އަންހެނުން

ޣައްޒާގެ ދަގަނޑު އަންހެނުން!

އާއިލާގެ ބަނޑުފުރާނަ މުއްތި ކުރުމަށް ޣައްޒާގެ އަންހެނުން ވަނީ ތެދުވަން ފަށާފައެވެ. ދިރިއުޅުން ދެކޮޅު ޖެއްސުމަށް އެމީހުން ވަނީ ސަގާފީ އާއްމު މިންގަނޑު މުގުރާލާފައެވެ.

ޣައްޒާއަކީ ވަޒީފާ ނެތުމުގެ މައްސަލަ މުޅި ދުނިޔެއިން ވެސް އެންމެ ބޮޑު ރަށެވެ. އެރަށުގައި ވަޒީފާގައި އުޅޭ މީހުންގެ ނިސްބަތަކީ އާބާދީގެ އެންމެ 42 ޕަސެންޓެވެ. އެމީހުންގެ ތެރޭގައި އަންހެނުންގެ ނިސްބަތަކީ އެންމެ 15 ޕަސެންޓެވެ. ނަމަވެސް އާއިލާތަކަށް އެހީތެރިވުމަށް ޓަކައި އެ އަންހެނުން ދަނީ ވަރުގަދަ މަސައްކަތެއް ކުރަމުންނެވެ. ސަގާފީ ގޮތުން ފިރިހެނުންނަށް ހާއްސަވެފައި އޮންނަ މަސައްކަތްތަކަށް ނުކުންނަ އަންހެނުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަނީ އެހެންވެއެވެ.

ސަގާފީ ނޫން އެ މަސައްކަތްތަކުން ދިރިއުޅުމަށް އައި ބަދަލުތަކާ ބެހޭ ގޮތުން އަލް ޖަޒީރާ އިން ވަނީ ތިން އަންހެނަކާ ވާހަކަ ދައްކާފައެވެ.

ޣައްޒާގެ އަންހެން ބަސް ޑްރައިވަރު

ފުރަތަމަ މަސައްކަތް ކުރަން ފެށި އިރު ކުދިވެރިން އޭނާއާ މުހާތަބު ކުރަނީ 'އަންކަލް ސަލްވާ" ގެ ނަމުންނެވެ.

" ކުދިން ހީކުރީ ކާރު ދުއްވާނީ ހަމަ އެކަނި ފިރިހެނުން ކަމަށް. އަހަރެން ސަގާފަތު މުގުރާލިން. އަހަރެންނަކީ ޣަައްޒާގެ ފުރަތަމަ އަންހެން ބަސް ޑްރައިވަރު،" ސަލްވާ ސުރޫރު އަލްޖަޒީރާއަށް ބުނެފައި ވެއެވެ.

ސަލްވާ އޭނާގެ ވޯލްކްސްވެގަން މިނީ ބަހުގައި ހެނދުނު 6.30 ގައި ނުކުމެއެވެ. ޣައްޒާގެ މަގުތަކުގައި އޭނާ ބުރުޖަހަނީ އޭނާ އޭނާގެ ދައްތަ ސަޖުދާއާ ގުޅިގެން 2005 ވަނަ އަހަރު ހުޅުވި ސްކޫލަށް ދަރިވަރުން ގެންދިއުމަށެވެ. ބަސްދުއްވުމުގެ ވަޒީފާ ސަލްވާމެން ފުރަތަމަ ދިނީ ފިރިހެނަކަށެވެ. ނަމަވެސް އެ ޑްރައިވަރުގެ ރުންކުރުކަމާއި ގަޑިއަށް ނައުމުގެ ޝަކުވާ ބެލެނިވެރިންގެ ފަރާތުން އަޑު އިވެން ފެށުމުން ސަލްވާ އެކަމާ ހަވާލުވީއެވެ.

ކުދިން ސްކޫލަށް ގެންދަން ސަލްވާ ސުރޫރު ބަސްދުއްވާތާ މިހާރު ފަސް އަހަރުވެއްޖެއެވެ. ކިޔެވުން ފެށެނީ އޭނާގެ ބަހަށް ކުދިން އަރާ ހިސާބުންނެވެ. ބަހުގައި ކުރާ ދަތުރުގައި އޭނާ ކުދިންނާ ވާހަކަ ދައްކަނީ އިނގިރޭސިބަހުންނެވެ. އެހެންވެ އެކުދިންނަށް އާ ލަފުޒުތައް ދަސްވެއެވެ.

ސަލްވާ ޑްރައިވިން ލައިސަންސް ހޯދީ ހައިސްކޫލް ނިމުނުތަނާއެވެ. އޭރު ލައިސަންސް ނަގަނީ ވެސް މަދު އަންހެނެކެވެ. އޭނާ ބަސް ދުއްވަން ފެށުމުން މުޖުތަމައުން ދެކުނީ އެއީ ވަރަށް ނުގުޅޭ ކަމެއްގެ ގޮތުގައެވެ.

"...އެކަމަކު އަހަރެންގެ ވާހަކަ އަޑު އަހާފައި މިހާރު މީހުން އަހަރެންނަށް ހިތްވަރުދޭ" އޭނާ ބުނެފައި ވެއެވެ.

ޣައްޒާގެ އަންހެން މަސްވެރިޔާ

" ކޮންމެ ދުވަހަކު ތިބާ ކަނޑަށް ނުކުންނަ އިރު ތިބާއަކަށް ޔަގީނެއް ނުވާނެ އަނބުރާ އާދެވޭ ކަމެއް. މިއީ އުނދަގޫ ހާލަތެއް. އަހަރެމެން ފަސްވަނަ މޭލަށް އަމާޒު ހިފާއިރު އަހަރެމެންނާ ދިމާލަށް ބަޑި ޖަހަން ފަށާނެ. ވަރަށް ގިނަ ނުރައްކާތައް އެބަހުރި. އެކަމަކު އަހަރެން މިކަން ކުރަނީ ކުރަން ޖެހޭތީ،" ޣައްޒާގެ ބަނދަރުގައި ހުރެ ކަނޑާ ދިމާލަށް ބަލައިލަމުން މަޟުލީން ކުއްލާބު ބުންޏެވެ.

އުމުރުން 22 އަހަރުގެ މަޟުލީން އޭނާގެ ބައްޕަގެ މަސައްކަތާ ހަވާލުވެ، މަސްވެރިކަމަށް ނުކުންނަން ފެށިތާ މިހާރު 12 އަހަރު ވެއްޖެއެވެ. އާއިލާގެ ބަނޑުފުރާނަ މުއްތިކުރަން މަސައްކަތް ކުރާ މީހަކަށް އޭނާ ވާން ޖެހުނީ ބައްޕައަށް މައިބަދައިގެ ބައްޔެއް ޖެހި ނުކުޅެދޭ ހާލަތު މެދުވެރިވުމުންނެވެ. އޭނާއާއި އޭނާގެ ދެ ފިރިހެން ކޮށްކޮ މަހައް ނުކުންނަނީ ވަރަށް ފަތިހާއެވެ. ދާޖަހައިގެން އެމީހުން އާއްމުކޮށް ހިފަނީ ސާޑިން އެވެ. އެ މަސައްކަތުން އާއްމުކޮށްް ލިބެނީ ދުވާލަކަށް 10 ޝެކްލް( 2.66 ޑޮލަރު) އެވެ.

މަޟުލީން ފަދަ ޣައްޒާގެ މަސްވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތްދަތިކަމަކީ މަސްވެރިކަން ކުރަން އޮތް ސަރަހައްދުގެ ކުޑަކަމެވެ. އެމީހުން މަސްވެރިކަން ކުރަން އިސްރާއީލުން ފުރުސަތު ދެނީ އައްސޭރިން ފެށިގެން އެންމެ ހަމޭލު ބޭރަށެވެ. އެއީ އޮސްލޯ އެއްބަސްވުމުގެ ދަށުން ޣައްޒާއަަށް ލިބިދީފައިވާ ކަނޑުގެ ސަރަހައްދުގެ ތިންބައިކުޅަ އެއްބަޔަށް ވުރެވެސް ކުޑަ މިންވަރެކެވެ.

މަޟުލީން ބުނެފައި ވަނީ އެ މަސައްކަތް މިހާރު މާ ނުރައްކާތެރި ކަމަށެވެ.

" އަހަރެމެން މަހަށްދާ ކޮންމެ ފަހަރަކު އަހަރެމެންނާ ދިމާލަށް ބަޑި ޖަހާ. މަސްވެރިކަމަށް ވުރެ އެހެން ކޮންމެ މަސައްކަތެއް ވެސް ރަނގަޅު. އެއީ އެންމެ 10 ޝެކްލް އަށް ކަމަށް ވިޔަސް،" އުމުރުން 17 އަހަރުގެ މުޙައްމަދު މަންސޫރު ބާކިރުގެ ގަޔަށް ވަޒަން އަރައި މަރުވި މަންޒަރު ފެނުނު ދުވަހުގެ ހަނދާން އާކުރަމުން އޭނާ ބުންޏެވެ.

އެކަމުން ސަލާމަތް ވުމަށް މަޟުލީން މިހާރު ވަނީ މަސައްްކަތް ފަށާފައެވެ. އޭނާ ކޮލެޖަށް ދަނީ ސެކްރެޓަރީއެއްގެ ވަޒީފާ ހޯދުމުގެ އުއްމީދުގައެވެ.

ޣައްޒާގެ އަންހެން ކަނބުރު

ޣައްޒާގެ ބަނދަރު މަތީގައިވާ ފޭލިގެއެއްގެ ތެރޭގައި ދޮންކޮށްފައިވާ ދަގަނޑު ގަނޑެއްގައި ބަހަ ބަހައިގެން މަރުތޭލުން ތަޅަމުން ދިޔައީ އުމުރުން 37 އަހަރުގެ އާއިޝާ އިބުރާހީމްއާއި އޭނާގެ 15 އަހަރުގެ އަންހެން ދަރިފުޅެވެ. އިހުގެ ގިރުނބާއަކުން އަލިފާން ގަނޑަށް ފުމެން އެހެން އަންހެން ދަރިއަކު އިނެވެ.

ޣައްޒާގެ ހަމަ އެކަނި އަންހެން ކަނބުރުގެ ގޮތުގައި ހުރި އާއިޝާ އޭނާގެ އާއިލާގެ ހަރަދުތައް ހަމަޖެއްސުމަށް ފާއިތުވި 20 އަހަރު ވެސް މަސައްކަތް ކުރަމުން އައީ މިގޮތަށެވެ. އޭނާއާއި އޭނާގެ ފިރިމީހާ ކުރަމުން އަންނަ މަސައްކަތަކީ ޣައްޒާގެ މަގުތަކުންނާއި ހަލާކުވެފައިވާ ގެތަކުން ދަނގަޑުކޮޅޮކޮޅު އެއްކޮށްގެން އެތަކެތި ކޯރާޑިއާއި ވަޅިއާއި ނަގިއްޔާއި އުނދުނުގެ ފަޔަށް ބަދަލުކުރުމެވެ. އެއިން އެޗެއް ތެޅުމަށް އެމީހުންނަށް އާއްމުކޮށް ތިން ދުވަސް ހޭދަވެއެވެ. އެއިން އެއްޗެއް ޣައްޒާގެ ބާޒާރުގައި އާއްމުކޮށް ވިކެނީ ހަ ޝެކުލް( 1.60 ޑޮލަރު) އަށެވެ. އެގޮތުން އެމީހުންނަށް ދުވާލަކަށް ލިބެނީ 10 ޝެކުލްއާއި 20 ޝެކުލް އާ ދެމެދުގެ މިންވަރެކެވެ.

ދޮންވެފައިވާ ދަގަނޑުގަނޑުގައި އާއިޝާ ތެޅުމުން ކަނި ބުރަމުން ދިޔައެވެ. އޭނާގެ އަތް ވަނީ ދުޅަވެފައެވެ. އޭނާގެ ބުރިކަށީގައި ރިއްސައެވެ. މިއީ އުނދަގޫ މަސައްކަތެކެވެ. ހާއްސަކޮށް އޭނާ ފަދައިން ބަނޑަށް އަށް މަސްވެފައިވާ މާބަނޑު އަންހެނަކަށެވެ.

"އެންމެ އުނދަގޫ ކަމަކީ އަހަރެމެން މަސައްކަތް ކުރާނެ އަމިއްލަ ތަނެއް ނެތު. މިހެން ހިނގާ އެންމެނަށް ވެސް ފެންނާނެ،" އަލްޖަޒީރާއާ ވާހަކަަ ދައްކަމުން އޭނާ ބުނެފައި ވެއެވެ.

އާއިޝާގެ ފިރިމީހާއަކީ ނާރުތައް ރަނގަޅު ކުރަން ބޭސްކާ މީހެކެވެ. އޭނާ ބޭސްކާން ޖެހުނީ އެއް ރެއެއްގައި އޭނާގެ އަތް މައްޗަށް 150 ކިލޯގެ ދަނގަނޑުގަނޑެއް ވެއްޓިގެންނެވެ.

" އެއީ ބިރުވެރި ރެއެއް. އެމްބިއުލާންސަކަށް ގުޅާ ވަރަކަށް އަހަރެމެން އަތަކު ފައިސާއެއް ނެތް. ނަސީބަކުން މަގުން ދިޔަ މީހަކު އެހީވެ، އޭނާގެ ކާރުގައި އަހަރެމެން ހޮސްޕިޓަލަށް ގެންދިޔައީ. ހޮސްޕިޓަލުން ބުނީ އެރޭ އެތާ ތިބޭށޭ. އެމީހުން ބިރުގަތީ އަތް އިންފެކްޓް ވެދާނެތީ. އެކަމަކު އަހަރެމެން އަތުގައި އެރޭ ހޮސްޕިޓަލުގައި ތިބޭ ވަރަށް ފައިސާ ނެތީމާ އަނބުރާ ގެއަށް އައީ،" ފިރިމީހާގެ އަތް ހަލާކުވި ގޮތް ކިޔައިދެމުން އާއިޝާ ބުނެފައި ވެއެވެ.

އާއިޝާ އެ ބުރަ މަސައްކަތް ކޮންމެ ދުވަހަކު ވެސް ކުރަން ޖެހެނީ އޭނާގެ ދަރިންނަށް ކާންދިނުމަށެވެ. ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ބަނޑުފުރާނަ މުއްތިކުރަނީ ޔުނައިޓެޑް ނޭޝަންްސް އިން އެހީގެ ގޮތުގައި ފޯރުކޮށްދޭ ކާނާއިންނެވެ. ނަމަވެސް އާއިޝާގެ އާއިލާ އެ އެހީއަށް ޝަރުތު ހަމައެއް ނުވެއެވެ. އެއީ އެމީހުންނަކީ ރެފިއުޖީން ނޫންވީމައެވެ. އެމީހުން ދިރިއުޅެމުން އަންނަނީ ދަަރަނިވެރި ހާލުގައެވެ. އެމީހުން ދިރިއުޅޭ އެޕާޓްމަންޓްގެ ވެރިމީހާ އެތަން ދީފައި ހުންނަނީ ހިލެއެވެ.

އަހަރެމެންގެ ދިރިއުޅުން ވަރަށް ހިތްދަތި. ވަރަށް އުނދަގޫ. އެކަމަކު ދަރިންނަށް ޓަކައި އަހަރެން މަސައްކަތުގައި ދެމިހުންނަން ޖެހޭ. އަހަރެން މިއުޅޭހެން އަހަރެންގެ ދަރިން އުޅެން އެއްގޮތަކަށް ވެސް ބޭނުމެއް ނޫން. އެމީހުންނަށް ރަނގަޅު މުސްތަގުބަލެއް ބޭނުން،" އާއިޝާ ބުނެފައި ވެއެވެ. -- އަލްޖަޒީރާ އިންގްލިޝް ގައި " ގާޒާސް ވޮމެން އޮފް ސްޓީލް" ގެ ނަމުގައި ބުދަދުވަހު ޝާއިއުކުރި ރިޕޯޓްގެ ތަރުޖަމާއެއް