ބޭރު ކުޅިވަރު

ބަޔާން އިން އާސެނަލް ލަދުގަންނަވާލައިފި

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ބަޔާން މިއުނިކް އަތުން އަމިއްލަ ދަނޑުގައި 5-1 އިިން ބަލިވެ، 10-2 ގެ ތަފާތު ބޮޑު އެގްރިގޭޓް ނަތީޖާއަކާއެކު އާސެނަލް މުބާރާތަށް އަލްވަދާއު ކިޔައިފި އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އާސެނަލް ޖެހިޖެހިގެން ކެޓި ހަތް ވަނަ ފަހަރެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މެޗުން 5-1 އިން ބަލިވެފައި އޮތް ނަމަވެސް، އާސެނަލް އިން މެޗު ފެށީ ރަނގަޅަށެވެ. އަދި މެޗުގެ 20 ވަނަ މިނިޓުގައި ތިއޯ ވޮލްކޮޓް ޖެހި ލަނޑާއެކު އާސެނަލްގެ އުންމީދު އާވި އެވެ.

އެހެން ނަމަވެސް، މެޗުގެ 54 ވަނަ މިނިޓުގައި ބަޔާނަށް ލިބުނު ޕެނަލްޓީ ވެގެންދިޔައީ އެ ޓީމު ކޮޅަށް މެޗު އެނބުރުނު ވަގުތަށެވެ. ބަޔާންގެ ފޯވަޑް ރޮބަޓް ލެވަންޑޮވްސްކީ އަށް އާސެނަލްގެ ޑިފެންޑަރު ލޯރެން ކޮސިއެލްނީ ކުރި ފައުލާ ގުޅިގެން ދިން ޕެނަލްޓީއާއެކު، ކޮސިއެލްނީ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.

ޕެނަލްޓީ ކާމިޔާބުކޮށް ބަޔާނަށް ނަތީޖާ ހަމަހަމަކޮށްދިނީ ލެވަންޑޮވްސްކީ އެވެ. އެ ހިސާބުން ބަޔާން އިން މެޗުގެ ކޮންޓުރޯލް ނަގައި، މެޗު ބާކީ އޮތް ބައިގައި އާސެނަލްގެ ޑިފެންސް ފޫއަޅުވާލި އެވެ.

މެޗުގެ 68 ވަނަ މިނިޓުގައި ބަޔާނަށް ލީޑު ހޯދައިދިނީ އާރްޔެން ރޮބެން އެވެ. އަދި އޭގެ ދިހަ މިނިޓު ފަހުން ބްރެޒިލްގެ ވިންގާ ޑަގްލަސް ކޮސްޓާ ބަޔާންގެ ތިން ވަނަ ލަނޑު ޖެހިއިރު، މެޗުގެ ފަހު 10 މިނިޓުގައި ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް ވަނީ އިތުރު ދެ ލަނޑު ޖަހައި ތަފާތު ބޮޑުކޮށްލައިފަ އެވެ.