ކޮލަމް

"ކޮބާ ކިހިނެއް؟ ކޮފީއަކަށް ގުޅާބަލަ"

ދިވެހިންނަކީ ހަގީގަތުގައި ވެސް ވަރަށް ރައްޓެހިން ގިނަ ބަޔެކެވެ. އެކަމަށް ދައުވާ ނުކުރާ މީހުން ޔަގީނުން ވެސް ވަރަށް މަދުވާނެ އެވެ. ހާލެއްޖެހޭ ދުވަހު އެބުނާ ގިނަ ރައްޓެހިންގެ ފުއްކިބަ ފެނުނަސް ވަރިހަމަ އެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ، ދިވެހިންނަށް ރައްޓެހިން ދަރަޖަ ކުރަން ނުދަންނަ ކަހަލަ އެވެ. އިއްޔެ މެންދުރު ފެނުނު މީހާ ވެސް އެއީ ދިވެހިންގެ އާންމު ނަޒަރުންނަމަ ރައްޓެއްސެކެވެ. ބޭބެ ނޫނީ ކޮއްކޮގެ ރައްޓެއްސެއް ވެސް، އެހެން މީހެއް ކައިރީ ބުނާއިރު އޮންނާނީ ތިމާގެ އަމިއްލަ ރައްޓެއްސަކަށްވެފަ އެވެ.

ކަން މިހެން އޮތުމާއެކު، އެފަދަ "ރައްޓެއްސެއް" މަގުމަތިން ފެނުމުން ހާލު އަހާލުމުގެ ރިވެތި އާދަ ދިވެހިންގެ ތެރޭގައި އޮންނަނީ ވަރަށް އާދަޔާ ހިލާފު ގޮތަކަށެވެ. މި ބުނި އާދަ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތެވެ. އެކަމުގައި ގިނަ ފަހަރު ޖިންސުގެ ތަފާތެއް ނުވަތަ ކަމުގެ އަންހެން ގޮތާއި ފިރިހެން ގޮތެއް ވެސް އޮންނަކަން ފާހަގަވެ އެވެ.

ފިރިހެނަކު އެހެން ފިރިހެން ނޫނީ ގިނަ ފަހަރު އަންހެން "ރައްޓެއްސެއް" ވިޔަސް ހަމަ ފެނުމާއެކު ގޮވާލާނީ އާންމުކޮށް ހަމަ އެއް މޭރުމަކުން ރޭވިފައިވާ ސުވާލުތަކަކުންނެވެ.

"ކޮބާ ކިހިނެއް؟ ކޮންތާކު ތިއުޅެނީ؟ މިހާރު ނުވެސް ފެނޭ؟.

ނަމަވެސް މި ސުވާލުތައް ކުރަނީ ކޮންމެހެން ޖަވާބެއް ބޭނުންވާތީ އެއް ނޫނެވެ. ގިނަ ފަހަރު ޖަވާބު ދެވުމުގެ ކުރިން އެއާ ވިދިގެން އަންނަ "ދައުވަތު" އަރުވާނެ އެވެ.

"ކޮފީއަކަށް ގުޅާބަލަ!" ނޫނީ "ކޮފީއަކަށް އަރަންވާނެ އެންނުން!".

މިއީ ވަކި މީހަކަށް ނޫނީ ފަންތިއަކަށް ހާއްސަ ކަމެއް ނޫނެވެ. އެބުނާ "ކޮފީ" އަކަށް ނުގުޅާނެ އެވެ. ސަބަބަކީ ގިނަ ފަހަރު އެމީހެއްގެ ނަންބަރު ވެސް އަތުގައި ނޯންނާތީ އެވެ. ދައުވަތު ލިބޭ މީހާއަށް ވެސް އެކަން ރަނގަޅަށް އެނގޭނެ އެވެ. ނަމަވެސް އާންމު އުސޫލުގެ ދަށުން އެހެން ބުނެނުލާ ދާން ހަމަ އުނދަގުލީ އެވެ. އެކަމަކު ހައިރާން ކުރަނިވިކަމަކީ، އެހެން ނުބުނެ ނޫނީ އެ ދައުވަތު ނުދީ "ރައްޓެއްސަކު" ގޮސްފިނަމަ، ކޮންމެވެސް ވަރަކަށް ދެރަ ވެސް އިހުސާސު ކުރެވޭ ކަހަލަ އެވެ. މިފަދަ ރައްޓެހިން ތަންކޮޅެއް ދުރުން ފެނުނަސް ސަލަމާތެއް ނެތެވެ. ހަތަރު ކަޅި ހަމަވެއްޖެނަމަ، އަތާއި ބޮލުގެ އިޝާރާތުން، ސުވާލާއި ދައުވަތު ފޯރުކޮށްދޭނެ އެވެ.

ދިވެހިންނަކީ ކޮފީ މޭޒުތަކުގައި ރައްޓެހިންނާއެކު ދުވަހުގެ އެތަކެއް ވަގުތެއް ހޭދަ ކުރާ ބައެކެވެ. އެހެން ކަމުން، ހަގީގަތަކީ އެއްކޮށް ކޮފީ އަށް އަރާ ރައްޓެހިންނާއެކު ކޮންމެ މީހަކުވެސް ކޮފީތަކަށް ދާކެމެވެ. އާންމު ގޮތެއްގައި ދުވާލެއްގެ މައްޗަށް ދެތިން ކޮފީވެސް އޮންނަނީ މަދުވެފަ އެވެ.

ފިރިހެނުންނާއި ހިލާފަށް އަންހެނުންގެ ބަހުރުވަ ތަފާތެވެ. "ދިމާވެލަން ވާނެ!" މިއީ އާންމު އުސޫލެވެ. އެކަމަކު މިވަރަކުން ގިނަ ފަހަރު ނުފުދެ އެވެ. ހާލު އަހުވާލު އެހުމުގެ ބަދަލުގައި، މުޅިން އެހެން މިސްރާބަކަށް އަންހެނުންގެ މުއާމަލާތްތައް އެނބުރޭ ފަހަރު ގިނަ އެވެ.

"ހާދަ ފަލަވެއްޖެ އޭ!" "އަޅޭ، ހާދަ ހިއްކޭ މިހާރު!"

ނަމަވެސް އަންހެނުންގެ ދިފާއުގައި، ގިނަ ފަހަރު އެމީހުންގެ ރައްޓެހިންގެ އާންމު ދިރިއުޅުމާ ދޭތެރޭ ހަމަ ފެންނަ ގޮތަށް ކަންބޮޑުވާކަން ފާހަގަ ކޮށްލަން ޖެހެ އެވެ. އަންހެނުންގެ ތަފާތު ކަމަކީ "ދައުވަތު" އަރުވާނީ ކުރިންނެވެ. އެއަށްފަހު އަންނާނީ ފުލުފުލުން ސުވާލުތަކެކެވެ.

"ކޮބާ މީހަކާ އިނީތަ މިހާރު؟" "ދަރިއަކު ހޯދާކަށް ނުވޭ؟" "ބުރުގާ އެޅީ ކޮން އިރަކުތަ؟"

މި މޭރުމުން ސުވާލުތައް ބަންޑުންކޮށްލާނެ އެވެ. ސުވާލު ރައްދުވާ މީހާ ލަދުގަންނަވަރަށެވެ. ސަބަބަކީ ހަގީގަތުގައި ތިމާގެ އެހާ ގާތް ރަހުމަތްތެރިއަކު ނަމަ އެ ސުވާލުތައް ކުރާކަށްނުވެސްޖެހޭނެ އެވެ. އުޅެންވާ ވަރަށް އެކުގާ އުޅެވޭނަމަ ޖަވާބު އެނގޭނެތީ އެވެ.

ފަހަރުގައި މިގޮތަށް ވާން މެދުވެރިވަނީ، ދިމާނުވެވޭތީ ނުވަތަ ގުޅުން ނުބޭއްވޭތީ އެކަމާ ދެރަވެގެން ކަމަށް ވެސް ވުން އެކަށީގެންވެ އެވެ. ބައްދަލުނުވާތާ އެތައް ދުވަހެއް ފަހުން ކުއްލިއަކަށް ފެނުމުން، ހާސްވެގެން، ބޭއިހުތިޔާރުގައި ކޮފީގެ ދައުވަތެއް ދެވެނީ އެވެ. "ރައްޓެއްސެއް" ގެ ހަށިގަނޑުގައި ކުޑަވެސް ބަދަލެއް ފެނުމުން، ފާހަގަނުކޮށް ދޫކޮށްލަން އުނދަގޫ ވަނީ އެވެ. ކިތަންމެ މީހުން ގިނަ ތަނަކުން ފެނުނަސް، ޒަވާޖީ ހަޔާތެއް ފެށީތޯ ނޫނީ ދަރިއެއްގެ ނިއުމަތް މިންވަރުކުރެއްވީތޯ އަހާނުލާ ފަސްދީ ނުދެވެނީ އެވެ.