ހަބަރު

ފާއިޒާއި މުއުތަސިމް ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

Dec 13, 2014

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ގޮތުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި އެ ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

އާދިއްތަ ދުވަހަކީ އާންމުކޮށް މަޖިލީހުގެ ޖަލްސާ ބާއްވާ ދުވަހަކަށް ނުވި ނަމަވެސް މަޖިލީހުން މިއަދު އާންމުކޮށްފައިވާ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން މާދަމާގެ ޖަލްސާގައި އޮންނާނީ އެ ދެ ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމުމެވެ. އެ ދެ ބޭފުޅުން ވަކިކުރަން ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި ވޯޓު ބޭނުންވާނެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) ވަނީ އުއްތަމަ ފަނޑިޔާރު ފާއިޒާއި ފަނޑިޔާރު މުއުތަސިމް ފަނޑިޔާރުކަމުން ވަކިކުރަން އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވައިފަ އެވެ. ގާނޫނަށް ގެނައި އިސްލާހު ބުނާގޮތުން ވަކިކުރާނެ ބޭފުޅުންގެ ނަން ފޮނުވާނީ ޖޭއެސްސީންނެވެ. ނަމަވެސް އެގޮތަށް ނިންމި ސަބަބާ ބެހޭގޮތުން ޖޭއެސްސީން ވަކި އެއްޗެއް މިހާތަނަކަށް ނުބުނެ އެވެ.

ފާއިޒާއި މުއުތަސިމް ވަކިކުރަން ޕީޕީއެމުން ވޯޓު ދޭނެ ކަމަށް ބެލެވޭއިރު އެމްޑީޕީން ވަނީ އެކަމާ ދެކޮޅު ވޯޓު ދޭން ނިންމައިފަ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން އެކަމާ މެދު މިހާތަނަށް ވަކި އެއްޗެއް ނުބުނި ނަމަވެސް ބެލެވޭ ގޮތުގައި އެ ޕާޓީން ވެސް އެކަމާ ދެކޮޅަށް ވޯޓު ދޭނެ އެވެ.

ފާއިޒާއި މުއުތަސިމް ވަކިކޮށްފި ނަމަ ސުޕްރީމް ކޯޓުގައި ދެން ތިއްބަވާނީ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު އަބްދުﷲ އަރީފެވެ. އަދި އޭގެ ތެރެއިން ރައީސް ކަނޑައަޅުއްވާ ބޭފުޅަކު އުއްތަމަ ފަނޑިޔާރަކަށް އަންނާނެ އެވެ.