ދީން

އިސްލާމީ ޙަޟާރަތު އުފެދިގެން ދިޔަ ގޮތް

Mar 7, 2017
2

މި މަޒްމޫނުގައި އަޅުގަނޑު މި ބަޔާން ކުރަނީ 6 މާރިޗު 2017 ވީ ހޯމަ ދުވަހުގެރޭ، އިސްލާމީ ވަހުދަތާއި ޤައުމީ ރޫޙު އާލާކޮށް ދިރުވުމުގެ މަޝްރޫޢުގެ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރަސްމީކޮށް ފައްޓަވައި ދެއްވި އިޙުތިފާލުގައި، އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ދަރުބާރުގޭގައި "އިސްލާމީ ޙަޟާރަތު ބިނާވެގެން ދިޔަ ގޮތުގެ" މައްޗަށް އަޅުގަނޑު ހުށަހެޅި ޕްރެޒެންޓޭޝަންގެ ތަފްޞީލީ ވާހަކަ ތަކެވެ.

ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން އަޅުގަނޑު ޤަސްތުކުރީ އަޅުގަނޑު ދެއްކި ވާހަކަތައް ލިޔެވޭތޯ އެވެ. ހުރިހާ ތަފްޞީލެއް ބަޔާން ކުރުމަކީ ދަތިކަމެކެވެ. އެހެން ނަމަވެސް މި މަޒްމޫނުގައި ކުޅަދާނަކަން ލިބިގެންވީ މިންވަރުން ތަފްޞީލުތައް ހިމަނާފައިވާނެއެވެ. އުނި އިތުރެއް ހުރެދާނެއެވެ. އަދި މައުލޫމާތު ފުރިހަމަކުރުމަށްޓަކައި ބައެއް ވާހަކަތައް ލިޔުމުގައި އިތުރުކޮށްފައިވާނެ އެވެ. އެއީ ކިއުންތެރިންގެ މަޢުލޫމާތު މުއްސަނދި ކުރުމަށްޓަކަ އެވެ. ޕްރެޒެންޓޭޝަންގައި ހިމެނިފައިވާ އެންމެހާ މަޢުލޫމާތުތަކަކީ ކީރިތި ޤުރުއާނާއި މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި ސިޔަރަތާއި ތާރީޚާއި ޙަޟާރަތުގެ ޞައްޙަ މަޞްދަރުތަކުން ނަގާފައިވާ މަޢުލޫމާތު ތަކެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްﷲ ޢަލައިހި ވަސައްލަމަ ފިޔަވައި، އެހެން އެއްވެސް މީހެއްގެ ވާހަކަ އަކީ މުޅިން ފުރިހަމަ ވާހަކައަކަށް ނުވާނެއެވެ. މާތް ﷲގެ ޙަޟްރަތުން ތައުފީޤާއި މަޣުފިރަތަށް އެދެމެވެ.

އިސްލާމީ ޙަޟާރަތް

ޙަޟާރަތަކީ އެކި ދާއިރާތަކުން އިންސާނާ ކުރިއަރައި ދިއުމަށްޓަކައިވާ ޤުރުބާނީ އެވެ. އިސްލާމީ ޚަޟާރަތޭ ބުނުމުން އޭގެ މަފްހޫމަކީ އިންސާނިއްޔަތުގެ އެކި ދާއިރާތަކުން ކުރިއެރުވުމަށް އިސްލާމުންވީ ޤުރުބާނީއެވެ. އިސްލާމީ ޙަޟާރަތު ވުޖޫދުވެގެން އައީ ޖަހާލަތުގެ އަދިރިކަމުގެ ތެރެއިން ޢިލްމާއި ފިކުރާއި މަޢުރިފާގެ އަލިކަމުގެތެރެއަށް ދުނިޔެ ގެނައުމަށެވެ. އިންސާނުންގެ އަޅުވެތިކަމުގައި އޮތް އިންސާނިއްޔަތު އެއުރެންގެ ވެރި ރަސްކަލާނގެ އަޅުވެތިކަމަށް ނެރުމަށެވެ. ޢަދުލާއި އިންސާފުގެ ހަމަތަކުގެ ތެރެއަށް ގެނައުމަށެވެ. އެންމެންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށެވެ. އިންސާނުންނަކީ ހަމަހަމަ ބައެއްކަން ކަށަވަރުކުރުމަށެވެ. ޢިލްމުގެ ނޫރުން ދުނިޔެއަށް އަލިކޮށްދިނުމަށެވެ. މާއްދިއްޔަތުގެ މައްޗަށް ޤާއިމުވެފައިވާ އެކި އެކި ޙަޟާރަތްތައް ދުނިޔެއިން އިންދިރާސްވެގެން ގޮސްފައިވާއިރު، އިސްލާމީ ޙަޟާރަތުގެ ފިކުރާއި ޢިލްމުގެ އަލިކަން ދުނިޔެއިން ފަނޑުވެގެން ގޮސްފައި ނުވެއެވެ. ކިއެއްތޯއެވެ؟ އިސްލާމީ ޙަޟާރަތުގެ ދައްމަރުގެ އަލިކަން ދަނީ ދުނިޔޭގެ އިރުމައްޗާއި ހުނޅަނގުގައި ގަދަވަމުންނެވެ. އިސްލާމީ ޙަޟާރަތަކީ ދީނަކާ ގުޅިފައިވާ ހަމަ އެކަނި ޙަޟާރަތެވެ. އިސްލާމީ ޙަޟާތަށް ނޫނީ ދީނަކާ ގުޅުވައިގެން ދުނިޔޭގެ އެއްވެސް ޙަޟާރަތަކަށް ނަން ދެވިފައި ނުވެއެވެ. އިސްލާމީ ޙަޟާރަތަށް އެގޮތައް ނަން ދެވިފައިވަނީ އިސްލާމްދީނުގައި ޢިލްމާއި މަޢުރިފާއާއި ފިކުރީ މިނިވަންކަމާއި ތަރައްޤީއާއި ކުރިއެރުމާއި ތަމަންދުނަށް ދެވިފައިވާ މަތިވެރި ޢިޙުތިރާމާއި ޤަދަރުގެ ސަބަބުންނެވެ. އިސްލާމީ ޙަޟާރަތޭ ބުނުމުން ދޭހަވަނީ ކުރިން ވެސް ދެންނެވި ފަދައިން އެކިއެކި ދާއިރާތަކުން މުސްލިމުން ހޯދިކުރިއެރުންތަކާއި ޙާޞިލުކުރި ކާމިޔާބީތަކެވެ.

އިސްލާމީ ޙަޟާރަތުގައި އިންސާނާ

އާދެ! އިސްލާމްދީނުގެ ޙަޟާރަތު ބިނާވެގެންވަނީ ވަޙީއާއި އިންސާނާގެ ވިސްނުމާއި ފިކުރުގެ މައްޗަށެވެ. އިސްލާމީ ޙަޟާރަތު ބިނާވީ ހަމަ އެކަނި ވަޙީގެ މައްޗަށް ނަމަ، އެޙަޟާރަތު ވެގެންދާނީ ރޫޙާނިއްޔަތުގެ މައްޗަށް ބިނާވެފައިވާ ޙަޟާރަތަކަށެވެ. އަދި އެއީ ހަމަ އެކަނި އިންސާނީ ބުއްދީގެ މައްޗަށް ޤާއިމުވި ޙަޟާރަތެއް ނަމަ އެ ޙަޟާރަތު ވެެގެންދާނީ ހަމަ އެކަނި މާއްދީ ޙަޟާރަތަކަށެވެ. ނަމަވެސް އިސްލާމީ ޙަޟާރަތު މި ދެ ޢުންޞުރުގެ މައްޗަށް ޤާއިމުވެގެން ދިއުމުގެ ސަބަބުން އިންސާނުންގެ ފިޠުރަތާ ގުޅޭ ޙަޟާރަތަކަށްވެ ދުނިޔޭގައި ފެތުރިގެން ދިޔައެވެ. ޢިލްމީ ގޮތުންނާއި ފިކުރީ ގޮތުންނާއި ޢަސްކަރީ ގޮތުންނާއި އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި ސިޔާސީ ގޮތުންނާއި މަދަނީ ގޮތުން އިސްލާމުން ކުރި ހޯދާފައިވަނީ ވަޙީއާއި ބުއްދީގެ ހަމަތަކުގެ ތެރެއިންނެވެ. މިއީ މިޒަމާނުގެ ޒުވާނުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ.
އިސްލާމީ ޙަޟާރަތުގެ ރައުސުލްމާލަކީ މަތިވެރި ކުރެއްވި އިންސާނާއެވެ. މިހާ މަތިވެރި މަޚޫލޫޤަކަށް މިކާއިނާތުގައި މަތިވެރި މަޤާމެއް އޮންނަން އެބަ ލާޒިމު ވެއެވެ. އެހެންކަމުން މަޚުލޫޤުންގެތެއިން މި ބިންމަތީގައި " ޚަލީފާ" ގެ މަތިވެރި މަޤާމު އޭނާއަށް ދެއްވިއެވެ. މިހާމަތިވެރި މަޤާމެއްގައިވާ " ޚަލީފާ" އަކަށް މަތިވެރި ޝަރަފުވެރި މަސްއޫލިއްޔަތެއް ވެސް އޮންނަންޖެހޭނެއެވެ. އެ މަސްއޫލިއްޔަތަކީ ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާގެ އަލީގައި މި ބިން ތަޢުމީރުކޮށް އާރާސްތުކުރުމެވެ. ކީތިރި ޤުރުއާނުގައި މާތް ﷲ ވަނީ މި އަސާސްތައް ބަޔާންކޮށްދެއްވާފައެވެ. އެހެންކަމުން މި ބިންމަތީގައި އިންސާނިއްޔަތުގެ ވަޒީފާއަކީ ބިން ތަޢުމީރުކޮށް އާރާސްތުކުރުމެވެ. އެއީ ﷲގެ ވަޙުދާނިއްޔަތު ޤާއިމުކުރުމާއިއެކު، އޭގެ މައްޗަށް ބިން ތަޢުމީރުކޮށް، ތަމައްދުން ޤާއިމުކޮށް، ތަރައްޤީކޮށް މީސްތަކުންނަށް ބިން މަތީގައި ފަސޭހައިން އުޅެވޭނެ އެންމެހާ ވަސީލަތްތައް ޤާއިމުކޮށް އާރާސްތުކުރުމެވެ.

އިސްލާމީ ޙަޟާރަތު ވުޖޫދުވުން

އިސްލާމީ ޙަޟާރަތް ވުޖޫދުވެގެން އައީ ޢިލްމުހޯދުމަށް އައި މަތިވެރި އިޢުލާނެއްގެ ތެރެއިންނެވެ. "ކަލޭގެފާނުގެ ވެރި " ރައްބު" ގެ އިސްމުފުޅުން "ކިޔަވާ ވިދާޅުވާށެވެ!" މި އާޔަތުގައި ބަޔާންވެގެންވާ " ރައްބު" ގެ މަފްހޫމަކީ " ހައްދަވާ ބޮޑުކުރައްވައި ތަރުބިޔަތު ކުރާ ފަރާތެވެ" އެހެންކަމުން އިސްލާމީ ޙަޟާރަތުގައި ތަޢުލީމު ދިނުމުގެ މައިގަނޑު ޢުންޞުރަކަށް ވެގެން ދިޔައީ ތަޢުލީމާއެކު ތަރުބިޔަތު ދިނުމެވެ. މިއީ އިސްލާމީ ޙަޟާރަތުގެ އެހެނިހެން ޙަޟާރަތްތަކުގެ މައްޗަށް ކުރިހޯދި އެންމެ މުހިންމު އެއް ސަބަބެވެ.
އާދެ! ކީރިތި ރަސޫލާގެ ނަބަވީ މަދްރަސާގެ މަންހަޖަކީ މިދެންނެވި ބީދައިން " ރަނގަޅު އިންސާނެއް" ބިނާކުރުމުގެ ފަލްސަފާއެވެ. މި މަގުން ކައުސާހިބާ ވަނީ މައްކާގެ ދާރުލްއަރުޤަމުގައި އިސްލާމީ ފުރަތަމަ ޖީލަށް ޢިލްމާއި ތަރުބިޔަތު ދެއްވުމުގެ މަސައްކަތް ފައްޓަވާފައެވެ. އެ މަދްރަސާގެ ދަރިވަރުން ވެގެންދިޔައީ އިންސާނުންގެ ތާޜީޚު ދެކެފައިނުވާ ފަދަ މިސާލީ ޖީލަކަށެވެ.

އިސްލާމީ ޙަޟާރަތު މަދީނާގައި ޤާއިމު ވުން

ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވުމަށް ފަހު، އެންމެ ފުރަމަ ޤާއިމު ކުރެއްވި ބިނާއަކީ މިސްކިތެވެ. މިސްކިތް ބިނާކުރެވުނީ މުޖުތަމަޢުގެ ފިކުރީ އެއްބައިވަންތަކަން ޤާއިމުކުރުމަށްޓަކައެވެ. ކޮންމެ ފިކުރަކަށް ވެސް ނަޞްރު ލިބެނީ އެ ފިކުރެއް ޤަބޫލުކުރާ ބަޔަކު އެފިކުރެއްގެ މައްޗަށް ތަރުބިޔަތު ކޮށްގެންނެވެ. ރަނގަޅު ފަރުދަކީ ރަނގަޅު ޢާއިލާގެ ބިންގަލެވެ. ރަނގަޅު ޢާއިލާއަކީ ރަނގަޅު މުޖުތަމަޢުގެ އަސާސެވެ. ރަނގަޅު މުޖުތަމަޢުއަކީ ރަނގަޅު ދައުލަތުގެ ތަނބެވެ. ނަބަވީ މިސްކިތް ވެގެން ދިޔައީ އެއިރުގެ ދީނާއި ދުނިޔޭގެ ކަންކަން އިޞްލާޙުގެ މަގުން ހިނގެވުމަށް ބޭނުންކުރި މައި މަރުކަޒަށެވެ. އަޅުކަމުގެ މަރުކަޒަށެވެ. އެތަނުގައި ރެއާއި ދުވާލު މުސްލިމުން އެއްބަޔަކު އަނެއް ބަޔަަކަށް މަދުވެގެން ފަސް ފަހަރު ޖަމާޢަތުގައި ބައްދަލުވެއެވެ. އަދި ހަފްތާއަކު އެއަށް ވުރެ ބޮޑު ޖަމާޢަތެއްގައި ބައްދަލުވެއެވެ. އެއީ ހުކުރުމުގެ ޖަމާޢަތެވެ. އަދި އަހަރަކު ދެފަހު އެއަށްވުރެ ބޮޑު ދެ ޖަމާޢަތުގައި ބައްދަލުވެއެވެ. އެއީ ދެ ޢީދު ދެ ނަމާދެވެ.

މިސްކިތުން އަންނަ ނިދާއަކީ " ސަލާމަތްކަމާއި ފަލާޙާއި ނަސީބު ލިބިގަތުމަށް އަންނާށެވެ!" ނަބީ މިސްކިތް ވެގެން ދިޔައީ ޢިލްމުގެ ޖާމިޢާ އަށެވެ. އެ ޖާމިޢާގައި ޢިލްމު އުނގަންނައި ދިނުމުގެ ބައްދަލުވުންތައް ބޭއްވެމުން ދިޔައެވެ. ޝޫރާ މަޖުލިހަށެވެ. އުންމަތުގެ މުހިންމަކު ކަންކަމުގައި އެތަނަށް އެއްވެ މަޝްވަރާކުރެވެމުން ދިޔައެވެ. މެހުމާނުންނާ އިސްތިޤުބާލު ކުރާ ދާރުލްއިޤާާމާއަށެވެ. އެހެނިހެން ޤައުމުތަކުން އަންނަ ސަފީރުން ކީރިތި މާތް ސާހިބާއާއި އެތަނުގައި ބައްދަލުކުރައްވައެވެ. ނިކަމެތިންނަށް އަޅާ ސެންޓަރަށެވެ. ކީރިތި ރަސޫލާގެ އަރިހުން އެހީތެރިކަން ހޯދުމަށް އަންނަ ފަރާތްތައް އެތަނުގައި އެކަލޭގެފާނާއި ބައްދަލުކުރަމުން ދިޔައެވެ. މިކަންކަމުގެ އިތުރުން އެތަނަކީ ޢަދުލަށް ޙުކުމް ކުރާ ފަނޑިޔާރުގެ ވެސް މެއެވެ. މިހުރިހާ ކަމުން ދޭހަވަނީ އިސްލާމީ ޙަޟާރަތުގައި މިސްކިތަށް ދެވިގެންވާ މަތިވެރި މަޤާމެވެ.

އާދެ! ކީރިތި ރަސޫލާގެ ހިޖުރައަށް ފަހު ކުރެއްވި މުހިންމު އަނެއްކަމަކީ މުހާޖިރުންނާއި އަންޞާރުން އަޚު ކުރެއްވުމެވެ. މިއީ ފަހަރެއްގައި ވެސް ރަޙުމަތްތެރި ކުރެއްވުމެއްނޫނެވެ. މިއީ އެއަށްވުރެން ފުޅާ ނިޒާމެއްގެ ދަށުން ކުރައްވާފައިވާ ކަމެކެވެ. އަޚުކުރެއްވުމުގައި އެއްބަޔަކު އަނެއް ބަޔަކަށް ވާރުތަވާގޮތައް ވެސް ކަނޑައެޅުއްވިއެއެވެ. މިކަމުގެ މަޤުޞަދަކީ އިޖުތިމާޢީ އެއްބައިވަންތަކަން ޤާއިމުކުރެއްވުމެވެ. އަދި އެވަގުތު ދިމާވެފައިވާ އިންސާނީ ޚާއްޞަ ޙާލަތްތަކުން އަރައިގަތުމެވެ. އިޖުތިމާޢީ ގޮތުން ކަންކަން ހަމައަކަށް އެޅުމުން ވާރުތަވާ ގޮތަށް އޮތުން ފަހުން މަންސޫޚުވިއެވެ.

މީގެ އިތުރުން ކީރިތި ރަސޫލާ ވަނީ އިސްލާމްދީނުގައި ލިޔެވުނު އެންމެ ފުރަތަމަ ދުސްތޫރު ލިޔުއްވާފައެވެ. އެއަށް "ޞަޙީފަތުލްމަދީނާ" ނުވަތަ " ވަޘީޤަތުލްމަދީނާ" ކިޔައެވެ. މިޒަމާނުގެ ގޮތުން ނަމަ އެއީ ޤާނޫނު އަސާސީއެވެ. އޭގައި ވަނީ ސާޅީސް ހަތް މާއްދާއެވެ. އެ ދުސްތޫރުގައި މަދީނާގެ ރައްޔިތުންގެ ޙައްޤުތަކާއި މަދީނާގައި ދިރިއުޅޭ އެހެން ޘަޤާފަތްތަކުގެ އަހުލުވެރިންގެ ޙައްޤުތައް ރައްކާތެރިކޮށްދީފައިވެއެވެ. އަދި މަދީނާއަށް ނުރައްކަލެެއް ކުރިމަތި ވެއްޖެ ނަމަ އެންމެން ގުޅިގެން މަދީނާގެ ޙިމާޔަތުގައި މަސައްކަތްކުރުމަށް ކަނޑައަޅުއްވާފައިވެއެވެ. އަދި މަދީނާގައި އުޅޭ ޣައިރު މުސްލިމުންނާ މެދު ވެސް ވަަރަށް ޢަދުލުވެރިކޮށް މި ވަޘީޤާގައި ކަންކަން ކަށަވަރު ކުރައްވާފައިވެއެވެ.

މަދީނާގައި އިސްލާމީ ދައުލަތް ޤާއިމުވުމާއެކު ބައިނަލްއަޤުވާމީ ގުޅުންތައް ވަރުގަދަކޮށް އޭރުގެ ބޮޑެތި ދައުލަތްތައް ކަމަަށްވާ ފާރިސްކަރައިގެ ދައުލަތާއި ރޯމަންގެ ދައުލަތާއި ޙަބަޝާއި، މިޞްރާއި، ބަޙުރައިންގެ ވެރިންނަށް ކީރިތި ރަސޫލާ ޚިޠާބުތައް ފޮނުވައި އިސްލާމްދީނުގެ ރިސާލަތު ފޯރުކޮށްދެއްވިއެވެ. މި ޚިޠާބުތައް ހިއްޕަވައިގެން ވަޑައިގެންނެވީ އެކަލޭގެފާނު އެކަމަށް ޢައްޔަންކުރެއްވި ޒުވާން ސަފީރުންނެވެ. އަދި އެކަލޭގެފާނުގެ ޚިޠާބު ތަކުގައި ސިއްކައެއްގެ ގޮތުގައި " محمدٌ رسول الله " މިހެން ޖެއްސެވިއެވެ. މާނައަކީ "ﷲގެ ރަސޫލާ މުޙައްމަދު" މިކަންކަމުން ދޭހަވަނީ އިސްލާމްދީނަކީ ބައިނަލްއަޤުވާމީ ދީނެއްކަމާ އެއީ ވަކި ބަޔަކަށް، ވަކި ނަސްލަކަށް އައިސްފައިވާ ދީނެއްނޫންކަމެވެ.
އާދެ! މަނީދާގައި އިސްލާމީ ދައުލަތް ޤާއިމުކުރެއްވުމަށް ފަހު، މިސްކިތް ބިނާކުރެއްވުމާއި އަޚުވަންތަކަމުގެ ނިޒާމު ޤާއިމު ކުރެއްވުމާއި ދުސްތޫރީގޮތުން ޙައްޤުތައް ކަށަވަރުކުރެއްވި ފަދައިން :" ޔަޘްރިބު"ގެ ނަން މަދީނާ އަށް ބަދަލު ކުރެއްވިއެވެ. މަދީނާ އަކީ ޢަރަބި ލަފުޒެކެވެ. އޭގެ މާނައަކީ ސިޓީ އެވެ. މި އިން ދޭހަވަނީ ރަށްފުށު ފަދަ ތަނެއްގެ ގޮތުގައި އެތަން އޮތުމަށް ފަހު އެތަނަކީ ޢިލްމީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި ޙަޟާރީ ގޮތުން ކަންކަން ފަހިވެފައިވާ ތަނެއްގެ ގޮތުގައި ވެގެން ދިޔަކަމެވެ. އަދި މި ނިންމެވުން ދޭހަވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދުރުވިސްނުންފުޅެވެ.

އިސްލާމީ ޙަޟާރަތް ޤާއިމު ކުރެއްވުމުގައި ކީރިތި ރަސޫލާވަނީ އެންމެހާ ރައްޔިތުންގެ ބައިވެރިވުން ހޯއްދަވާފައެވެ. ޚާއްޞަ ގޮތެއްގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން ވަރަށް ބޮޑަށް އޮތެވެ. އަންހެނުންނާއި ޒުވާނުންނަށް އިސްލާމްދީނުގައި ނުހަނު މަތިވެރި މަޤާމެއް ދީފައިވެއެވެ. އިސްލާމީ ޙަޟާރަތު ބިނާކުރުމުގައި ތަފާތު ދާއިރާތަކުން އަންހެނުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ވިޔަފާރިއާއި އިޖުތިމާޢީ މަސައްކަތްތަކާއި ޢިލްމު ފެތުރުއްވުމާއި ދައުލަތުގެ ސިޔާސީ ކަންކަމުގައި މަޝްވަރާ ދެއްވުމާއި ބޭސްވެރިކަމާއި މިފަދަ ކިތައްމެ ކަމެއް ހިމެނެއެވެ. ވިޔަފާރީގެ ދާއިރާއިން އުންމުލްމުއުމިނީން ޚަދީޖާ ބިންތި ޚުވައިލިދު، އިސްލާމްދީނުގެ ކުރީކޮޅުގައި ވަރަށް މަތިވެރި ދައުރެއް އަދާކުރެއްވިއެވެ. އެކަމަނާގެ ވިޔަފާރިއަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެވުނު ވިޔަފާރިއެކެވެ. އާދެ! ހިޖުރަ އަށް ފަހު މައްކާ ފަތަޙަކުރުމަށް މަގު ފަހި ވެގެން ދިޔަ ޙުދައިބިއްޔާގެ ޞުލްޙައިގެ މުޢާހަދާ ޤާއިމު ކުރެއްވުމުގެ ލަފާ ދެއްވީ އެކަލޭގެފާނުގެ އަނބިކަނބަލުން އުންމު ސަލަމާ އެވެ. އިސްލާމީ ދައުލަތަށް ކުރިމަތިވި ނުރައްކާތެރިކަންކަމުން، ކީރިތި ރަސޫލާ ސަލާމަތް ކުރެއްވުމުގައި ވެސް އަންހެން ކަނބަލުން މަސައްކަތްކުރައްވާފައިވެއެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ، އެންމެ ފުރަތަމަ އިސްލާމްވީ ވެސް އަންހެނެކެވެ. އެންމެ ފުރަތަހަމަ ޝަހީދުވީ ވެސް އަންހެނެކެވެ. އެންމެ ފުރަތަމަ ފަރުވާދޭނެ މަރުކަޒެއް ޤާއިމު ކުރީ ވެސް އަންހެކެވެ. އުންމަތުގެ ޢިލްމު ފެތުރުއްވީ ވެސް ކީރިތި ރަސޫލާގެ އަނބިއަނބިކަނބަލުންނެވެ.

އާދެ! ޒުވާނުންގެ ދައުރަށް ބަލާއިރު، ޒުވާނުން އަދާކޮށްފައިވަނީ ވަރަށް އާދަޔާ ޚިލާފު ދައުރެކެވެ. ކީރިތި ރަސޫލާއަށް ނަޞްރުދީ އުންމަތުގެ ސަފުތައް ބަދަހިކުރުމުގައްޔާއި އިސްލާމްދީން ފެތުރުއްވުމުގައި ޒުވާނުން އަދާކުރީ ވަރަށް ފުޅާ ދައުރެކެވެ. އެކި ޤައުމުތަކަށް ސަފީރުންގެ ގޮތުގައި ފޮނުވުނީ ޒުވާނުންނެވެ. އިސްލާމްދީނުގެ އެންމެ ފުރަތަހަމަ ސަފީރަކީ މުޞްޢަބު ބިން ޢުމައިރެވެ. ލަޝްކަރުތަކުގެ ކޮމާންޑަރުންނަށް ވެސް އުސާމާ ބިން ޒައިދު ފަދަ ވަރަށް ޒުވާން ބޭބޭކަލުން ޢައްޔަންކުރެއްވިއެވެ. ކީރިތި ރަސޫލާ މަސައްކަތްކުރެއްވީ ޒުވާނުންނާ ވަރަށް ގާތުންނެވެ.

ދުނިޔެ ބަދަލުކޮށްލި ޙަޟާރަތް

އިސްލާމީ ޙަޟާރަތަކީ އިންސާނިއްޔަތުގެ ތާރީޚު ދުށް އެންމެ ޝާމިލް ޙަޟާރަތެވެ. އިންސާނުންގެ ފިޠުރީ އުޞޫލްތަކާ ރަޙުމަތްތެރި ޙަޟާރަތެވެ. ﷲ އެއްކައުވަންތަކުރުމުގެ މަތިވެރި އުޞޫލުގެ މަތީގައި ޤާއިމުވެގެން ދިޔަ ޙަޟާރަތެވެ. އިސްލާމީ ޙަޟާރަތުގެ ސަބަބުން ބޮޑެތި ހެޔޮ ބަދަލުތަކެއް ދުނިޔެއަށް އައެވެ. އޭގެ ތެރޭގައި އިޖުތިމާޢީ ބަދަލުތަކާއި އަޚުލާޤިއްޔާތުގެ ދާއިރާއިން އައި ބަދަލުތަކާއި ވިޔަފާރިއާއި އިޤުތިޞާދުގެތެރެއިން އައި ބަދަލުތަކާއި ޢިލްމާއި ފިކުރީ ގޮތުން އައި ބަދަލުތަކާއި ދައުލަތް ހިންގުމުގެ އުޞޫލުތަކުގެތެރެއިން އައި ބަދަލުތައް ހިމެނެއެވެ.

1 - އިޖުތިމާޢީ އަޚުލާޤިއްޔާތު

އިސްލާމްދީނަކީ އިޖުތިމާޢީ ގޮތުންނާއި އަޚުލާޤީގޮތުން އެންމެ ރިވެތި ނިޒާމް ގެނެސްދިން ދީނެވެ. ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުގައި ބަޔާންވެގެންވާ ބަސްފުޅުތަކަށް ބަލާލާއިރު އަޅުކަންކުރަން ގޮވާލާ އައިސްފައިވާ އާޔަތްތަކާއި ޙަދީޘްތަކަށް ވުރެ، އިޖުތިމާޢީ އަޚުލާޤިއްްޔާތާ ތަރުބިޔަތާ ގުޅޭ ބަސްފުޅުތައް ގިނައެވެ. މައިންބަފައިންނަށް ހެޔޮކޮށްހިތުމަށާއި ގާތް ތިމާގެކަމުގެ ގުޅުން ދެމެހެއްޓުމަށާއި ނިކަމަތީންނަށް އަޅާލުމަށާއި ޙައްޤު ނޫން ގޮތެއްގައި މީހެއްގެ ފުރާނައެއް ދުއްވާނުލުމަށާއި އެކަކު އަނެކަކަށް ހެޔޮޮކޮށްހިތުމަށާއި އަނބިދަރީންނަށް ހެޔޮކޮށް ހިތުމަށާއި މެހުމާނުންނަށް ކަމޭހިތުމަށާއި އަވަށްޓެރިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށާއި ޖަނާޒާގައި ބައިވެރިވުމަށާއި އެކަކު އަނެކަކަށް ސަލާމްކުރުމަށައި ބަލިވެއްޖެނަމަ ޒިޔާރަތްކުރުމަށާއި މިފަދަ އެތައް އެތައް އަޚުލާޤެއް އިސްލާމްދީނުގައި ގެނެސްދީފައިވެއެވެ. މިކަންކަމުގެ ސަބަބުން އެހެނިހެން ޙަޟާރަތްތަކުގެ މައްޗަށް އިސްލާމްދީން ކުރިހޯދިއެވެ.

2 - ވިޔަފާރިއާއި އިޤުތިޞާދު

ވިޔަފާރިއާއި އިޤުތިޞާދުގައި އިސްލާމީ ޙަޟާރަތުގައި ކުރިއެރުންތައް ހޯދާފައިވެއެވެ. އަދި އުންމުލްމުއުމިނީން ޚަދީޖާ ބިންތި ޚުވައިލިދު، އަބޫ ބަކުރުއްޞިއްދީޤު، ޢުޘްމާން ބިން ޢައްފާން، ޢަބްދުއްރަޙްމާން ބިން ޢައުފު، ޠަލްޙަތު ބިން ޢުބައިދިއްﷲ ފަދަ އެތައް ވިޔަފާރިވެރިން އިސްލާމީ އުންމަތުގައި ފެނިގެން ގޮސްފައިވެއެވެ. އަދި އިސްލާމީ އުންމަތާއި ދައުލަތާއި ޙަޟާރަތު ބިނާކުރުމުގައި އެބޭކަލުންގެ މުދަލުން ހޭދަކުރައްވާފައިވެއެވެ. އަމިއްލަ މަސައްކަތުން ކައިބޮއިއުޅުމާއި ދިރިއުޅުމަށްޓަކައި މަސައްކަތްކުރުމަކީ އިސްލާމްދީނުގައި ނުހަނު ބާރު އަޅާފައިވާ ކަމެކެވެ. ވިޔަފާރި ހުއްދަކުރެއްވިއެވެ. އަދި ޒަކާތުގެ ނިޒާމު ފަރުޟު ކުރެއްވިއެވެ. ޢުމަރުގެފާނުގެ ޒަމާނުގައި ޓެކްސްގެ ނިޒާމު ތަޢާރަފު ކުރެއްވިއެވެ. އެ ޒަމާނުގައި ވެސް މަދީނާގެ ފެންވަރުގައްޔާއި ބައިނަލްއަޤުވާމީ ފެންވަރުގައި ވިޔަފާރިކުރައްވަމުން ގެންދެވި ބޭކަލުން އަޞްޙާބު ބޭކަލުންގެތެރޭގައި ތިއްބެވިއެވެ. ވިޔަފާރީގައި ތެދުވެރިވުމަށް އަންގަވައި މީސްތަކުންގެ މުދާ ނުޙައްޤުން ކެއުން ވަނީ މަނާކުރައްވާފައެވެ.

3 - ޢިލްމާއި ފިކުރު

އިސްލާމީ ޙަޟާރަތު ފެށިގެން އައީ ވެސް ޢިލްމުންނެވެ. އެހެންކަމުން މުސްލިމުން ވެގެންދިޔައީ ޢިލްމީގޮތުން އިންސާނިއްްޔަތުގެ ތާރިޚަށް އާ ޞަފްޙާއެއް ހުޅުވާލަ ދިން ބަޔަކަށެވެ. ޢިލްމު ހޯދުމަށާއި ޢިލްމު އުނގެނުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅާފައިވެއެވެ. ޞަަޙާބީންގެ ތެރެއިންވެސް ޢިލްމުގެ އެކި ދާއިރާތަކުގެ ތަޚައްޞުޞް ބޭކަލުން ފެނިފައިވެއެވެ. ޙަރާމް ޙަލާލުކަންކަމަށް އެންމެ މޮޅު ބޭކަލަކީ މުޢާޛު ބިން ޖަބަލެވެ. ތަފްސީރު ޢިލްމުގައި އެންމެ އަރާހުންނެވި ދަންނަބޭކަލަކީ ޢަބްދުﷲ ބިން ޢައްބާސެވެ. ތަރިކަ މުދަލާ ބެހޭ ޢިލްމުގައި އެންމެ މޮޅު ބޭކަލަކީ ޒައިދު ބިން ޘާބިތެވެ. އެންމެ މޮޅު ޤާރީވެރިޔަކީ އުބައްޔު ބިން ކަޢުބެވެ. ޚާލިދު ބިން ވަލީދަކީ ޢަސްކަރީ ކޮމާންޑަރެކެވެ. ޢުންމުލްމުއުމިނީން ޢާއިޝާ އަކީ ޢިލްމުވެރި ބޭކަނބަލެކެވެ. އަދި ބައެއް ބޭސްވެރިކަމާއި، ފަރުވާކުރުމާއި އަންތެރިމަސައްކަތްކުރުމުގެ ދާއިރާ މިފަދަ އެތައް ދާއިރާއަކުން ޞަޙާބީން ޢިލްމު ޙާޞިލް ކުރެއްވިއެވެ. ޢިލްމީ ޙަޟާރަތު ކުރިއަރައިގެން ގޮސް އުމަވީ ދައުލަތާއި ޢައްބާސީ ދައުލަތުގައި އިސްލާމީ އުންމަތް އެެހެނިހެން އުއްމަތްތަކުގެ މައްޗަށް ކުރި ހޯދިއެވެ. އަދި ޚަލީފާ މައުމޫނުއްރަޝީދުގެ ދުވަސްވަރުގައި " ބައިތުލްޙިކުމާ" ޙިކުމަތުގެ ގެ" ރިސާރޗް އެކަޑަމީއެއްގެ ގޮތުގައި އުފައްދަވައި އެހެނިހެން ބަސްބަހުން ލިޔެވިފައިވާ ފޮތްތައް ޢަރަބި ބަހަށް ތަރުޖަމާކުރުމުގެ ބޮޑު މަޝްރޫޢެއް ފެއްޓެވިއެވެ. ނަތީޖާއަކަށް ވީ އިސްލާމީ އުންމަތުގެ ދަރީންނަށް އިތުރު ދޮރުތައް ހުޅުވި އެތައް ޢިލްމެއްގެ މުއައްސިސުންނަށް މުސްލިމު ސައެންސް ވެރިން ވެގެން ދިއުމެވެ. ބޭސްވެރިކަމާއި ފަލަކީ ޢިލްމާއި ޙިސާބު ޢިލްމާއި ޖޯގްރަފީއާއި ތާރީޚާއި މިފަދަ އެތައް ދާއިރާއަކުން މުސްލިމުނ ކުރި ހޯދިއެވެ. އަދި ޔުނިވަރސިޓީތައް ވެސް އުފައްދައި ގިނަގޮތްގޮތުން މުސްލިމުން މުޅި ދުނިޔެއަށް އިލްމު ފޯރުކޮށްދިނެވެ. އިސްލާމީ ޙަޟާރަތް ވެގެން ދިޔައީ ޢިލްމާއި ފިކުރުގެ މައްޗަށް ޤާއިމުވެގެން ދިޔަ ޙަޟާރަތަކަށެވެ.

4 - ދައުލަތް ހިންގުމުގެ ނިޒާމު

އިސްލާމްދީނަކީ ދައުލަތް ހިންގުމުގެ ފުރިހަމަ ނިޒާމެއް އޮތް ދީނެވެ. ޙާކިމުގެ މަސްއޫލިއްޔާއި ވާޖިބުތައް ކަނޑައަޅުއްވާފައިވާ ދީނެވެ. ރައްޔިތުންގެ ވާޖިބުތަކާ މަސްއޫލިއްޔަތުތައް ވެސް ބަޔާންވެގެންވާ ދީނެވެ. އަދި ޝޫރާގެ ނިޒާމު ކަނޑައަޅުއްވާފައިވާ ދީނެވެ. ދައުލަތުގެ މަތީ މަޞްލަޙަތައްޓަކައި ކީރިތި ޤުރުއާނާއި ސުންނަތާ ޚިލާފު ނުވާނެހެން ޤާނޫނުތައް އެކަށައެޅުގެ ޙައްޤު ދީފައިވާ ދީނެވެ. އަދި، މީގެ އިތުރުން ޢަސްކަރީ އަޚުލާޤިއްޔާތެއް ޤާއިމު ކުރި ދީން ވެސް މެއެވެ. ހަނގުރާމަައިގެ ވަގުތުގައި ވެސް އަންހެނުންނާއި ކުޑަކުދީންނާއި ޖަނަވާރުތައް މެރުން މަނާކޮށްފައިވާ ދީނެވެ. އެހެން ދީންތަކުގެ އަޅުކަންކުރަން ތިބޭ މީހުން ނުމެރުމަށާއި، އަޅުކަންކުރާ މަރުކަޒުތަކަށް ގެއްލުން ނުދޭން އަންގަވާފައިވާ ދީނެވެ. ހަނގުރާމަ އިޢުލާން ކުރުމާއި ޞުލްޙަ އިޢުލާންކުރުމަކީ ހަމަ އެކަނި ޙާކިމަށް އޮތް ޙައްޤެއްކަމަށް ކަނޑައަޅުއްވާފައިވާ ދީނެވެ. މިކަންކަމަކީ ވަކި ވަކި ފަރުދުންނަށް ދީފައިވާ ޙައްޤުތަކެއް ނޫނެވެ. އިސްލާމްދީނުގައި ހަނގުރާމަކުރުން ލައްވާފައިވަނީ ވަކި ކަހަލަ ޝަރުޢީ ސަބަބުތަކަށްޓަކައެވެ. އަދި ދައުލަތަށް އަންނަ ދުޝްމަނުންގެ ޙަމަލާތަކުން ސަލާމަތްވުމަށްޓަކައެވެ. ފަހަރެއްގައިވެސް މަދަނީ މަޢުޞޫމު މީހުން މެރުމާއި ދަތުރުފަތުރުކުރާ ވަސީލަތްތައް ޙިޞާރުކޮށް ހައިޖެކްކުރުމަކީ އިސްލާމްދީން ހުއްދަކޮށްފައިވާ ކަމެއްނޫނެވެ. ޞުލްޙަވެރިކަމާއެކު އުޅޭ ދައުލަތްތަކާއި އެ ދައުލަތްތަކުގެ ރައްޔިތުންނަށް ޙަމާދިނުމަކީ ހުއްދަ ކަމެއްނޫނެވެ. މަޖްބޫރުން ދީނަށް ވެއްދުމަކީ އިސްލާމްދީނުގެ ފަލްސަފާއެއްނޫނެވެ.

އެޑިޓަރުގެ ނޯޓް

މި ލިޔުމަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލާ، އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ލިޔުއްވާފައިވާ މަޒުމޫނެކެވެ. މި މަޒުމޫނު ޝާއިއުކޮށްފައި މިވަނީ ޗާންސެލާގެ އެދި ވަޑައިގަތުމަށް އެ މަނިކުފާނު ލިޔުއްވާފައިވާ ގޮތަށެވެ.