ދުނިޔެ

ދެކުނު ކޮރެއާގެ ރައީސް މަގާމުން ދުރުކޮށްފި

ދެކުނު ކޮރެއާގެ ރައީސް ޕާކް ޖިއުން ހައީގެ މައްޗަށް ތުހުމަތުވި ހިޔާނާތުގެ މައްސަލަތަކާއެކު އެ ގައުމުގެ ރައީސް ކަމުގެ މަގާމުން އެ ކަމަނާ ވަކިކޮށްފި އެވެ.

ކޯޓުން އިއްޔެ ޕާކް ރައީސް ކަމުގެ 4 ވަނަ އަހަރު ނިމުމަކަށް ގެނެސްފައިވާއިރު އެކަމާގުޅިގެން އެ ގައުމުގައި އޮތް މުޒާހަރާ ތަކުގައި ހިނގި ހަމަނުޖެހުން ތަކުގައި މިހާތަނަށް ތިން މީހަކު ވެސް ވަނީ މަރުވެފަ އެވެ.

އެ ކަމަނާ މަގާމުން ވަކި ކުރީ ސަރުކާރުގެ އިސް މަގާމުތަކަށް އަރިސް މީހުން އައްޔަނު ކުރުމާއި ކޮރަޕްޝަން ގެ ތުހުމަތާ ގުޅިގެން ޕާލަމެންޓްގައި ނެގުނު އިތުބާރު ނެތް ކަމުގެ ވޯޓުން އެ ކަމަނާގެ އިތުބާރުނެތް ކަމަށް ނިންމުމާ ގުޅިގެންނެވެ. މީގެ އިތުރުން ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރުމާއި، ރިޝްވަތު ގެ މައްސަލަތަކާއި، ސަރުކާރުގެ ސިއްރުތައް ލީކު ކުރުމުގެ ތުހުމަތު ވެސް ވަނީ ޕާކް އަށް ކުރިމަތިވެފައެވެ.

އެކަމަނާ ރައީސް މަގާމުން ވަކިކުރުމާއި ގުޅިގެން ދެ މަސް ދުވަހުގެ ތެރޭގައި އެ މަގާމަށް އާ ބޭފުޅަކު އިންތިހާބު ކުރަން އެ ގައުމުގެ ކޯޓުން ވަނީ ނިންމާފަ އެވެ.

ޗައިނާ އާއި ދެކުނު ކޮރެއާގެ ގުޅުން ތަން ހީނަރު ވުމުގެ އަސްލަކީ ޕާކް ކަމަށް ރައްޔިތުން ތުހުމަތުގެ އިނގިލި އަމާޒުކޮށްފައިވާ ވާއިރު އެ ކަމަނާއާ މެދު ކަންތައް ކުރާނީ އެހެން ކުށްވެރިންނާ މެދު ވެސް ކަންތައްކުރާ ގޮތަކަމަށް އެ މައްސަލަ ތަހުގީގު ކުރާ ފަރާތާއި ހަވާލާދީ އެ ގައުމުގެ ނޫސް އިދާރާތަކުން ވަނީ ބުނެފަ އެވެ.

ހަތަރު އަހަރުގެ ވެރިކަން ނިމުމަކަށް އައުމާ ގުޅިގެން އެ ގައުމުގެ އާންމު ރައްޔިތުން އަންނަނީ އުފާ ފާޅުކުރަމުންނެވެ. މިއީ ޑީމޮކްރަސީ އަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމައް ގިނަބަޔަކު ދަނީ ބުނަމުންނެވެ. މިއީ މިފަދަ ގޮތަކަށް ދެކުނު ކޮރެއާގެ ރައީސަކު މަގާމުން ވަކިކުރެވުނު ފުރަތަމަ ފަހަރެވެ.