(7 މާރިޗު 2017 އާ ގުޅޭ)
ނިޔާނު އޭނާގެ އިތުބާރު ގެއްލުވާލައިފިނަމަ ދެން ދުވަހަކު ވެސް އައިރާއަށް އެހެންމީހަކަށް އިތުބާރެއް ނުކުރެވޭނެއެވެ. ނޭނގުމެއްގެ ތެރޭގައި އައިރާ ހުރިއިރު އެންމެ ގާތް އެކުވެރިޔާއަށް ހަޤީޤަތް ހާމަކުރަން ވެސް އައިރާ ފަސްޖެހިއްޖެއެވެ. އޭނާއަށް ހެދުނު ގޯހެއްކަމުގައި ނިޔާނު ވެދާނެތީ އެކަމުގެ ވާހަކަ އިތުރު މީހެއް ގާތުގައި ދައްކާނެހާ ހިތްވަރު ވެސް ނެތީއެވެ.
އެކުވެރިންގެ ބުނުމަށް ހިތްވަރުކޮށްލާފައި ޤައިސްއާ ބައްދަލު ކުރެވުނީތީ ރުބީނާއަށް ހިތްހަމަޖެހުން ލިބުނެވެ. އަދި އެދެމެދުގައި އެކުވެރިކަމަށް ފުރުޞަތު ހުޅުވިގެން ހިނގައްޖެއެވެ. ސަލްމާގެ ދެމަފިރިންނާއެކު ޤައިސް ބައިވެރިވާނަމަ ރުބީނާއަށް ވެސް އެފަދަ ބައިވެރިވުންތަކަށް ދައުވަތު ލިބެންފަށައިފިއެވެ. ބައެއްފަހަރަށް ރުބީނާ އިސްވެ ޤައިސްގެ ހާލު ބެލުމަށް އޭނާއަށް މެސެޖުކޮށް ހަދަން ވެސް ފެށީއެވެ. އެފަދަ މެސެޖުތަކުގެ ތެރޭގައި ސަމާސާ ކުރުން ވެސް އެކުލެވުނެވެ. އެ ދެމެދުގައި އޮތް ގުޅުން މިފަހަރު ރުބީނާ އަވަސް އަރުވާލާކަށް ބޭނުމެއްނުވެއެވެ. ޤައިސްއަށް ވަގުތު ދީގެން އޭނާގެ ހިތް އަތުލަން ރުބީނާ ބޭނުންވެއެވެ. ވަގުތު ދިންކަމުގައި ވިޔަސް ރުބީނާގެ އަތުން ޤައިސް ދޫވެގެން ދާނޭ ފަދަ ފުރުޞަތެއް އޭނާ ނުދޭނެއެވެ.
ސަލްމާމެންގެއަށް ހިދާއާއި ރުބީނާ އައިސް ތިއްބެވެ. ރޭގަނޑުގެ ކެއުން ނިންމާލާފައި ތިން ރަޙުމަތްތެރިން ތިބީ ސަލްމާމެންގޭ ހާމަފެންޑާގައި ޖަހާފައި ހުރި ގޮނޑިތަކުގައެވެ. އެމީހުންގެ މެދުގައި ދެކެވެމުންދިޔައީ މުޅިން ވެސް މީހުންގެ ވާހަކައެވެ. އެފަދަ ވާހަކަތަކާއެކު ދޭތެރެއަކުން އެންމެން އެއްކޮށް ބާރަށް ހީނގަންނާނެއެވެ. އެމީހުންނަށް އެއީ ހުތުރުކަމެއް ވެސް ނޫނެވެ. މިފަހަކަށް އައިސް އެމީހުންގެ ތެރޭގައި ސަމާލުކަން ހޯދާފައިވަނީ ރުބީނާއެވެ. ޤައިސްއާ ދެމެދުގައި އޮތް ގުޅުން ބަދަހިވަމުން އަންނައިރު އޭނާގެ ފިރިހެން ދަރިފުޅާ އޮތް ގުޅުން ހީނަރުވަމުންއަންނާތީއެވެ. ރުބީނާއަކީ މީހުންގެ ލަފާ ހޯދާ މީހަކަށްވުރެ އޭނާއަށް ފެންނަ ގޮތެއް ބުނާ މީހެކެވެ. ގޮތް ނިންމާނީ ވެސް އޭނާ އަމިއްލައަށެވެ. ގިނަ ފަހަރަށް އޭނާގެ ރަޙުމަތްތެރިން ވެސް ރުބީނާގެ ނިންމުންތަކަށް ފާޑުކިޔުމުގެ ބަދަލުގައި އޭނާއަށް އެއްބާރުލުން ދެއެވެ.
"ތިހެން ދެން މަޑުމަޑުން ރޫބީ ހުންނާނީތަ؟" އަތުގައި އޮތް ކިއްލި ޕެކެޓާ ކުޅެމުން ހިދާ ވާހަކަދެއްކިއެވެ.
"މަޑުމަޑުން މި ހުންނަނީ ނިޔާނު ވެސް ކަމެއް ކުރާން ނޫޅޭތީ... އޭނާ މިހާރު އެ ވާހަކައެއް ނުވެސް ދައްކާ... ބޮޑަށް ހީވަނީ އަހަރެން ނުރުހުނީމަ އެކަން ހުއްޓާލީހެން... އެހެންނޫނަސް ދުރުގައި ހުރި މީހަކާ ގުޅުން ކަނޑުވާލަން ފަސޭހަވާނެ ދޯ" ރުބިނާ ބުންޏެވެ.
"އަހަންނަށް ވެސް ފެންނަނީ އަޅާނުލާ ހުންނަން... އޭނާ އެކަން ހުއްޓާލައިފިއްޔާ ރަނގަޅެއްނު... މާބޮޑަށް ރޫބީ އެއްޗެހި ކިޔާ ހަދާނަމަ ނިޔާނަށް ވެސް ހިތްވަރު ލިބިދާނެ އެ އަންހެންކުއްޖާއާ އިންނަން... ބައެއްފަހަރު އިދިކޮޅަށް ވެސް ކަންތައްވެއެއްނު... ކޮންމެގޮތެއްވިޔަސް ރޫބީ ނުވާނެ ތި ދެމެދުގައި އޮތް ގުޅުން ކެނޑުނަދީގެން... އެހެން އަންނަ އަންހެނުން ފުރަތަމަ ވެސް މަސައްކަތް ކުރާނީ މަންމައާއި ދަރިއާ ޖައްސަން... އޭރުންތާ ގެއަށް ވަށިބޭލޭނީ"
"ސަލްމާއަށް ހީވޭތަ އަހަރެން އެހެން ހެދިޔަ ދޭނެހެން... ނިޔާނު ދުވަހަކު ވެސް އަހަންނާ ޒުވާބެއް ނުކުރާނެ... އޭނަ ރުޅި އަޔަސް ބުނަންވާ އެއްޗެއް ބުނާނީ މަޑުމައިތިރިކޮށް... އަދި ބުނަންވާ އެއްޗެއް ބުނެފައި އަވަހަށް އަހަރެންގެ ކުރިމަތިން ދާނެ... އެހެން އުޅޭ ކުއްޖަކު ފާޑެއްގެ އަންހެނަކާ ޖެހި ހަލާކުވެގެންދާން ދޫކޮށެއް ނުލެވޭނެއެއްނު" ސަލްމާ ދެއްކި ވާހަކައަށް ނިކަން އަވަހަށް ރުބީނާ ބުންޏެވެ.
"އެކަމަކު ރޫބީ... ނިޔާނު ބޭނުންގޮތެއް ޚިޔާރުކޮށްލަން ދޫކޮށްލުން އެއީ ރަނގަޅުކަމަކަށް ފަހަރެއްގެ ވެދާނެއެއްނު... ރޫބީއަށް ވެސް ޤައިސްއާ ގުޅިގެން މިނިވަންކަމާއެކު އުޅެވޭނީ އޭރުންހެން މަށަށް ހީވަނީ... ޤައިސް އެހެން އުޅެފައި އިންނަން ވެސް އަހާފާނެ... ޝަބްނަމްވާދީއަކީ އަމީރުގެ ގެއެއް... އެގެއިން ނިޔާނާއި މައުރީންނާ ދެބެންނަށް ވާނެ... ދަރިންތައް ފަހަތުލައިގެން ދާވަރަށްވުރެ މިހާރު އެކުދީން އެ ތިބީ ބޮޑުވެފައެއްނު" ހިދާ އޭނާގެ ޚިޔާލު ހާމަކުރިއެވެ.
"އެކުގައި ނިޔާނު ނުގެންދިޔަސް މައުރީން ދޫކޮށެއް ނުލެވޭނެ... އަހަރެން ބޭނުންވަނީ ނިޔާނަށް ވެސް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން... އެހެންވެ މިހާވަރަށް ނިޔާނުގެ ނިންމުމާ ދެކޮޅު ހަދަނީ... އަހަރެން ބުނެފައި އޮންނާނީ އެ އަންހެންކުއްޖާއާ އިންނާކަށް އެއްގޮތަށް ވެސް އަހަރެންގެ ރުހުން ނުދޭނަމޭ... އަހަރެން އުޅޭ ތަނަކަށް ވެސް އެފަދަ އަންހެންކުއްޖަކަށް ނުވަދެވޭނެއޭ... އަހަންނާ ދެކޮޅަށް ނިޔާނަކަށް ނުކެރޭނެ ފިޔަވަޅެއް އަޅާކަށް... މައެއް ކަމަކު ނުބައިވާން މަށަށް ވެސް އެނގޭ" ރޫބީނާ އޭނާގެ އެންމެފަހުގެ ފައިސަލާ އިއްވާލަ ދިނެވެ.
އެގާރަޖަހަން އުޅެނިކޮށް ރުބީނާ އައިސް އެޕާޓްމެންޓަށް ވަނެވެ. އޭރު ކާމޭޒުދޮށުގައި މައުރީންއަށް ފިލާވަޅެއް ބުނެދޭން ނިޔާނު އިނެވެ. ހެނދުނު ސުކޫލަށް ދާއިރު މައުރީން ނުނިދާ އިނުމުން ރުބީނާ ސުވާލު އުފެދުނެވެ.
"މިރޭ ޓިއުޝަން މިސް ނާންނަނީތަ އަދިވެސް ފިލާވަޅު ހެދުމުގައި ތި އިނީ" އަތުކުރީ އޮތް ގަޑިއަށް އަވަސް ނަޒަރެއް ދެމުން ރުބީނާ ބުންޏެވެ.
"މިސްގެ ދަރިފުޅު ހޮސްޕިޓަލުގައި ބާއްވައިގެން އުޅޭތީ އެހާ ގިނައިރަކު މިރޭ މަޑެއްނުކުރޭ... މާދަމާ ފިޒިކްސް ޓެސްޓު... އެހެންވެ ދޮންބެ މައުއަށް އެ ހެލްޕްވަނީ. މީ މައުއަށް ވަރަށް އުނދަގޫ ސަބްޖެކްޓެއް" މޭޒުމަތީގައި ދެތިން ފޮތް ހުޅުވާލަފައި އޮތްއިރު މައުރީންގެ ރީތިފަން އިސްތަށިގަނޑުން ޖަހާލާފައިވާ ހުޅިއަށް ފަންސުރެއް ކޮށްޕާލާފައި ހުއްޓެވެ. އަދި އަނެއް ފަންސުރު އަތުގައި އޮތެވެ. އޭނާ ކިޔަވަން އުޅޭ ގޮތުން ވެސް އެ މާއްދާއަކީ އޭނާއަށް އުނދަގޫ މާއްދާއެއްކަން އެނގެއެވެ. ރުބީނާ ފެނުމުން ވެސް ނިޔާނު އަނގައިން ނުބުންޏެވެ. ކޮއްކޮއަށް ފިލާވަޅުތައް ބުނެދިނުމަށް ސަމާލުކަން ހުއްޓާލައިގެން އިންކަމަށް ހެދިގެން އޭނާ އިނެވެ.
"ހޮޓްޗޮކްލެޓެއް ހަދައިދެންތަ؟" ކޮޓަރިއަށް ދާން ހިނގައިގެންފައި ވެސް ހުއްޓިލަމުން ރުބީނާ އަހާލިއެވެ.
"ޔެސް... އޭރުން މި ބޮލަށް އެއްޗެއް ވަދެދާނެކަންނޭނގެ... މަންމަ ވަރަށް ބެސްޓު" ވަރަށް ހިނިއައިސްފައި މައުރީން ބުނެލިއެވެ.
"ނިޔާނު... ދަރިފުޅަށް ވެސް ތަ؟" ނިޔާނު އަނގައިން ނުބުނުމުން ރުބީނާ އަހާލިއެވެ.
"ކޮފީއެއް ރަނގަޅީ" ނިޔާނު ބުނެލީ ރުބީނާއަށް ބަލާ ވެސް ނުލައެވެ. އެހެންނަމަވެސް އޭނާ އަނގައިން ބުނީތީ ރުބީނާ ހިތްހަމަޖެހުނެވެ.
* * * *
ސައި ގިރަން ހުރި އައިރާއަށް ބަދިގެ ފަރާތުގައި ހުންނަ އަނބުގަސް ދޮށުގައި ތިބި މަލީހާއާއި ޖަމްޝީދު ދައްކާ ވާހަކަ އަޑުއިވެއެވެ. ސައިތަށީގައި އޮތް ސަމްސާ ނަގާ ސިންކަށް ލަމުން އައިރާއަށް ހުރި ފިޔަވަޅު މަތީ މަޑުކޮށްލެވުނެވެ.
"އެ ސޮރުގެ ޚަބަރެއް ނުވޭތަ؟ އެ ފޯމަށް އަހަރެން ކިހިނެއް ހަދަންވީ؟" އަނބުގަހުގައި އެލުވާފައި ހުރި ޖޯލީގައި އިނދެފައި ޖަމްޝީދު އަހާލީ އޭނާގެ ކުރިމައްޗަށް ތިރިގޮނޑިއެއްގައި ކައްޓަލަ ސާފުކުރަން އިން މަލީހާގެ ގާތުގައެވެ.
"އަދި ހަފްތާއެއްވަރު ބަލަން ފެންނަނީ... އައިރާ ވެސް މިހާރު ހުންނަނީ ފާޑަކަށް" މަލީހާގެ އަޑުގައި އައިރާއާ މެދު ކަންބޮޑުވުން އެކުލެވިފައި ވިއެވެ.
"މަލީހާ!... އެހެން މާލެއިން އަންނަ ކުދީން އަރާ ޖޯޝާއެކު ކަންކަން ނިންމާލާލެއް ވަރަށް އަވަސްވާނެ... ޤަބޫލުކުރަން ދަތި ހަޤީޤަތަކީ އެކަހަލަ ފަހަރުތަކަކީ ކޮންމެހެން އެމީހުން ބޭނުންވެގެން ނިންމާ ނިންމުތަކަށްނުވުން... އަހަރެން މިހެންމިބުނީ އައިރާއަށް ފާޑެއްކިޔާކަށް... އޭނާގެ އުޅުމަށް އިނގިލި ދިއްކުރުމުގެ ގަސްދުގައެއްނޫން... ހާދަ ގިނަ ކުދީންނެއްގެ ކައިވެނި ރޫޅިގެން އެބަދެޔޭ ކުއްލިއަކަށް ވިސްނާނުލާ ކައިވެނިކުރުމުގެ ސަބަބުން... މިހާރުގެ ކުދީންނަށް ހީވެފައި އޮންނަނީ ކައިވެންޏަކީ އެ ދެމެދުގައި އޮންނަ ހައްދުގެ ދޮރުހުޅުވާލަދޭ އެއްޗެއްގެ ގޮތުގައި... އެހެންވެ ކައިވެނިކޮށްގެން ތިންމަސް ވެލާއިރަށް އަތުވެދާނެ ވަރިވާން ބޭނުންވެގެން... އަނެއްކާ ރަށްފުށުގެ ކުދީންގެ ޚިޔާލާ މާލޭގައި އުޅެ ބޮޑުވާ ކުދީންގެ ޚިޔާލާ ވަރަށް ތަފާތުވާނެ"
"ޖަމްޝީދުގެ ތި ވާހަކަތައް އަހަންނަށް ވެސް ވިސްނޭ... ހަމަސްވަންދެން ލޯކުރިމަތީގައި އުޅެފައި ދިޔައިރު މީހެއްގެ ހުންނަ ކަމުނުދާ ސިފައެއް ވެސް ފެންނާނޭ އަހަރެންގެ ހިތްބުނަނީ... ނިޔާނަކީ ވަރަށް ހަރުދަނާ ވިސްނުންތަކެއް ގެންގުޅޭ ކުއްޖެއް... އެހެންވެ ހައްތަހާ ވެސް ޤަބޫލުކުރަން ދަތިވަނީ"
މަލީހާއާއި ޖަމްޝީދުގެ ވާހަކަތަކުން އައިރާގެ ކޯތާފަތް ތެމިގެންދިޔައެވެ. އެމީހުންގެ ވާހަކަތަކުން އައިރާއަށް އިތުރަށް ވިސްނަން މަޖުބޫރުވީއެވެ. ކައިވެނިކުރާން ނިޔާނު ކަނޑައެޅި ތާރީޚު ފަހަނައަޅައި ދިޔައީއެވެ. ހިޝްމާއާއި ތާއިބުގެ އިތުރުން ދާއޫދު ކިޔާނެ އެއްޗިއްސާ މެދު އައިރާއަށް ވިސްނެނީއެވެ. ކުއްލިއަކަށް ހިޝްމާމެންގެ ބަސް ޤަބޫލުކުރެވުނު ނަމައޭ އައިރާގެ ހިތަށް އަރަންފެށީއެވެ. އެމީހުން އެދުނު ފަދައިން އިދުރީސްގެ ދަރިފުޅު ޝިވަންއާ ކައިވެނިކުރާން އެއްބަސްވެވުނުނަމަ މިހާރު އައިރާއަށް އިހުސާސްވަމުން އެދާ ހިތްދަތިކަމާއި ލަދުވެތިކަމެއް ނުލިބުނީސްކަމުގައި އޭނާއަށް ހީވަނީއެވެ. ޚިޔާލުތަކުގައި ހުއްޓާ ބަދިގެއަށް ލިޒީ އައިސް ވަނެވެ. އެއާއެކު އަވަސް އަވަހަށް އައިރާ އެނބުރިލާ ދެ ލޮލާއި ކޯތާފަތް ދެ އަތުން ފުހެލިއެވެ.
"އައިރާ ރޮނީތަ؟... އޭތް! އެނބުރިބަލަ..." ލިޒީ ވަގުތުން އައިގޮތަށް އައިސް އައިރާގެ ގޮނޑުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލައިފިއެވެ.
"ނިޔާނު ނައިސްގެން ދޯ ތި ރޮނީ... ޖަސްޓް ފޮގެޓް އަބައުޓް ހިމް... އެއީ މަކަރުވެރިއެއް... ބޭވަފާތެރިއެއް" އެއްފަހަރާ ބަނދިވަރެއް ކިޔާލުމާއެކު އައިރާގެ އަތުގައި ހިފައިގެން ގެނެސް ކާމޭޒުދޮށުން ގޮނޑިއެއްގައި އޭނާ ބައިންދައިފިއެވެ. އަދި އައިރާ ގިރާފައި ހުރި ސައި މަގުން ދެބައިކޮށްފަ އެއްބައި އިތުރު މަގަކަށް އަޅާލުމާއެކު އައިރާއާ ޖެހިގެން ހުރި ގޮނޑީގައި ލިޒީ އިށީނެވެ. އޭނާގެ ވާހަކަތަކުން އައިރާއަށް މާބޮޑު ބަދަލެއް ނައެއްކަމަކު އެވަގުތަށް އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް އެކުވެރިޔާގެ ސަބަބުން ލިބިގެންދިޔައެވެ.
"އައިރާ... ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން މިއައީ... މި ވީކަންޑް އަންނަންވާއިރަށް އެބަޖެހޭ ހެދުމެއް ފަހަން... އަހަރުމެން ދެމީހުންގެ ވަރަށް ރީތި ފޮޓޯއެއް އެބަޖެހޭ ނަގަން... އައިރާ... އަހަންނަށް ޓަކައި އޮފީހުން ޗުއްޓީއެއް ނަގަންވީނު... ޕްލީޒް... އަހަރެން ބޭނުން މި ހަފްތާއެއްކޮށް އައިރާއާއެކު ވަގުތު ހޭދަކުރަން" ބައެއްފަހަރަށް ލިޒީ ދައްކާ ވާހަކަތަކަކީ ހަމަޖެހޭ ވާހަކަތަކެއްހެން ހީނުވާފަހަރު ވެސް ދެއެވެ. އެގޮތުން މިފަހަރު ލިޒީ އެ ދެއްކި ވާހަކަތަކެއް އައިރާއަކަށް ފަހުމެއްނުވިއެވެ.
"ކުޅިކުޅިވަރަށް އޮފީހުން ޗުއްޓީނެގޭތަ؟ ބޮޑުކަމެއް ދިމާވާ ފަހަރު އެހެން ހެދީމަ ނޯންނާނެ ޗުއްޓީ ނެގޭކަށް... މިހާރު ވެސް ލިޒީ އަތުގައި އަހަންނާއެކު ނަގާފައި ހުރި ބައިވަރު ފޮޓޯ ހުންނާނެ" އަނގަޔަށް ލައިގެން އިން ބޯކިބޯކޮޅު ހުސްކޮށްލާފައި އައިރާ ބުންޏެވެ.
"ވަރަށް ރީތި ފޮޓޯއެއް ނަގަން ބޭނުންވަނީ... ޕްލީޒް... ޕްލީޒް... އެއްބަސްވެބަލަ... ކިހިނެއްތަ އެނގެނީ މާދަމާ ވާނެގޮތެއް... ސޯ ޕްލީޒް އައިރާ... އަހަރެން ބުނީމަ ދެން އެއްބަސްވެބަލަ... ޗުއްޓީ ނަގައިގެން ދެމީހުން އެކުގައި ވަރަށް މަޖާކޮށްލަން ބޭނުންވަނީ... އައިރާ ހެދުން ފަހާނެކަމެއްނެތް... އަހަރެން އައިރާއަށް ވަރަށް ރީތި ހެދުމެއް ހޯދައިދޭނަން... އޯ ގޯޑް... އައި އޭމް ރިއަލީ ގެޓިން ވެރީ އެކްސައިޓެޑް" ލިޒީއަށް ވެފައި އިން ގޮތެއް ނޭނގެއެވެ. އޭނާގެ ސިކުނޑީގައިވާ އެއްޗެއް އައިރާއަށް ކުޑަކޮށް ވެސް ދެނެގަންނާކަށް ނޭނގުނެވެ. އެހެންވިޔަސް ލިޒީ ކިޔަންފަށައިފި ކަމެއް އޭނާ ހުއްޓައެއް ނުލާނެއެވެ. އަނެއްކޮޅުން އޭނާއަށް ލިބިފައިވަނީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. އެ އުފާވެރިކަން ފެނިފައި ވެސް އެކުވެރިޔާގެ އެދުންތައް ޤަބޫލުނުކޮށް ހުންނަން އައިރާއަށް ފަސޭހައެއްނުވިއެވެ.
ކުރިއަށް އޮތް ހަފްތާއަށް ލިޒީ އެދުނު ފަދައިން އައިރާ ޗުއްޓީ ނެގިއެވެ. ލިޒީއަށް ވެފައި ހުރި ގޮތެއް އައިރާއަކަށް ނޭނގެއެވެ. އޭނާ އުޅޭ ގޮތުން ބައެއް ފަހަރަށް އައިރާ ކަންބޮޑުވާ ހިސާބަށް ކަންތައް ދެއެވެ. އައިރާއާ ވަކިވާން ޖެހިދާނެތީ އުޅޭ ކަހަލައެވެ. އެކަމަކު އެފަދަ ޚިޔާލެއް ލިޒީގެ ހިތާއި ސިކުނޑިއަށް އަންނަންވީ ސަބަބެއް އައިރާއަކަށް ނުވިސްނުނެވެ. ފަސްގަނޑުގައި ހުރި ފުނަގަހަކީ ޒަމާންވީ މުސްކުޅި ގަހެކެވެ. އެހެންނަމަވެސް ގަސްގަނޑު އަދިވެސް ވަރަށް ވަރުގަދައެވެ. އެ ގަސް ދޮށުގައި ލިޒީއާއެކު ފޮޓޯ ނެގިއެވެ. އެ ދެ ކުދީން ފުރަތަމަ ބައްދަލުވި ދުވަހުން ފެށިގެން އެ ދެމެދުގައި މިއަދު އޮތް ގާތްކަން އުފެދުނު ގޮތާ މެދު ލިޒީ ވާހަކަދެއްކިއެވެ. ބައެއްފަހަރަށް އައިރާއަށް ބަލާލެވޭއިރު ލިޒީ އޭނާއަށް މައުނަވީ ގޮތަކަށް ބަލަން އިނދެއެވެ. އެ ދެލޮލުން ކަމެއް ސިއްރުކުރާހެން އައިރާއަށް ހީވަނީއެވެ.
ބުރާސްފަތި ދުވަސް އަންނަންވިއިރު އައިރާއާއި ލިޒީއަށް އައު ހެދުން ތައްޔާރުކޮށްފައި ލިޒީ އޮތެވެ. އިންޑިއާ މީހުން ލާފަދަ އަނާރުކަލީ ހެދުން ގޮތަށް ފަރުމާކޮށްފައި އޮތް ވަރަށް ރީތި ހެދުމެކެވެ. ލިޒީ ބުނި ފަދައިން އެ ހެދުން ވަރަށް ރީތިވެފައި ޚާއްޞައެވެ. އެހެންނަމަވެސް އެވަރުގެ ޚަރަދެއް ލިޒީ ކުރީތީ އައިރާ ހިތްހަމަނުޖެހުނެވެ. މަލީހާ ވެސް ހީވަނީ ކޮންމެވެސް ކަމަކާ ހާސްވެގެން އުޅޭ ހެނެވެ. ބުރާސްފަތި ދުވަހު ފަތިހު ފަތިހާ މަލީހާއާއިއެކު ލިޒީ ވެސް ތެދުވެގެން އުޅޭތީ ފެނުމުން އައިރާއަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައެވެ.
"ލިޒީ އަހަންނަށް ކަމެއް ސިއްރުކުރަނީތަ؟ މަލީހާ ދައްތައަށާއި ލިޒީއަށް ކިހިނެއްތަ ވެގެން ތި އުޅެނީ... ބޮޑު ތައްޔާރީތަކެއްވާހެން ހީވަނީ... ބަޔަކު އަންނަނީތަ؟ ހެނދުނު ސަޔަށް މިއަދު ހާދަ ބައިވަރު އެއްޗިއްސެކޭ ހަދާފަ އެ ހުރީ... ޕްލީޒް ލިޒީ... ކޮންކަމެއް ތި ސިއްރުކުރަނީ؟" ހެނދުނުގެ ސައިތައްޔާރު ކޮށްފައި އަށްގަޑި ބައިވަން ވާއިރަށް ރީތިވެގެން ލިޒީ ނުކުތީ ބޭރު ޖޯލިފައްޗަށެވެ. އިރުއިރުކޮޅާ ފޯނަށް ބަލާލައެވެ. އައިރާ ވެސް އިނީ ލިޒީގެ އެދުމަށް ރީތިވެލައިގެން ނުކުމެވެ. އެހެންނަމަވެސް އައިރާގެ ސުވާލަށް ލިޒީ ޖަވާބުދޭން ނޫޅުމުން އޭނާ އިނީ ތުންކޮޅު ހަދާލައިގެންނެވެ.
ޖޯލިފަތީގައި ދެ އަންހެންކުދީން ތިބޭތާ އިރުގަނޑެއް ފަހުން ގޭގެ ދޮރުމައްޗަށް ވާގޮތަށް ކާރެއް މަޑުކޮށްލިއެވެ. އެއާއެކު ފުންމައިގެން ލިޒީ ތެދުވެއްޖެއެވެ. ހައިރާންވެފައި އައިރާއަށް ވެސް ތެދުވެވުނެވެ. ޑްރައިވަރާ ޖެހިގެން އިން މީހަކު އައިރާއަކަށް ނުފެނެއެވެ. ފުރަތަމަ ވެސް ފެނުނީ ފަހަތު ދޮރު ހުޅުވާލާފައި ނުކުން ޖުވައިންއެވެ. ލިބުނު ޝޮކާއެކު އައިރާއަށް ހުއްޓުން އެރިއެވެ. އަދި ބޭއިޚްތިޔާރުގައި ގާތުގައި ހުރި ލިޒީގެ މުލައްދަނޑީގައި ހިފާ ބާރުކޮށްލެވުނެވެ. ޓެކްސީ ދުއްވާލި ވަގުތު ހިނިތުންވެލައިގެން ހުރި ނިޔާނު ފެނި އައިރާގެ ނޭވާ ވެސް ހުއްޓިއްޖެއެވެ. ކުރިމަތިން ނިޔާނު ހިނގާފައި އަންނަތަން ފެނުމާއެކު އެތައް އިހުސާސް ތަކަކުން އައިރާގެ ހިތާއި ނަފްސު ބަލިކަށި ކޮށްލިއެވެ. މެޔަށް ތަދުވެގެން އަތް އަޅާލާ ފަދަ ގޮތަކަށް އައިރާ އޭނާގެ މޭގައި އަތްޖައްސާލިއެވެ. އޭރު އޭނާއަށް ރޮވިއްޖެއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އެ އުފާވެރިކަން ހާމަކުރާނެ ގޮތެއް ނޭނގި ކަރުނައިގެ ސިފަ ޚިޔާރު ކުރީކަމެއް ނޫނީ ހިތުގައިވި ޝަކުވާގެ ދިލަ އާވިން ދެ ލޮލަށް ބޮނޑިވެގަތް ކަރުނަކަމެއް ދެނެގަންނަން ޚުދު އައިރާ ވެސް ނުކުޅެދުނެވެ. އައިރާއަށް ރޮވެން ފެށުމުން އޭނާގެ ގައިގާ ލިޒީ ބައްދާލިއެވެ.
"އަހަރެން ސިއްރުކުރީ ކޮންކަމެއްކަން މިހާރު އެނގިއްޖެއެއްނު" އައިރާގެ ބޮލުގައި ބޯ ޖައްސާލަމުން ލިޒީ ބުންޏެވެ.
ނިޔާނު އައިސް އައިރާގެ ކުރިމަތީ ހުއްޓިލުމާއެކު ލިޒީ ދުރަށް ޖެހިލިއެވެ. އެހިނދު އައިރާގެ ކޯތާފަތުގައި ނިކަން ލޯތްބާއެކު ދެއަތުން ނިޔާނު ހިފާލިއެވެ. އަދި އެ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ފުހެލަދެމުން ދެ ފަރާތަށް މަޑުމަޑުން ބޯހޫރާލީ ނުރޯށޭ އައިރާ ގާތުގައި ބުނުލާ ފަދައަކުންނެވެ.
(ނުނިމޭ)