ހަބަރު

ނާޒިމްގެ ދިފާއީ ހެކިންގެ ތެރެއިން ބާކީ ތިބި ހެކިންގެ ހެކިބަސް ނުނަގަން ނިންމައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ ދިފާއުގައި އޭނާގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ތިން ހެއްކަކު ފިޔަވައި ބާކީ ތިބި ހެކިންގެ ހެކިބަސް ނުނަގަން ކްރިމިނަލް ކޯޓުން މިރޭ ނިންމައިފި އެވެ.

ނާޒިމްގެ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ ދިފާއުގައި އޭނާގެ ފަރާތުން 50 އަށް ވުރެ ހެކިން ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީނާއި ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ހިމެނިވަޑައިގަންނަވަ އެވެ.

އެ ހެކިންގެ ތެރެއިން ތިން ހެއްކެއްގެ ހެކިބަސް މިރޭގެ އަޑުއެހުމުގައި ނެގުމަށް ފަހު ފަނޑިޔާރުން ނިންމެވީ ބާކީ ތިބި އެއްވެސް ހެއްކެއްގެ ހެކިބަސް ނުނެގުމަށެވެ. އެގޮތަށް ނިންމީ އެ ހެކިންނަކީ ދައުލަތުގެ ހެކިންގެ ހެކިބަސް ނަފީ ކުރެވޭ ވަރުގެ ހެކިންނަށް ނުވާތީ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ.

މިއަދު ހަވީރުން ފެށިގެން މިރެއާ ހަމައަށް ކުރިއަށް ގެންދިޔަ އެ ޝަރީއަތުގައި ނާޒިމްގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ނެގީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހާއި ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ހުސައިން އާދަމްގެ އިތުރުން ސުޕްރިޓެންޑެންޓް އަބްދުލް މަންނާނު ޔޫސުފްގެ ހެކިބަހެވެ.

ނާޒިމްގެ ވަކީލުން ކުރިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ސިފައިން އަތުން ފިސްތޯލައެއް ގެއްލުނެވެ. އެކަން ސާބިތުކުރަން ވެސް ނާޒިމްގެ ފަރާތުން ހެކި ހުށަހަޅާފައިވާއިރު މިރޭގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ސިފައިންގެ އާމަރީން އެއްވެސް ފިސްތޯލައެއް މަދުވެފައިނުވާ ކަމަށް ޑިފެންސް މިނިސްޓްރީން ކޯޓަށް އަންގާފައިވާ ކަމަށެވެ.