މަސީ

ޑޮމެސްޓިކް ދަތުރުތަކަށް ދިމާވި މައްސަލަ ހައްލުކޮށްފި

ޑޮމެސްޓިކް ދަތުރުތަކުގެ ޗެކް-އިން އަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދޭން ފަށައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ހެނދުނު ބުނި ގޮތުގައި އެތެރޭގެ އުދުހުންތަކުގެ ދަތުރުތަކުގެ ޗެކް-އިން އަށް ޓެކްނިކަލް މައްސަލައެއް ދިމާވެ އެތެރޭގެ އުދުހުންތަކަށް ބުރޫ އެރި އެވެ.

އެ މައްސަލަ އާއި ގުޅިގެން ޗެކް-އިން ކުރުމުގައި ލަސްތަކެއް ދިމާވުމުން އެކަމަށް ޕެސެންޖަރުންގެ ކިބައިން އެމްއޭސީއެލް އިން މައާފަށްވެސް އެދުނެވެ.

އެމްއޭސީއެލްއިން ބުނީ ދިމާވި މައްސަލަ ހައްލުކުރުމަށް ޓެކްނިކަލް މުވައްޒަފުން މަސައްކަތް ކޮށްގެން މިހާރު ކުރިއެކޭ އެއްގޮތައް އެއްވެސް ދަތި ކަމެއް ނެތި ޗެކް-އިން ކުރިއަށްދާ ކަމަށެވެ.

މިދުވަސްވަރަކީ ރާއްޖޭގައި ސްކޫލު ޗުއްޓީ ދުވަސްކޮޅު ކަމަށްވުމުންނާއި ޓޫރިޒަމްގެ ޕީކް ސީޒަނަށް ވުމުން ކޮންމެ އަހަރަކުވެސް މިދުވަސްވަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތޮއްޖެހުން ބޮޑުވެ ތަފާތު ޓެކްނިކަލް މައްސަލަތައް ކުރިމަތިވެ އެވެ.