ހަބަރު

ގާޒީ ހައްޔަރުކުރަން މަޝްވަރާކުރި ބައްދަލުވުމެއްގައި ޖަލީލު ބައިވެރިވިކަމެއް ނޭނގޭ: ޝިޔާމް

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން މަޝްވަރާ ކުރި އެއްވެސް ބައްދަލުވުމެއްގައި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ބައިވެރިވިކަން ނޭނގޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރިއިރު ޗީފް އޮފް ޑިފެންސް ފޯސްގެ ހައިސިއްޔަތުން އެކަމުގައި ބައިވެރިވި ކަމަށް ބުނެ ޖަލީލުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދެމުން ޝިޔާމް ވިދާޅުވީ ގާޒީ ހައްޔަރުކުރަން މަޝްވަރާ ކުރި އެއްވެސް ބައްދަލުވުމެއްގައި ޖަލީލު ބައިވެރިވިކަން އޭނާއަށް އެނގިފައިނުވާ ކަމަށެވެ. އަދި އަބްދުﷲ ގާޒީގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ޝިޔާމް ބައިވެރިވި ބައްދަލުވުމެއްގައި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ވިދާޅުވި ނަމަވެސް އެ ބައްދަލުވުމުގައި ވެސް ޖަލީލު ބައިވެރިނުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް އެގޮތަށް މިއަދު ކޯޓުގައި ވިދާޅުވި ނަމަވެސް ޝިޔާމް ވަނީ އެކަމުގެ ޒިންމާ ޖަލީލު ވެސް ނަންގަވަން ޖެހޭނެ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަނަށް ކުރިން ސިޓީ ފޮނުވައިފަ އެވެ. އެ ސިޓީ މިއަދު ޝަރީއަތުގައި ޝިޔާމަށް ދެއްކުމުން އޭނާ ވަނީ އެ ސިޓީއަކީ އޭނާ ފޮނުވި ސިޓީއެއް ކަމަށް އެއްބަސްވެފަ އެވެ.

އެ ސިޓީގައި އެގޮތަށް ވިދާޅުވީ ކީއްވެގެންތޯ ޝިޔާމާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އޭރު އެގޮތަށް ސިޓީ ފޮނުވީ އޭރު ސިފައިންގެ އޮޕަރޭޝަންސްގެ ކަންކަން ރޭވިފައި އޮތްގޮތުން އެކަންކަމަށް ބެލުމަށްފަހު ކަމަށެވެ. ނަމަވެސް ފަހުން ބެލި ބެލުމުން އެކަން އެގޮތަށް ހިނގާފައި ނެތްކަން އެނގުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭރު ކޯސްޓްގާޑްގެ ކޮމާންޑަރަކަށް ހުންނެވި ޝިޔާމް މިއަދު އެގޮތަށް ވިދާޅުވި ނަމަވެސް އޭރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު ކުރިން ކޯޓުގައި ވިދާޅުވެފައިވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރި އޮޕަރޭޝަންގެ އެލާޓް ސްޓޭޓަސް ބަދަލުކުރަން ޖަލީލު ލަފައަށް އެދުނު ކަމަށެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ވެސް މިއަދު ބޭއްވި އެވެ. އެ އަޑުއެހުމުގައި ހެކިބަސް ދެމުން އޭރުގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް އަތީފް ވިދާޅުވީ ގާޒީ ހައްޔަރުކުރަން އެއްވެސް ބައްދަލުވުމެއް ބޭއްވިކަން އެނގިފައިނުވާ ކަމަށާއި ގާޒީ ހައްޔަރުކުރި ކަން ވެސް އޭނާއަށް އެނގުނީ ހައްޔަރުކުރި ފަހުން ކަމަށެވެ.