ބޮލީވުޑް

ޝާހިދު ކަޕޫރު ކައިވެނިކުރަނީ

Mar 23, 2015

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ޝާހިދް ކަޕޫރު ކައިވެނި ކުރަން އުޅޭކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

އުމުރުން 34 އަހަރުގެ ޝާހިދް ކައިވެނި ކުރަން ނިންމާފައިވަނީ އިންޑިއާގެ ދިއްލީއަށް ނިސްބަތްވާ މީރާ ރާޖްޕުތް އާ ކަމަށްވެ އެވެ. 

މި އަހަރުގެ ޑިސެމްބަރު މަހު ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށާއި، މި އަހަރުގެ ޖެނުއަރީ މަހުގެ މެދުތެރޭގައި ޝާހިދް އާއި މީރާގެ އެންގޭޖްވެސް ވެފައިވާ ކަމަށްވެސް މި ރިޕޯޓްތަކުގައިވެ އެވެ.

މީރާއަކީ ލޭޑީ ސްރީ ރާމް ކޮލެޖް ފޯ ވުމަން ގައި ބެޗެލާސް އިން އިންގްލިޝްގެ ތިން ވަނަ އަހަރުގައި ކަޔަވަމުން އަންނަ ކުއްޖެކެވެ.

ޝާހިދު އާއި މީރާ ދިމާވެފައިވަނީ ދީނީ އަޅުކަން ކުރާ ގްރޫޕެއް މެދުވެރި ކޮށްކަމަށްވެ އެވެ. މީގެ އިތުރުން ޝާހިދް އާއި އޭނާގެ ބައްޕަ ޕަންކަޖް ކަޕޫރަކީ މި ގްރޫޕް ގަވާއިދުން ފޮލޯކުރާ ބައެއް ކަމަށްވެސް ވެ އެވެ.

ކައިވެންޏާ ގުޅިގެން ޝާހިދް އާއި މީރާ އުޅެނީ މީޑިއާ އާއި ވަރަށް ދުރުން ކަމަށާއި މީގެ ދުވަސްކޮޅެއް ކުރިން ޝާހިދްގެ ބައްޕަ ޕަންކަޖް ވަނީ މީރާގެ މއިންބަފައިންނާވެސް ބައްދަލުކޮށްފަ އެވެ.

ޝާހިދްގެ ކައިވެނީގެ ވާހަކަ މިހާރު މާގަދައަށް ދެކެވޭއިރު، މީގެ ދުވަސްކޮޅެއް ކުރިން ޝާހިދް ބުނެފައިވަނީ މީހަކާ އިންނަންޏާ އިންނާނީ ފިލްމް އިންޑސްޓްރީގައި ހަރަކާތްތެރި ނުވާ މީހަކާ ކަމަށެވެ.

މީގެ ކުރިން ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރް އާއި ޕްރިޔަންކާ ޗޯޕްރާ އާއިވެސް ޝާހިދުވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅެފަ އެވެ. އެގޮތުން 2004 ވަނަ އަހަރު ނުކުތް "ފިދާ" ކުޅުނު ދުވަސްވަރު ޝާހިދް އާއި ކަރީނާ ވަނީ ލޯބީގެ ގޮތުން ގުޅިފަ އެވެ. ނަމަވެސް އޭގެ ތިން އަހަރު ފަހުން ދެމީހުން ރުޅިވެފައިވާއިރު، 2009 ވަނަ އަހަރު ނުކުތް "ކަމީނޭ"ގެ ފަހުން ޝާހިދު އާއި ޕްރިޔަންކާ ރައްޓެހިވެގެން އުޅޭކަމުގެ އެތައް އަޑެއް ވަނީ އަރާފަ އެވެ.