ރާއްޖެ ކުޅިވަރު

"ރައީސް ޔާމީން 2018 ޅ. ޗެލެންޖް" ވޮލީ މުބާރާތް ފަށައިފި

"ރައީސް ޔާމީން 2018 ޅ. ޗެލެންޖް" ގެ ނަމުގައި ވޮލީ މުބާރާތެއް ނައިފަރުގައި ފަށައިފި އެވެ. އެ މުބާރާތް މިއަދު ނައިފަރުގައި އިފްތިތާހު ކޮށްދެއްވާފައި ވަނީ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ އެވެ.

ނައިފަރު ޕީޕީއެމް ޖަގަހައިގެ އިސް އޮފިޝަލަކު ވިދާޅުވީ މި ވޮލީ މުބާރާތަކީ ޒުވާނުން ބާރުވެރި ކުރުވުމަށާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އޮތް ތާއީދު އިތުރު ކުރުމަށް ބޭއްވި މުބާރާތެއް ކަމަށެވެ. އޭގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބުގެ ކެނޑިޑޭޓުންނަށް ކެމްޕެއިންކޮށް ދިނުމާއި ޕީޕީއެމްއަށް މެންބަރުން އިތުރު ކުރުންވެސް މި މުބާރާތުގެ ތެރެއިން ކުރިޔަށް ގެންދާނެ ކަމަށެވެ.

މިއަދުން ފެށިގެން އަންނަ ހަފްތާގެ ހޮނިހިރު ދުވަހާ ހަމަޔަށް ކުރިއަށްދާ މި މުބާރާތުގައި ވާދަ ކުރަނީ އަންހެން ހަތަރު ޓީމާއި ފިރިހެން ހަތަރު ޓީމެވެ. ކޮންމެ ބަޔަކުން މޮޅުވާ ޓީމަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމް ދެއެވެ. އަދި ރަނަރަޕް ޓީމަކަށް 10،000 ރުފިޔާ ދެއެވެ.

"ރައީސް ޔާމީން 2018 ޅ. ޗެލެންޖް" ވޮލީ މުބާރާތުގައި އެ އަތޮޅު ރަށްތަކުންނާއި ރިސޯޓުތަކުން ޓީމުތައް ބައިވެރިވެފައިވާ އިރު ގައުމީ ޓީމުގެ ވޮލީ ކުޅުންތެރިންނާއި އަވަށްޓެރި ގައުމުތަކުގެ ކުޅުންތެރިން ވެސް ހިމެނެ އެވެ.