ހަބަރު

ނާޒިމްގެ ގެ ފާސްކުރުމުގެ ކުރިން ސްވޮޓް ޓީމްގެ ކޮމާންޑަރާ ކޮމިޝަނަރު ވަކިން ބައްދަލުކުރި: ހެކި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓްމެންޓަށް ފުލުހުން ވަތް ރޭ ފުލުހުންގެ ސްވަޓް ޓީމުގެ ކޮމާންޑަރާ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ބައްދަލުކުރި ކަމަށް ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމެންޓްގެ ހެޑް މިރޭ ކޯޓުގައި ބުނެފި އެވެ.

ނާޒިމްގެ އެޕާޓްމެންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ މިއަދު ހަވީރު ބޭއްވި އަޑުއެހުމުގައި ނާޒިމްގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހެކިބަސް ދިން އެސްއޯ ފުލުހުންގެ ހެޑް ހުސައިން އާދަމް ވިދާޅުވީ ނާޒިމްގެ އެޕާޓްމެންޓަށް ފުލުހުން ވަތް ރޭގެ 10:00 ހާއިރު ސީޕީ ހުސައިން ވަހީދު އޭނާއަށް ގުޅުމަށް ފަހު ސްވަޓް ޓީމުގެ ކޮމާންޑަރާ ބައްދަލުކުރަން ބޭނުންވާ ކަމަށް ވިދާޅުވި ކަމަށެވެ. އެގޮތަށް ސީޕީ ވިދާޅުވުމުން ސްވަޓް ޓީމުގެ ކޮމާންޑަރަކަށް އެކަން އަންގައި، އެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ހުސައިން އާދަމް ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ ސީޕީ ގުޅުމުގެ 10 ވަރަކަށް މިނެޓް ކުރިން ޑެޕިއުޓީ ކޮމިޝަނާ އިސްމާއިލް ހަބީބް ވަނީ އޭނާއަށް ގުޅައި، ސްވަޓް ޓީމު ތައްޔާރީ ހާލަތުގައި ބޭތިއްބުމަށް އަންގައިފަ އެވެ. އަދި އޭގެ ހަތަރު ވަރަކަށް ދުވަސް ކުރިން ވެސް އެގޮތަށް ހަބީބް އޭނާއަށް އެންގި ކަމަށް ހުސައިން ވިދާޅުވި އެވެ. ނަމަވެސް ސްވަޓް ޓީމު ބޭނުންކޮށްގެން ވަނީ ނާޒިމްގެ އެޕާޓްމެންޓަށް ކަން އޭނާއަށް އެނގުނީ އެޕާޓްމެންޓް ފާސްކުރިތާ ޖެހިގެން އައި ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސައިން ވިދާޅުވި ގޮތުގައި ސްވަޓް ޓީމަކީ އެސްއޯ ފުލުހުންގެ ތެރޭގައި އޮންނަ ޔުނިޓަކަށް ވެފައި އޭނާއަކީ އެސްއޯގެ ހެޑް ކަމަށްވީ ނަމަވެސް ނާޒިމްގެ އެޕާޓްމެންޓް ފާސްކުރި އޮޕަރޭޝަންގެ އެއްވެސް މައުލޫމާތެއް އޭނާއަކަށް ނޭނގެ އެވެ. އެހެންވެ، އޭގެފަހުން ބޭއްވި ބައްދަލުވުމެއްގައި އެކަމުގެ ޝަކުވާ ކުރުމުން "ހިތްހަމަނުޖެހޭ ފަދަ ޖަވާބެއް" ސީޕީ ހުސައިން ވަހީދު އެ ބައްދަލުވުމުގައި އޭނާއަށް ދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ދެން ނެގީ ސުޕްރިޓެންޑެންޓް އަބްދުﷲ ޝަތީހާއި ޗީފް ސުޕްރިޓެންޑެންޓް އަބްދުލްމަންނާނު ޔޫސުފްގެ ހެކިބަހެވެ. ހެކިބަސް ދެމުން ޝަތީހު ވިދާޅުވީ ނާޒިމްގެ އެޕާޓްމެންޓް ފާސްކުރަން ކޯޓު އަމުރު ހޯދީ އެރޭ ލިބުނު ސިއްރު މައުލޫމާތަކާ ގުޅިގެން ކަމަށާއި ނަމަވެސް އެ މައުލޫމާތުތައް ހާމަ ކުރެވެން ނެތް ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވާނީ ގާނޫނާ އެއްގޮތަށް ކަމަށާއި އެކަންކަން ރަނގަޅަށް ބަލާފައިވާނެ ކަމަށް ވެސް ޝަތީހު ވިދާޅުވި އެވެ.

ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުމުން ވެސް 21 ދުވަސް ވަންދެން އޭނާ ހައްޔަރު ނުކޮށް ބެހެއްޓީ ކީއްވެގެންތޯ ނާޒިމްގެ ވަކީލުން ޝަތީހާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެއީ އޭނާގެ ކޮމާންޑަރުގެ ނިންމުމެއް ކަމަށެވެ. ކޮމާންޑަރަކީ ކާކުތޯ ސުވާލު ކުރުމުން ޖަވާބުގައި ޝަތީހު ވިދާޅުވީ އެއީ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ހަބީބް ކަމަށެވެ.

އެ އަޑުއެހުމުގައި ސުޕްރިޓެންޑެންޓް މަންނާނުގެ ހެކިބަސް ނަގަން ފެށުމާ އެކު ނާޒިމްގެ ވަކީލުން އެހެން ކަމަކާ ބެހޭގޮތުން ސުވާލުކުރަން ފެށުމުން ފަނޑިޔާރުން ވަނީ އެކަން ހުއްޓުވައި، އެ ސުވާލުތައް ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އެހެންވެ އިތުރު ސުވާލުތަކެއް ނުކޮށް އޭނާގެ ހެކިބަސް ނެގުން ވަނީ ނިންމާލައިފަ އެވެ.