ޑރ. މުހައްމަދު މުއިއްޒު

އެސްއީޒެޑްގެ ފުރަތަމަ ޕްރޮޕޯސަލް ލިބިއްޖެ

އެސްއީޒެޑް އިންވެސްޓްމަންޓްގެ ފުރަތަމަ ޕްރޮޕޯޒަލް ލިބިފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި އެމްއެންސީއައި ބިލްޑާ އެވޯޑްސް 2023 ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެސްއީޒެޑްގެ ފުރަތަމަ ޕްރޮޕޯޒަލްގެ ގޮތުގައި ލިބިފައިވަނީ ރިނިއުބަލް އެނާޖީ ދާއިރާގެ ޕްރޮޕޯޒަލް އެކެވެ.

"އެ ޕްރޮޕޯޒަލްއަކީވެސް ރިނިއުބަލް އެނާޖީގެ ދާއިރާއިން ސަތޭކަ ދިހަ މެގަވޮޓް ހާސިލުވެގެންދާ އެސްއީޒެޑް. ޕްރޮޕޯޒަލެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރިނިއުބަލް އެނާޖީގެ ދާއިރާގައި ދެމެހެއްޓެނިވި އެނާޖީ، ދެމެހެއްޓެނިވި ތަރައްގީ ރާއްޖެއަށް ހާސިލުކުރުމުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީ މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް ކުންފުނިތަކުން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ރާއްޖެއަށް އެސްއީޒެޑް ގެ ފުރުސަތު އެއޮތީ އަޅުގަނޑުމެން ތަންމިނަށް ހުޅުވައިލާފައި. އެހެންވީމާ، އަޅުގަނޑު އެދެނީ ވަރުގަދަ މަސައްކަތްތަކެއް ކުރަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ އަދަދަށް ރައީސް މުއިއްޒުގެ ގަރާރަކުން ބަދަލު ގެންނަވާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

ރައީސް މުއިއްޒުގެ ގަރާރާއެކު އެސްއީޒެޑްގައި 100 މިލިއަން ޑޮލަރަށްވުރެ ކުޑަ ނޫން އިންވެސްޓްމަންޓްތަކަށް މިހާރު ހުށަހެޅޭނެ އެވެ.

އެސްއީޒެޑްގައި ހިންގިދާނެ އިގުތިސާދީ މަސައްކަތްތައް

  • އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތުގެ މަސައްކަތްތައް.
  • ޓްރާންސްޝިޕްމަންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން، ޑޮކިން ސާވިސް.
  • ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރީސާޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް.
  • ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ޕާކް، އައިސީޓީއާ ގުޅޭ ފެސިލިޓީތައް
  • އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް.
  • އިއާދަކުރަނިވި ހަކަތައިގެ ދާއިރާ.
  • ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގޭ މަސައްކަތްތައް.
  • ފުޑް ސެކިއުރިޓީގެ ދާއިރާ.
  • ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް.

މީގެ ކުރިން އެސްއީޒެޑްގައި އިންވެސްޓްކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓަކީ 150 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އިންވެސްޓްމަންޓަކަށްވާން ޖެހެ އެވެ.