ހަބަރު

ބޭސްފަރުވާއަށް ނާޒިމް ބޭރަށް ދިއުމުގެ ހުއްދަ މިވަގުތު ދެވެން ނެތް ކަމަށް ނިންމައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެދުނު ނަމަވެސް މިވަގުތު އެ ހުއްދަ ދެވެން ނެތް ކަމަށް ކޯޓުން މިރޭ ނިންމައިފި އެވެ.

ނާޒިމްގެ އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ގޭ ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ކުރިން ފުލުހުންގެ ބަންދުގައި ހުއްޓާ އޭނާ ގޭ ބަންދަށް ބަދަލުކުރީ ވެސް ބަލި ހާލަތު ހުރިގޮތުންނެވެ.

ނާޒިމަށް ރާއްޖެއިން ބޭރުގައި ފަރުވާ ނުކޮށްފި ނަމަ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތަކަށް ދިއުމުގެ ބިރު އެބައޮތް ކަމަށް ބުނެ ޑޮކްޓަރުން ދީފައިވާ ލިޔުމަށް ބިނާކޮށް، ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް ނާޒިމްގެ ފަރާތުން އެދުނީ ކުރީގެ އަޑުއެހުމެއްގަ އެވެ.

މިރޭގެ އަޑުއެހުމުގައި އެކަމާ ބެހޭގޮތުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ނާޒިމްގެ ބަލި ހާލަތު އެގޮތަށް ހުރި ކަމަށް ޑޮކްޓަރުގެ ލިޔުމުގައި އޮތަސް ނާޒިމަށް ކޯޓަށް ހާޒިރު ވެވޭނެ ކަމަށް އެ ލިޔުމުގައި އެބައޮތް ކަމަށާއި އެހެންވެ ބޭރަށް ދިއުމުގެ ހުއްދަ މިވަގުތު ނުދެވޭނެ ކަމަށެވެ. ނަމަވެސް އެ މައްސަލަ ވީހާ ވެސް އަވަހަށް ނިންމަން މަސައްކަތް ކުރައްވާނެ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.

އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުން އަންނަ ބުދަ ދުވަހު ބާއްވާނެ ކަމަށް މިރޭގެ އަޑުއެހުމުގައި ފަނޑިޔާރުން ވިދާޅުވި އެވެ.