ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތުގެ ޚުލާސާ ރިޕޯޓުގައި ހެކިން ނުބުނާ ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ނަޝީދުގެ ވަކީލުންގެ ޓީމުން ފާހަގަކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ނުލިބި ލަސްވާތީ ނަޝީދުގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ މައްސަލައިގެ ޚުލާސާ ރިޕޯޓުގައި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ނުދައްކަވާ ވާހަކަތަކެއް ހިމަނާފައިވާ ވާހަކަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ޝިޔާމް ވިދާޅުވި ކަމަށް ބުނެ އެ ރިޕޯޓުގައި އެޑްވައިޒަރީ ބޯޑެއްގެ ވާހަކަ ހިމަނާފައި އޮތް ނަމަވެސް އެފަދަ ވާހަކައެއް ޝިިޔާމް ވިދާޅުވެފައިނުވާ ކަމަށާއި އެގޮތަށް ނަޝީދު ވެސް ވިދާޅުވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ވަނީ މިއަދާ ހަމައަށް ވެސް ނަޝީދަށް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ނުލިބޭ ކަމަށާއި އެކަމުގެ ސަބަބުން އިސްތިއުނާފް ކުރުމުގެ ހައްގަށް ހުރަސް އެޅެމުންދާ ކަމަށެވެ. އަދި އެ ރިޕޯޓް ލިބިގެން ނޫނީ އިސްތިއުނާފް މައްސަލަ ރަނގަޅަށް ތައްޔާރު ނުކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓަކީ މައްސަލައިގެ ހުރިހާ ބަޔާންތަކާއި ލިޔުންތައް ހިމެނޭ ރިޕޯޓެވެ. ޚުލާސާ ރިޕޯޓަކީ ހުކުމް ކުރުމުގައި ޝަރީއަތަށް ފާހަގަކުރެވުނު ކަންކަން ބަޔާންކުރާ ރިޕޯޓެވެ. ސުޕްރީމް ކޯޓުން ކުރިން އަންގާފައިވާ ގޮތުން ޚުލާސާ ރިޕޯޓަކީ ހުކުމްކުރާ ދުވަހު އެ މައްސަލައެއްގައި ހިމެނޭ ފަރާތްތަކަށް ދޭންޖެހޭ އެއްޗެއް ނަމަވެސް އެ ރިޕޯޓް ނަޝީދުގެ ވަކީލުންނަށް ލިބިފައިވަނީ އޭގެ ހަ ދުވަސް ފަހުންނެވެ.