ދުނިޔެ

500 ކިލޯ ހުންނަ އަންހެނަކު އޮޕަރޭޝަންކޮށް 100 ކިލޯ ލުއިކޮށްފި

Mar 9, 2017

ބަރުދަނުގައި 500 ކިލޯ ހުންނަ މިސްރުގެ އަންހެނަކު އިންޑިއާގައި އޮޕަރޭޝަން ކޮށްގެން 100 ކިލޯ ލުއިކޮށްފި އެވެ.

ފްލައިޓެއް ޗާޓަރުކޮށްގެން މިސްރުން އިންޑިއާއަށް ފަރުވާއަށް ދިޔަ އުމުރުން 36 އަހަރުގެ އީމާން އަހުމަދު އަބުދުލް އަތީ ގެ ބަރުދަނުގައި 500 ކިލޯ ހުންނަ ކަމަށް ބުނަނީ އޭނާގެ އާއިލާއިންނެވެ. އެ ބަރުދަން ހަގީގަތުގައި ވެސް އޭނާގެ ގައިގައި ހުރި ކަމަށް ވާނަމަ އޭނާ ވާނީ ދުނިޔޭގެ އެންމެ ބަރު މީހާއަށެވެ. ކުރިން ސްޓްރޯކެއް ވެސް ޖެހިފައިވާ އީމާން އިންޑިއާއަށް ގެންދިޔައީ ގެއިން ނުނިކުންނަތާ 25 އަހަރު ފަހުން ކަމަށް އާއިލާއިން ބުނެއެވެ.

އީމާންގެ އޮޕަރޭޝަން ކުރި މުމްބާއީގެ ސައިފީ ހޮސްޕިޓަލުން ބުނެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ އިތުރަށް ލުއިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

" ވަރަށް އަވަހަށް މިސްރަށް އަނބުރައި ދެވޭ ވަރަށް އޭނާ ފިޓް ކުރެވޭތޯ އަހަރެމެން މިމަސައްކަތް ކުރަނީ،" ސައިފީ ހޮސްޕިޓަލުގެ ފަރާތުން ބީބީސީއާ ވާހަކަ ދެއްކި މީހާ ބުނެފައި ވެއެވެ.

އީމާންގެ އޮޕަރޭޝަން ކުރީ ބެރިއެޓްރިކް ސާޖަން އެއް ކަމަށްވާ ޑރ. މުފައްޒަލް ލަކްޑަވަލާ އިސްކޮށް ހުންނަވައިގެން ޑޮކްޓަރުންގެ ޓީމަކުންނެވެ.

ބެރިއެޓްރިކް ސާޖަރީ ނުވަތަ ބަރުދަން ލުއިކުރާ ސާޖަރީއަކީ ނުރައްކާތެރި މިންވަރަށް ފަލަވެފައިވާ މީހުން ހިއްކުމަށް އެހެން ގޮތެއް ނެތުމުން ދޭ ފަރުވާއެކެވެ.

އީމާންގެ އާއިލާއިން ބުނެފައިވާ ގޮތުގައި އޭނާ އުފަންވީ އިރު ބަރުދަނުގައި ފަސް ކިލޯ ހުއްޓެވެ. އަދި އޭނާގެ އުމުރުން 11 އަހަރުގައި އާދަޔާ ހިލާފަށް ފަލަވާން ފެށި ކަމަށް ވެސް އެމީހުން ބުނެފައި ވެއެވެ. އޭނާ ބަލަހައްޓަނީ އޭނާގެ މަންމައާއި ދައްތައެކެވެ.