ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

މޮބައިލް ސްޓޭޝަންތަކުން ރީރެޖިސްޓާ ކުރެވޭ ވަގުތު އަވަސްކޮށްފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލާ މީހުންގެ ތެރެއިން ރީ ރެޖިސްޓާ ކުރުމަށް ފޯމު ހުށަހެޅުމައި ފޯމު ބަލައިގަތުމުގެ ސުންގަޑި އަވަސްކޮށްފި އެވެ.

ކައުންސިލް އިންތިހާބުގައި ވޯޓުލާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ މީހުން ރީ ރެޖިސްޓާ ކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ މޮބައިލް ސްޓޭޝަންތަކުން ފޯމު ދޫކުރުމާ ބަލައިގަތުމުގެ މީގެ ކުރިން ކަނޑައަޅާފައިވާ ސުންގަޑިއަކީ މާދަމާ ހަވީރު 4:00 އާ ހަމައަށެވެ. ނަމަވެސް އީސީއިން މިއަދު ބުނީ ރީރަޖިސްޓާކޮށްދޭ ސުންގަޑި އެދުވަހުގެ 3:00 ހާއިރަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ރީރަޖިސްޓާ ކުރަން ބޭނުންވާ ފަރާތްތަކަށް އީސީއިން މޮބައިލްސްޓޭޝަންތައް ބަހައްޓާފައިވަނީ ހުޅުމާލެ އަދި ވިލިމާލެ ފެރީ ޓާމިނަލްގަ އެވެ. އެ ސްޓޭޝަންތަކުން ރީރަޖިސްޓާކޮށްދޭ ގަޑީ އަވަސްވެފައިވާ އިރު އިންތިހާބީ މަރުކަޒު ގޮތުގައި އީސީއިން ކަނޑައަޅާފައިވާ ބާ ޖަމާލުއްދީނުން އެ ފޯމު ބަލައިގަތުން ކުރިޔަށް ދާނެ އެވެ.