ހަބަރު

ޖަލީލުގެ ދިފާއީ ހެކިންގެ ހެކިބަސް ނުނަގަން ނިންމައި، މާދަމާ ފަހު އަޑުއެހުން ބާއްވަނީ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ މައްޗަށް ކުރާ ދައުވާގެ ދިފާއީ ހެކިންގެ ހެކިބަސް ނުނަގަން ނިންމައި، އެ މައްސަލައިގެ ފަހު އަޑުއެހުން މާދަމާ ރޭ ބާއްވަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރިއިރު އޭރުގެ ޗީފް އޮފް ޑިފެންސް ފޯސްގެ ހައިސިއްޔަތުން އެކަމުގައި ބައިވެރިވި ކަމަށް ބުނެ ޖަލީލުގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އެ ދައުވާގެ ދިފާއުގައި ޖަލީލުގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް ހެއްކަކު ހާޒިރު ނުކުރަން ޝަރީއަތުން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އެ ހެކިންނަކީ ދައުލަތުން ހެކިންގެ ހެކިބަސް ނަފީ ކުރެވޭނެ ވަރުގެ ހެކިން ކަމަށް ނުފެންނާތީ ކަމަށް ގާޒީ އަބްދުﷲ ވިދާޅުވި އެވެ.

ގާޒީ އަބްދުﷲ ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުމަށް މާދަމާގެ ވަގުތެއްގައި އިތުރު އަޑުއެހުމެއް ބާއްވާނެ އެވެ. ޚުލާސާ ބަޔާން ހުށަހަޅާ އަޑުއެހުމަކީ އެންމެ ފަހުގެ އަޑުއެހުމެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާއިރު އެ އަޑުއެހުންތަކުގައި ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ވަނީ ނަގައިފަ އެވެ. މިއަދު ނެގީ މިހާރު ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ ހެކިބަހެވެ. މިހާރު ހެކިބަސް ނުނެގި ބާކީ ތިބީ އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހާއި އޭރުގެ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް އަތީފްގެ އިތުރުން ކާނަލް ވައިސް ވަހީދާއި ޗީފް އިންސްޕެކްޓާ އަހުމަދު ޝާކިރެވެ. ނަމަވެސް އެ ހަތަރު މީހުންގެ ހެކިބަސް ނުނެގިޔަސް މައްސަލައެއް ނެތް ކަމަށް ދައުލަތުން މިއަދު ވަނީ ކޯޓުގައި ބުނެފަ އެވެ.