އޮތް ފޯނު ނަގާ ރުބީނާ ބަލާލިއެވެ. އަދި އަވަސް އަވަހަށް ފޯނަށް ޖަވާބުދިނެވެ. ޤައިސްއާ ބައްދަލު ކުރަން ނިންމާފައި އޮތްކަން ރުބީނާ ހަނދާންވީ ސަލްމާ ގުޅީމަ އެވެ. ލިބިފައިވާ ނުތަނަވަސްކަމާ ކުޑަހިނދުކޮޅަކަށް ވިޔަސް ދުރަށްދާން ރުބީނާއަށް މަޖުބޫރުވި އެވެ. މޫނު ހަދައިގެން ހުރެ ޤައިސްއާ ކުރިމަތިލާކަށް ރުބީނާ ނޭދެ އެވެ. ސަލްމާއާ ފޯނުން ވާހަކަ ދައްކަމުން ރުބީނާ އެނދުން ތެދުވެ މިރޭ ލާން ނިންމި ހެދުމަށް އަދިވެސް އެއްފަހަރު ބަލާލި އެވެ. އަދި ހެދުމާ ދޭތެރޭ ސަލްމާގެ ޚިޔާލު ވެސް ހޯދިއެވެ. ހުޅަނގުގެ ވައްޓަފާޅިއަށް ހެދުން އެޅުން އާންމުވެފައިވާއިރު ރުބީނާ ވަނީ އެ ފަދަ ފެޝަންތަކަށް ލޯބިޖެހިފަ އެވެ. އޭނާ މިރެއަށް ޚާއްޞަކޮށް ހޮވާފައިވާ ހެދުމަކީ ވެސް އެފަދަ ހެދުމެވެ.

"ވާއު މަންމާ!... ހާދަ ސަޅިއޭ... އަޅެ އަހަރެން ބޭނުން ތި ޖެކެޓު..." ރުބީނާ ގެއިން ނުކުންނަން އުޅުނު ވަގުތު ސޯފާގައި އޮތް މައުރީން ބުނެލިއެވެ. ދަރިފުޅުގެ އެ ބަސްތަކުން ރުބީނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

"މަންމަ މިރޭ ތަންކޮޅެއް ލަސްވެދާނެ... ދޮންބެ ނުކުތީމަ ކާން ހަދައިދޭތި..." ރުބީނާއަށް ލިބުނު އުފާވެރިކަން ފޮރުވަމުން މައުރީނަށް ބުންޏެވެ.

ވިލާ ބޯވެ އުޑުމައްޗަށް މަޑު ރަތްކުލައެއް ވެރިވެފައި އޮތެވެ. ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިތަކުން ވާރޭ ވެހެން އުޅޭކަމުގެ ހަނާ އަޅާ ކަހަލައެވެ. ސިޓްރޯން ރެސްޓޯރެންޓުގެ ބެލްކަންޏާ ކައިރީގައި ދެ މީހުނަށް އިށީނދެވޭނޭހެން ހުރި މޭޒުގެ ދޮށުގައި ޤައިސް އިން އިރު ތަނުގައި ހިނގަމުންދާ ކަންތައްތަކަށްވުރެ އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އެތަނުން ބޭރަށެވެ.

"ޤައިސް!... ރޫބީ..." ޤައިސްއާއެކު މޭޒުދޮށުގައި އިން ވަޖީހު ކުޑަކުޑަކޮށް އިޝާރާތްކޮށްލީ ސިޑިންއަރައިގެން އައިސް މަޑުޖެހިފައި ހުރި ރުބީނާއަށެވެ. އެމީހުންނާ ދިމާއަށް ރުބީނާ އަންނަން ފެށުމުން ފަހަތަށް ބަލާލި ޤައިސްގެ ސަމާލުކަން ވެސް އެ ދިމާއަށް ހުއްޓިއްޖެއެވެ.

ކުޑަކޮށް ހާސްވެފައި ހުރި ރުބީނާ ހަމަޖެހިލުމަށް ފުންނޭވާއެއް ލުމާއެކު ހިނިތުންވެލިއެވެ. ޖިންސަކާއި ގަޔަށް ދޫ ޓީޝާޓުފޮތީގެ ޓޮޕަކާއި އޭގެ މަތިން އެފްރިކަން ޕްރިންޓުގެ ޖެކެޓެއް ލާފައި ހުރިއިރު ރުބީނާ އޭނާގެ އުމުރަށް ވުރެ ވެސް ޅަކަމަށް ދައްކަ އެވެ. ވަޖީހުއާއި ޤައިސް ތިބި މޭޒުގެ ދޮށަށް އަންނަމުން އަތުގައި އޮތް ކްލަޗް ހުޅުވާލާފައި ރުބީނާ ފޯނު ނަގާ ނިވާލި އެވެ. މިރޭ އެއްވެސް މީހަކު އޭނާ ޤައިސްއާއެކު އިންދާ ގުޅާ އުނދަގޫ ކުރަން ނޭދޭކަން އޭނާގެ އެ ޢަމަލުން ހާމަވި އެވެ. މޭޒާ އަރާ ހަމަވުމާއެކު ޤައިސްގެ ކުރިމައްޗަށް އިން ވަޖީހު ތެދުވެއްޖެ އެވެ.

ޤައިސް... ޝީޒް ރޫބީ... އަޅުގަނޑު މަޑުކުރީ ރޫބީ އަންނަންދެން..." ވަޖީހު އެއްފަރާތަށް ޖެހިލާ ރުބީނާ އާއި ޤައިސް އެކަކު އަނެކަކަށް ތަޢާރުފު ކޮށްދިނުމަށްފަހު އެތަނުން ދުރަށް ހިނގައިގަތެވެ.

"އިށީނދޭ..." ވަޖީހު ދިއުމަށް އެނބުރިލުމުން ޤައިސް ކުޑަކޮށް ގޮނޑިން ތެދުވެލާ ކުރިމަތީ ހުރި ގޮނޑިއަށް އިޝާރާތްކޮށްލީ ހިނިތުންވުމަކާއެކު އެވެ.

"ރޫބީ... ރޫބީ ކިހިނެއްތަ؟" ޤައިސް ވެސް އިނީ ޖެހިލުންވެފަ އެވެ. އެކަން ރުބީނާއަށް ވެސް ފާހަގަވި އެވެ. ލުއި ހިނިތުންވުމެއް ޤައިސްއާ ބަދަލުކޮށްލެވުނީ އެހެންވެ އެވެ.

"އަޅުގަނޑު ރަނގަޅު..." ރޫބީނާ މަޑުމަޑުން ބުނެލި އެވެ.

"އޯޑަރު ދެމާ... އެއްޗެއް ނުނަގައެއް މިކަހަލަ ތަނަކަށް ވަދެ ނުތިބެވޭނެއެއްނު" ހިނިތުންވެލައިގެން އިނދެ ޤައިސް ބުންޏެވެ. އުމުރުން ފަންސާހާ ކައިރިވެފައިވާއިރު އަދިވެސް ޤައިސްގެ ފަރާތުން ފެންނަނީ ތަފާތު ޖޯރެކެވެ. ޓީޝާޓަކާއި ޖިންސެއްގައި އޭނާ ހުއްޓެއްކަމަކު ބޮލުގައި އެންމެ ހުދު އިސްތައްޓެއް ވެސް ފެންނަން ނެތެވެ. އެހެންނަމަވެސް އޭނާގެ ކުރުކޮށް ބަހައްޓާފައި ހުރި ތުނބުޅީގައި ހުދު އިސްތަށި ގިނައެވެ. ވަރުގަދަ ބޯ ފަން އިސްތަށި ގަޑެއް ލިބިފައިވެއެވެ. ބޮޑު އިސްކޮޅަކާއި ހައިބަތު ހުރި ފިރިހެނެކެވެ. ވަރުގަދަ ބުމައިގެ ދަށުގައިވަނީ މީހުން ޖެހިލުންވާފަދަ ތޫނު ދެ ލޮލެވެ.

ޤައިސްއާ ބައްދަލުވެ ރުބީނާއަށް ވެސް ދުވަހަކު ނުވާ ފަދަ ގޮތްތަކެއް ވަމުންދިޔައެވެ. ޤައިސްގެ މަޑުމައިތިރިކަމާ އޭނާގެ ވާހަކަ ދެއްކުމުގައި ހުންނަ އޯގާތެރިކަން ރުބީނާގެ ހިތާއި ޟަމީރަށް އަސަރު ފޯރުވިއެވެ. އެންމެ ރެއެއްގެ ބައްދަލުވުމަކަށްފަހު އެ ދެމެދުގައި އޮތް ގުޅުން ކެނޑިގެން ހިނގައިދާނޭތީވެ އެކަމާ ކުއްލިއަކަށް ރުބީނާ ވަރަށް ހާސްވާން ފެށި އެވެ. ޤައިސް އޭނާ ބަލައިނުގެންފާނެއޭ ހީވަނީ އެވެ.

"އާ ޔޫ އޯކޭ..." ރުބީނާގެ ނިތްކުރި ޓިޝޫއަކުން ފުހެން ފެށުމުން ޤައިސް އަހާލިއެވެ.

"އޯކޭ..." މަޑުމަޑުން ރުބީނާ ބުނެލި އެވެ. އަދި ކައިރީގައި ހުރި ފެންތަށިނަގާ އެ އިން އެތިފޮދެއް ބޯލި އެވެ.

ޤައިސްއާއި ރުބީނާގެ ދެމެދުގައި ތާފާތު ވާހަކަތައް ދެކެވުނެވެ. ދެ މީހުންނަށް ވެސް ދިރިއުޅުމުގައި އާދެވިފަ ތިބި ހިސާބުގެ ވާހަކަ ނުދެކެވުނު ނަމަވެސް ދެ މީހުން ވެސް ދަރީންގެ ވާހަކަ ދެއްކި އެވެ. އަދި ސަލްމާއާއި ވަޖީހުގެ އެދުމަށް އެ ދެ މީހުންނަށް ވެސް އެކަކު އަނެކަކާ ބައްދަލު ކުރަން ޖެހުނީތީ އެކަމުގެ ވާހަކަތައް ވެސް ދެއްކި އެވެ. އެންމެ ފަހުން ރޫބީނާގެ ރީތި ކަމަށް އެއްޗެއް ނުބުނެ ޤައިސްއަށް ނީދެވުނެވެ. ރުބީނާއަކީ ދެ ކުދިންގެ މަންމައެއް ކަމަށް ވަޖީހުގެ ފަރާތުން އެނގިފައި އޮތް ނަމަވެސް މިރޭ ރޫބީނާ ހަމަލޮލަށް ފެނުމުން ޤައިސްއަށް ހީކުރެވުނު ގޮތާ މުޅިން ތަފާތުކަމުގައި ބުންޏެވެ. ތަޢުރީފުގެ ބަސްތައް ޤައިސްގެ ދުލުން ރުބީނާއަށް އިވިގެން ދިޔަ ހިނދު ބަޔާންކުރަން ދަތި އުފާވެރިކަމެއް ރުބީނާއަށް ލިބިގެން ދިޔަ އެވެ.

ވާރޭގެ ތިކިތައް އެއްވެސް ރަހުމެއްނެތި އޮއްސާލީ ރުބީނާއާއިއެކު ޤައިސް މޭޒުދޮށުން ތެދުވިތަނާ އެވެ. މިވަގުތު އެ ވާރޭ ވެސް ރޫބީނާއަށްވީ ލެއްވި ނަސީބެއް ކަމުގައެވެ. ގެއަށްދަނީ ކިހިނެއްތޯ ރުބީނާގެ ގާތުގައި ޤައިސް އަހާލީ އެވަގުތު އެވެ. ރެސްޓޯރެންޓަށް ވަންނަތާ ދޮރުމަތީގައި ދެ މީހުން މަޑުކޮށްލައިގެން ތިބީ ވެހެންމުންދިޔަ ވާރޭއަށް ނަޒަރު ހުއްޓާލައިގެންނެވެ.

"ޓެކްސީގައި އައީ... ދެން ހިޔެއްނުވޭ ޓެކްސީއެއް ވެސް ލިބޭނެ ހެނެއް... އިރުކޮޅަކު މަޑުކޮށްލާނީ ވާރޭ ތުނި ކޮށްލަންދެން" މާޔޫސްވެފައި ހުރިކަން މޫނުމަތިން ދައްކާލަމުން ރުބީނާ ބުންޏެވެ. އެއާއެކު ޤައިސް އުޑުމައްޗަށް ބަލާލާފައި އޭނާ އައިސް އުޅެނީ ކާރުގައި ކަމުގެ ބުނެ ރުބީނާ ޤަބޫލިއްޔާ އޭނާއާއެކު ކާރުގައި ގެއަށް ގެންގޮސްދޭނަން ކަމުގައި ބުންޏެވެ. އެއާއެކު ދެން ވެސް ރުބީނާއަށް އޭނާގެ މަންޒިލާ ހަމައަށް ހިނގަމުންދިޔަ މަގު ކުރުވި ކަހަލައެވެ.

* * * *

ވެހެމުންދިޔަ ވާރޭގެ ތިކިތައް ފުރާޅުގެ އިތުރުން ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ޖެހޭ އަޑު އިވެމުންދިޔައެވެ. ފިނިކަމުން އޭސީ ވެސް ނިއްވާލައިގެން ރަޖާ ދަށަށް ވަދެ އައިރާ އޮތެއްކަމަކު އޭނާއަށް ނިދޭގޮތެއް ނުވިއެވެ. ބާލިހުގެ ބައެއް އޭރު އޮތީ އައިރާގެ ކަރުނުން ތެމިފައެވެ. އިރުއަރާ އޮއްސޭއިރު އޭނާގެ ޒަމީރު ކުރަނީ އެންމެ ސުވާލެކެވެ. ނިޔާނު އޭނާއާ ކައިވެނިކުރަން އެނބުރި އަންނާނެބާއެވެ. މުޅި ނަފްސުގެ ހަމަޖެހުން ނަގާލާ ވަރުގެ ޚިޔާލަކަށް އެ ސުވާލަށް ޖަވާބު ހޯދުން އައިރާއަށް ވެފައިވެއެވެ. ނިޔާނު މާލެ ދިޔަފަހުން ދެ ހަފްތާއަށްވުރެ ގިނަ ދުވަސްވީއެވެ. ނިޔާނަށް ބަދަލުތަކެއް އައިސްފިކަން އައިރާއަށް ފާހަގަކުރެވުނީއެވެ. އޭނާގެ ހިތް ރޮނީ އެހެންވެއެވެ. ކުރިން ފޯނުކުރާ ވަރަށް މިހާރު ނިޔާނު ފޯނެއް ނުކުރެއެވެ. މަންމަ ގާތުގައި ކައިވެނީގެ ވާހަކަ ދައްކާނަމޭ ބުނެލާފައި އެވާހަކަ ވެސް ކުރުކޮށްލަނީ އެވެ. ގިނައިން ނުގުޅެނީ ވަޒީފާގައި މާ ބުރައީ ކަމަށް ބުނެއެވެ. އެހެންނަމަވެސް އެ ހުރިހާ ވާހަކައެއް އައިރާއަށް ޤަބޫލު ކުރަން ދަތިވެއްޖެ އެވެ. ނިޔާނުގެ ވާހަކަ ދެއްކުމުގެ ރާގު ބަދަލުވެފައިވާތީ އެވެ. ނިޔާނު އޭނާގެ އިތުބާރު ގެއްލުވާލައިފިނަމަ ދެން ދުވަހަކު ވެސް އައިރާއަށް އެހެން މީހަކަށް އިތުބާރެއް ނުކުރެވޭނެ އެވެ. ނޭނގުމެއްގެ ތެރޭގައި އައިރާ ހުރިއިރު އެންމެ ގާތް އެކުވެރިޔާއަށް ހަޤީޤަތް ހާމަކުރަން ވެސް އައިރާ ފަސްޖެހިއްޖެ އެވެ. އޭނާއަށް ހެދުނު ގޯހެއްކަމުގައި ނިޔާނު ވެދާނެތީ އެކަމުގެ ވާހަކަ އިތުރު މީހެއް ގާތުގައި ދައްކާނެހާ ހިތްވަރު ވެސް ނެތީ އެވެ. (ނުނިމޭ)