މޯލްޑިވިއަން

ޓެކްނިކަލް މައްސަލައެއް ދިމާވެ މޯލްޑިވިއަންގެ ފްލައިޓެއް ޖައްސައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ލ. ކައްދޫއަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއްގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެ އަނބުރާ ވީއައިއޭއަށް ޖައްސައިފި އެވެ.

އަވަސްއަށް މައުލޫމާތު ދެމުން އައިލެންޑް އޭވިއޭޝިއަންގެ މާކެޓިން އެންޑް ޕީއާރް އެގްޒެކެޓިވް އަހްމަދު މުޝްއިލް ސޮބާހު ވިދާޅުވި ގޮތުގައި މި ފްލައިޓު އަނބުރާ ޖެއްސީ މިއަދު ހެނދުނު އެވެ.

ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކީ އެހާ ބޮޑު މައްސަލައެއް ނޫން ކަމަށްވެސް ސޮބާހު ވިދާޅުވި އެވެ.

ފްލައިޓަށް ދިމާވި މައްސަލައިގެ ތަފުސީލު މީޑިއާއަށް ހިއްސާކޮށްފައިނުވެ އެވެ. ނަމަވެސް ފްލައިޓުގެ ފަސިންޖަރުންނަށް އޭގެ ތަފުސީލު ހިއްސާކުރި ކަމަށް ސޮބާހު ވިދާޅުވި އެވެ.

ފްލައިޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް މޯލްޑިވިއަންގެ ޓެކްނިކަލް ޓީމުން މަސައްކަތްކުރަމުން އަންނަ ކަމަށާއި މިއަދު މެންދުރުފަހު 1:00 ގެ ކުރިން ފްލައިޓްގެ ދަތުރުތައް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.