ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ދަތިވާ ގޮތަށް އެއްވެސް ފަރާތަކުން އެއްވެސް މަސައްކަތެއް ނުކުރަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ގޮވާލައިފި އެވެ.
މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ދުވަސްވަރަކީ ސަރުކާރާއި ރާއްޖޭގައި ރަޖިސްޓްރީވެފައިވާ އަމިއްލަ ފަރާތްތަކުން ތަރައްގީގެ ކުދި އަދި ބޮޑެތި މަޝްރޫއުތައް ހިންގާ ދުވަސްވަރެއް ކަމަށާއި އެއީ ސީދާ ރައްޔިތުންނާ ގުޅުންހުރި ގައުމުގެ ތަރައްގީގެ މަޝްރޫއުތައް ކަމަށެވެ.
މަސީން ބުނީ ގާނޫނާއި ގަވައިދާ އެއްގޮތަށް ސަރުކާރުން ކުރިޔަށްގެންދާ އަދި ކުރިޔަށް ގެންދަން ރާވާފައިވާ އެއްވެސް މަޝްރޫއަކަށް ހުރަސް އެޅޭނެ އެއްވެސް ބާވަތެއްގެ އަމަލެއް ނުހިންގަން އިލްތިމާސް ކުރާ ކަމަށާއި އެފަދަ އަމަލަކީ ރާއްޖެއަށް ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
"... މިފަދަ އެއްވެސް ޕްރޮޖެކްޓެއް ހުއްޓިއްޖެނަމަ އޭގެ ނޭދެވޭ އަސަރު މުޅި ގައުމަށާއި ރައްޔިތުންނަށާއި އަދި އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް ކުރާނެ ކަމަށް މި އެސޯސިއޭޝަނަށް ފެނެ އެވެ. އަދި ގައުމެއްގައި އިންވެސްޓް ކުރުމަށް އިންވެސްޓަރުންގެ އިތުބާރު ހޯދޭނީ ވަރަށް ގިނަ ބައެއްގެ ގިނަ ގުނަ މަސައްކަތުންނެވެ." އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ބުނެފައިވަނީ މަޝްރޫއުތަކާ ދެކޮޅު ހަދައި ގާނޫނުތަކާ ހިލާފަށް އެއްވެސް އަމަލެއް ހިންގާނަމަ އެކަމެއް ކުށްވެރިކުރާ ކަމަށެވެ.
މަސީން މި ބަޔާން ނެރުނު އިރު ފ. އަތޮޅުގައި ސަރުކާރުން ތަރައްގީ ކުރަން ސައުދީއާއެކު މަޝްވަރާ ކުރަމުން އަންނަ ބިޔަ ޕްރޮޖެކްޓާ ދެކޮޅަށް އިހުތިޖާޖެއް ކުރުމުގެ މަސައްކަތް އެމްޑީޕީ އިސްވެ އޮވެގެން އިދިިކޮޅު ފަރާތްތަކުން ދަނީ ރާވަމުންނެވެ.