ވާހަކަ

މުޅިޖާންހިތާ

(9 މާރިޗު 2017 އާ ގުޅޭ)

ނިޔާނު އައިސް އައިރާގެ ކުރިމަތީ ހުއްޓިލުމާއެކު ލިޒީ ދުރަށް ޖެހިލިއެވެ. އެހިނދު އައިރާގެ ކޯތާފަތުގައި ނިކަން ލޯތްބާއެކު ދެއަތުން ނިޔާނު ހިފާލިއެވެ. އަދި އެ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ފުހެލަދެމުން ދެ ފަރާތަށް މަޑުމަޑުން ބޯހޫރާލީ ނުރޯށޭ އައިރާ ގާތުގައި ބުނުލާ ފަދައަކުންނެވެ.

ކުޑަދުވަސްކޮޅެއްގެ ތެރޭގައި އައިރާގެ ހިތާއި ސިކުނޑިއަށް ވެރިވެގަތް ޚިޔާލުތަކުގެ ސަބަބުން ކުއްލިއަކަށް އަމިއްލަ ނަފްސު ކުއްވެރިކުރެވިއްޖެއެވެ. ނިޔާނުގެ ލޯތްބާއި މެދު އިތުބާރެއްނެތީ އަމިއްލަ ނަފްސުގެ މައްޗަށް އައިރާގެ އިތުބާރެއް ނެތުމުގެ ސަބަބުންކަމުގައި ވެސް ޤަބޫލުކުރެވުނެވެ. ހިތަށް ކުރަމުންދިޔަ ބަޔާންކުރާން ދަތި އިހުސާސްތަކާއެކު އައިރާ އިސްޖަހާލަން އުޅުނެވެ. އެހެންނަމަވެސް އެކަން އޭނާއަށް ކާމިޔާބުނުވީ ނިޔާނު އޭނާގެ ކޯތާފަތުން ދޫކޮށްނުލުމުންނެވެ.

"އަހަންނަށް މި އާދެވުނީ ތަންކޮޅެއް ލަހުން... އެކަމަށް މާފުކުރާނަންތަ؟" ލުއި ހިނިތުންވުމެއް ނިޔާނުގެ ތުންފަތަށް ވެރިވެފައިވާއިރު އެ ދެލޮލުން ފެންނަނީ އާދަޔާ ޚިލާފު ވިދުމެކެވެ. އޭނާގެ އަޒުމް ވަރުގަދަ ވެފައި ހިތްވަރު ގަދަކަން އެ ދެ ލޮލަށް ބަލާލުމުން ވެސް އައިރާއަށް އިހުސާސް ކުރެވިގެން ދިޔައެވެ.

"ލަހުންވިޔަސް އައީތީ އަހަރެންގެ ހުރިހާ ނުތަނަވަސްކަމެއް ފިލައިފި... ތެންކިއު... ތެންކިއު..." ކަރުނައިގެ ތެރެއިން ހިނިތުންވެލަން އައިރާ މަސައްކަތްކުރިއެވެ. އަދި އޭނާގެ ކޯތާފަތުގެ ދެފަރާތުގައިވާ ނިޔާނުގެ އަތްތިލައިގައި އައިރާ ހިފަހައްޓާލިއެވެ. މިއަދު އައިރާ އޭނާގެ ހިތާއި ރޫހުން ނިޔާނަށް ޝުކުރުވެރިވެއެވެ. ރަށުމީހުންގެ ލަދުވެތި ވިހަ ބަސްތަކުން މިއަދު ނިޔާނު އޭނާ ސަލާމަތްކޮށްދީފިއެވެ. އުފާވެރި ދިރިއުޅުމެއް ލިބިދާނެކަމުގެ އުންމީދު އަނެއްކާ ވެސް އާވެއްޖެއެވެ.

"ދެން ތިހެން ތިބެނީތަ؟... ގޭތެރެއަކަށް ނުވަންނާނަންތަ؟" ޖުވައިންގެ އަޑު އައިރާއާއި ނިޔާނުގެ ކައިރިން އިވުނެވެ. އެއާއެކު ދެ ޒުވާނުން އެއްފަހަރާ ޖުވައިންއަށް ބަލާލިއެވެ. އަދި ހީނލާފައި ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އެހިނދު ނިޔާނުގެ އަތުގެ ތެރެއިން ސަލާމަތްވަމުން އައިރާ ދުވެލާފައި އައިސް ލިޒީގެ އަތުގައި ހިފާލިއެވެ. ވޭތުވެދިޔަ ދެތިން ހަފްތާ މިލާފައި ހުއްޓާފެނުނު އައިރާގެ މޫނަށް ދިރުން އަތުވެއްޖެއެވެ. ހިނިތުންވެލާފައި ހުރިއިރު އެ މޫނުމައްޗަށް ލަދުވެތިކަމުގެ ރަތްކަމެއް ވެރިވެފައި ވެއެވެ.

"ޔޫ އާ ދަ ބެސްޓް... އޯލްވޭޒް" ލިޒީގެ ކަންފަތްބުޑުގައި އައިރާ ބުނެލިއެވެ.

ބަދިގޭގައި ހުރި މަލީހާއަށް ނިޔާނާއި ޖުވައިން ފެނުމާއެކު އުފަލުން ވާހަކަދައްކަން ފެށިއެވެ. އެ މީހުން ދައްކަމުންދިޔަ ވާހަކަތަކުން މަލީހާއަށް ވެސް އޮތީ ނިޔާނު ރަށަށް އަންނަކަން އެނގިފައިކަން އައިރާއަށް އެނގުނެވެ. އެންމެ ގާތް މީހުންގެ ގޮތުގައި މިވަގުތު އައިރާގެ ތިބީ ލިޒީއާއި މަލީހާއެވެ. އެމީހުން އޭނާގެ ގާތުގައި ނުބުނެ އެތައްކަމެއްވަނީ ރާވާފައެވެ. އެއްވެސް ވާހަކައެއް ނުބުނިކަމުގައި ވިޔަސް އެމީހުންގެ މައްޗަށް ހިތްބަރުކަމެއް އައިރާގެ ނެތެވެ. އެއަށްވުރެ އޭނާއަށް ކުއްލިއަކަށް ލިބުނު އުފާވެރިކަން އެތައް ގުނައެއް އިތުރުވެފައިވެއެވެ. ޝަކުވާ ކުރާނޭ ފުރުޞަތަކަށް އެ އުފާވެރިކަން ތަނެއްނުދެއެވެ.

ހެނދުނުގެ ސައިގައި ދާއޫދު ނޫން އެންމެން ބައިވެރިވިއެވެ. އަވަސް ސަޔަކަށްފަހު އައިރާ ގޮވައިގެން ލިޒީ އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭރު އައިރާއަށް ޓަކައި ތައްޔާރުކުރި ހެދުން އިސްތިރިކޮށް އަޅުވާފައި ހުއްޓެވެ.

"އައިރާ މައި ލަވް... ދެން އިތުރަށް އިންތިޒާރުކުރާކަށް ނުޖެހޭނެ... އަވަހަށް ތައްޔާރުވާން އުޅޭ" ލިޒީ ބުނެލިއެވެ.

"ކޮންކަމަކަށް" އައިރާއަށް ހައިރާންކަން ލިބިގެންދިޔައެވެ.

"އެގާރަޖަހަންވާއިރަށް ކޯޓަށްދާން... މެރީ ކުރާކަށް ބޭނުމެއްނޫންތަ؟ ނިޔާނު އެ އައީ އައިރާއާ މެރީކުރަން" ހެވިފައި ހުރި ލިޒީ ބުންޏެވެ.

ލިޒީގެ އެހީގައި އައިރާ ތައްޔާރުވިއެވެ. ނޫކުލައާއި ރަންކުލައިން އަނާރުކަލީ ބައްޓަމަކަށް ފަރުމާކުރެވިފައިވާ ހެދުމުގައި އައިރާ ހުރިއިރު އޭނާއެކޭ ހިންދީ ޑްރާމާތަކުން ފެންނަ ފަދަ ރީތިކަމެއް ލިބިފައިވާ އެކްޓަރެކޭ ތަފާތެއްނެތެވެ. ހަމައެކަނި ތަފާތަކީ އައިރާގެ ދެއްކުންތެރިކަމެއްނެތްކަމެވެ. ރަންކުލައިގެ ޝޯލްގެ ތެރެއިން އައިރާގެ ދޮން މޫނު ވަކިން އަލިކަމަށް ދައްކައެވެ. ލޮލުގެ މަތީބޮނޑީގެ އެސްފިޔަތައް ކައިރިން ކޫރުދަމާލައިފައި ހުރިއިރު ދިގު އެސްފިޔަތައް އެއްބަނޑިއަކަށް ލެނބިފައި ހުރުމުން އެ ދެލޮލުގެ އަސަރު ވަކިން ގަދައެވެ. އައިރާގެ ހުރިހާ ކަމެއް ނިންމާލެވުމުން ލިޒީ އަތްމަތި އަވަސްކޮށްލަމުން އޭނާ ވެސް ތައްޔާރުވިއެވެ. ދެ އަންހެން ކުދީންގެ ސަމާލުކަން އަތުލީ ލިޒީގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލާފައި ޖުވައިން ގޮވާލި އަޑަށެވެ.

"މި ނިކުންނަނީ" ކޮޓަރި ތެރޭ ހުރެފައި ލިޒީ ތަންކޮޅެއް ބާރަށް ބުންޏެވެ. އަދި އެންމެ ފަހުފަހަރަށް އައިރާއަށް ބަލާލީ އެއްވެސް ކަމެއް ނުކުރެވި ދޫކޮށްލެވިފައިވޭތޯ ޔަގީންކޮށްލުމަށެވެ. ހުރިހާ ކަމެއް ވެސް ހުރީ އެންމެ ފުރިހަމައަށްކަން ޔަގީންވުމުން އައިރާގެ އަތުގައި ހިފާލައިގެން ލިޒީ ކޮޓަރިން ނުކުތެވެ.

ސިޓިންރޫމުގައި މަލީހާގެ އިތުރުން ނިޔާނާއި ޖުވައިން ތިއްބެވެ. މަލީހާ ވެސް ހުރީ އާ ހެދުން ލައިގެންނެވެ. ޢަމަލުތައް ހުރި ގޮތުން ހީވަނީ އޭނާގެ އަމިއްލަ ދަރިއެއްގެ ކައިވެނި ކުރެވެން އުޅޭ ހެންނެވެ. ހިސާބެއްގެ ހާސްކަމެއްގައި ސިޓިންރޫމު މެދުގައި ނިޔާނު މަޑުކޮށްލައިގެން ހުއްޓެވެ. މަޑުކުލައެއްގެ ފަޓުލޫނަކާއި ހުދު ގަމީހެއްގައި އޭނާ ފެންނަނީ ނުހަނު ފުރިހަމަކޮށެވެ. ޚާއްޞަ މުނާސަބަތަކަށް ތައްޔާރުވެ ހުރިކަން އޭނާއަށް ބަލާލުމުން އެނގޭހާވެއެވެ. ވައަތްތިލަ ފަޓުލޫނު ޖީބުގެ ތެރެއަށް ކޮށްޕާލައިގެން ހުއްޓާ އެތެރެއިން ލިޒީގެ އަޑުއިވިގެންދިޔައެވެ. އެއާއެކު ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ކުރިމައްޗަށް އައިރާ އަތުވެއްޖެއެވެ. ބޭއިޚްތިޔާރުގައި ހިނިތުންވެލުމާއެކު އައިރާގެ ރީތިކަމަށް ނިޔާނަށް ތާރީފުކޮށްލެވުނެވެ. ވަށައިގެން އެންމެން ތިބިކަން ވެސް ނިޔާނު ކުޑަ ހިނދުކޮޅަކަށް ހަނދާންނެތުނު ކަހަލައެވެ. އައިރާގެ ގާތަށް ނިޔާނު ފިޔަވަޅެއް އަޅާލުމާއެކު އެ ދެމެދަށް ވަނީ ލިޒީއެވެ.

"ނިޔާނަށް ދެން އައިރާގެ ގައިގާ އިނގިލި ވެސް ޖައްސާލެވޭނީ ޤާޟީ ބުނީމަ... ދޯ މަންމާ" ލިޒީ ބުނި އެއްޗަކުން އެންމެން ހޭންފެށިއެވެ. ކޮށްފައި ހުރި ލުއިލުއި މޭކަޕްގެ ތެރެއިން އައިރާގެ މޫނަށް ވެސް ލަދުވެތިކަމުގެ އަސަރު ވެރިވެގެންދިޔައެވެ. ނިޔާނު އަވަސް އަވަހަށް ދެއަތްތިލަ ކޮނޑާ ހަމައަށް އުފުލާލުމާއެކު ދެފަރާތައް ބޯހޫރާލީ ލިޒީ އެދުނު ފަދައިން އައިރާގެ ގަޔަކު އަތެއްނުލާނަމޭ ބުނުމަށެވެ.

"ހިނގާ ދާން... ކާރުގައެއްނޫންތަ ދަނީ" ލިޒީ އަހާލިއެވެ.

"އިބްރާހީމްބެމެންގޭ ވޭން ހޯދީ... އެބައޮތް ދޮރުމަތީ މަޑުކޮށްގެން" މަލީހާ ބުނެލިއެވެ.

އެންމެން އެކުގައި ނުކުމެގެން އައިސް ދޮރުމަތީ ކަހަލަ ގޮތަކަށް މަޑުކޮށްލައިގެން އޮތް އަޅިކުލައިގެ ވޭނަށް އެރިއެވެ. އެންމެން ހަމަޖެހިލުމާއެކު ވޭން ދުއްވާލީ ރަށު ކޯޓާ ދިމާއަށެވެ. ގިނައިރެއްނުވެ ކޯޓަށް އާދެވުމާއެކު ވޭން ދުއްވަން އިން ފިރިހެންކުއްޖާގެ ގާތުގައި ކޯޓު ކައިރީ މަޑުކޮށްލަ ދިނުމަށް މަލީހާ އެދުނެވެ.

ކައިވެނިކޮށްދެން ހުރި ޤާޟީއަކީ ޖަމްޝީދެވެ. ހެކިވެރިންގެ ގޮތުގައި ތިބީ ޖުވައިންއާއި ވަހީދުއެވެ. ހިތުގެ ތެޅުން އަވަސްވެފައި އިން ނިޔާނަށް ހާސްކަމުގެ ސަބަބުން ބަސްހުއްޓޭގޮތް ވިއެވެ. އެހެންނަމަވެސް އެވަގުތުކޮޅަކީ ނިޔާނާއި އައިރާއަށް ވެސް އެހެންމީހުންގެ އެހީތެރިކަން ބޭނުންވާނޭ ވަގުތުކޮޅެއްކަން އެތަނުގައި ތިބި އެންމެން ވެސް ދަނެއެވެ. އަނބިޤަބޫލުކުރުމަށް ބުނުމުން ފުރަތަމަ ޤާޟީ ބުނިއެއްޗެއް ނޭނގިފައި އިންހެން ނިޔާނު މޭޒުދޮށުގައި ދެންތިބި މީހުންނަށް ބަލާލުމުން ޤާޟީ ބުނި އެއްޗެއް ދެވަނަ ފަހަރަށް ތަކުރާރުކުރިއެވެ. ނިޔާނާއި އައިރާ ދެމަފިރިންކަމުގައި ވުމުން އެންމެންގެ ހާޟިރުގައި ބިއްލޫރި ފްރޭމެއްހެން ހަދާފައި އޮތް އައިރާގެ ރަން އޭނާއާ ނިޔާނު ހަވާލުކުރިއެވެ. ހުރިހާ ކަމެއްވެސް ކުރިއަށް ދިޔައީ އައިރާގެ ހިތަށް ސިފަ ވެސް ނުކުރެވޭހާ ފުރިހަމައަށެވެ. ނިޔާނަކީ ރޭވުންތެރި ހަރުދަނާ ޒުވާނެއްކަން އިތުރަށް ސާބިތުވެގެން ހިނގައްޖެއެވެ. ޖަމްޝީދު ކައިވެނިކުރެވުނު ދެމަފިރިންނަށް ނަސޭޙަތްދިނެވެ. އެގޮތުން ނިޔާނުގެ ގާތުގައި އައިރާއަކީ މިހާރު އޭނާއާ ޙަވާލުވެފައިވާ ވަރަށް ވެސް ބޮޑު އަމާނާތެއްކަން ހަނދާން ބަހައްޓަންވާނޭކަމުގައި ބުންޏެވެ. އަދި އައިރާއަށް އިޙްސާންތެރިކަމާއި އޯގާތެރިކަމާއެކު ކަންތައްތައް ކޮށްދިނުމުގެ އިތުރުން އައިރާއަށް ދޭންޖެހޭ އެންމެހައި ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ފުރިހަމަކޮށްދެވޭތޯ ބަލަންވާނޭ ކަމުގައި ވެސް ބުންޏެވެ. ޖަމްޝީދުގެ އެ ނަސޭޙަތް ނިޔާނުގެ ހިތާއި ސިކުނޑީގައި ބިންވަޅުނެގުނެވެ.

މެންދުރުވިއިރު އެންމެނަށް އެނބުރި ގެއަށް އާދެވިއްޖެއެވެ. އެއާއެކު ދުވަހުގެ ތާވަލު ރޭވިފައި އޮތް ގޮތް ލިޒީ އިއްވާލިއެވެ. އައިރާއަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. ކުޑަގޮތަކަށް ނިޔާނާއި އައިރާގެ ކައިވެނީގެ ވަލީމާ ފަސްގަނޑުގައި ބާއްވާ ގޮތަށް ހަމަޖެހިފައި އޮތުމާއެކު ދެމަފިރިންނާއި ގާތް ރަޙުމަތްތެރިން އެކުގައި ފޮޓޯޝޫޓެއް ވެސް ހަމަޖެހިފައި އޮތެވެ. ރޭވިފައި ހުރި ކަންތައްތައް އެނގުމަކުން ނިޔާނާއި އައިރާއަށް އެކަނިވެލާނޭ ފުރުޞަތެއް ނުލިބުނެވެ. ހަވީރު ވަގުތު ޖެހެންދެން ވެސް ލިޒީ އުޅުނީ އައިރާ ފަހަތުލައިގެންނެވެ. ނިޔާނު ވެސް އެ ދެމެދަށް ވަންނަން މަސައްކަތެއް ނުކުރެއެވެ. ޒަމާންވީ ދެ ރަޙުމަތްތެރިން އޭނާގެ ސަބަބުން ވަކިވަނީކަން އެނގޭތީއެވެ. ހުރިހާ ވަގުތެއްގައިހެން އައިރާގެ އަތުގައި ހިފާލައިގެން ލިޒީ އުޅެނީ ޚުދު އޭނާއަށް ވެސް އެންމެ ގާތް އެކުވެރިޔާއާ ވަކިވާންވީ ވަގުތު ކައިރިވަމުން އަންނަކަން އެނގޭތީކަމުގައި ނިޔާނު ޤަބޫލުކުރެއެވެ.

ކައިވެނިކުރެވުނު ވަގުތު ދެ ޒުވާނުން ތައްޔާރުވެލައިގެން ތިބިހާ ފުރިހަމައަށް ތައްޔާރުވެލައިގެން ނިޔާނާއި އައިރާ ތިއްބެވެ. އޭރު ފޮޓޯޝޫޓު ނިމިއްޖެއެވެ. އެހެންވެ ފަސްގަނޑުގައި އަލަތު ދެމަފިރިން ތިބުމަށް ތައްޔާރުކޮށްފައިވާ ގިޑިގެ ކައިރީ މަޑުކޮށްލައިގެން އެމީހުން ތިބީ ކައިވެނީގެ ވަލީމާއަށް އަންނަމުންދިޔަ މެހެމާނުންނާ ސަލާމްކުރުމަށެވެ. ހުދުކުލައިގެ ފޮތިގަނޑަކުން ނިވާކޮށްފައިވާ ދިގުމޭޒުގެ މަތީ ތަފާތު ވައްތަރުގެ ހެދިކާ ހުއްޓެވެ. އެ ތަނުގައި ހަރަކާތްތެރިވާތީ ފެންނަނީ ލިޒީގެ ރައްޓެހިންނެވެ. ނިޔާނާއި އައިރާއަށް ޓަކައި ފަސްގަނޑުގެ ބައެއް ތައްޔާރުކޮށްފައި ވަނީ އެ މީހުންނެވެ. ދެފަރާތަށް ވާގޮތަށް ދަނޑިޖަހާ ހުރަސްކޮށް ރަންކުލައަށް ދާ ބޮކިފަތިދަމާފައިވެއެވެ. އެންމެން އިށީނުމަށް ގޮނޑިޖަހާފައި ހުރީ މަތިން ބޮކިފަތިތައް ފެންނާނޭހެންނެވެ. އެވަގުތު އެތަނުގައި ހަރުފުރައިގެ ބަޔަކު ވެސް މަލީހާއާއެކު އުޅުނެވެ. އެހެންނަމަވެސް އެއީ ކޮންބައެއްކަން އައިރާއަކަށް ނޭނގެއެވެ.

"ލިޒީ... ބޭބެއާއި ދައްތައަށް އެނގޭތަ؟" ފެންތަށްޓެއް ހިފައިގެން އައިސް އައިރާގެ ގާތުގައި ހުއްޓުނު ލިޒީގެ ގާތުގައި އޭނާ އެހިއެވެ. އޭރު ނިޔާނު ހުރީ އެ އަޑު ނީވޭހާ ދުރުގައި ފިރިހެން ގުރޫޕަކާ ވާހަކަ ދައްކާށެވެ. ގަޑިއެއްހާއިރަށް ބޭއްވި ހަފްލާ ނިމުމަކަށް ވެސް އައީއެވެ.

"އަހަރެން ބުނިން... އެމީހެއްގެ ކަމެއް އެއީ އައުމާއި ނައުން... ސާމިޔައްތަ ގާތުގައި މަންމަ ބުނި... އެކަމަކު އޭނާ ވެސް ނާންނަން އެ ހުންނަނީ ހިޝްމާއާ އެއްބަސްކިޔާފައި... މިހާރު ހުންނާނީ ރަނގަޅު އެއްޗެއް ވިސްނިފަ" ފޫހި ގޮތަކަށް ލިޒީ ބުންޏެވެ.

"ކޮޅަށް ހުރެހުރެ ވަރުބަލިވެއްޖެ... އާދެބަލަ މިތާ އިށީންނަން" ބޯން ގެންގުޅުނު ފެންތަށި އެއްއަތުން ހިފައިގެން އަނެއްއަތުން ލިޒީގެ އަތުގައި ހިފާލައިގެން އައިރާ ހިނގައިގަތީ ފަސްގަނޑުގައި ހުންނަ ފުނަގަސްދޮށަށެވެ. އެތަނުގައި ހުރި ދިގު ގޮނޑީގައި އިށީނެވެ.

"ތެންކިއު... އަހަންނަށް ޓަކައި ލިޒީ ތިކޮށްދޭ ކަންތައްތަކުގެ އަގު އަދާކުރާނޭ ގޮތެއް ނުވިސްނޭ. އަހަރެން ބޭނުން ލިޒީއަށް ވެސް އަހަރެންގެ ފަރާތުން އެފަދަ އެތައްކަމެއް ކޮށްދޭން" އައިރާގެ އަޑުގައި ހިތާމައިގެ އަސަރު އެކުލެވިފައިވެއެވެ.

"އަހަރެން އެއްވެސް ކަމެއް މިކޮށްދެނީ ބަދަލު ބޭނުންވެގެންނެއްނޫން... އެކަމަކު ބުނަން... އަހަރެން މީހަކާ އިންނަ ދުވަހުން އައިރާ ޕްރޮމިސްކުރޭ އަހަރެންގެ އެންމެ ގާތުގައި ހުންނާނަންކަން... އެދުވަހުން ޖެހޭނެ ކޮންމެ ގޮތެއް ހަދާފައިވިޔަސް އަހަރެންގެ ގާތަށް އަންނަން" އައިރާއާ ހަތަރުކަޅި ހަމަކޮށްލުމާއެކު ލިޒީ އެދުނެވެ. އެހިނދު އެއްވެސް ޚިޔާލެއް ފިކުރެއްނެތި އައިރާ އަވަސްއަވަހަށް ބޯޖަހާލީ އެއްބަސްވަމުންނެވެ.

"އައި ވިލް މިސް ޔޫ ޔާރް" އައިރާގެ ބޮލުގައި ބޯޖައްސާލަމުން ލިޒީ ބުންޏެވެ.

"އަހަރެން ބުނާނަން ނިޔާނު ކައިރީ ދޭތެރެއަކުން ރަށަށް ފޮނުވަދޭށޭ... އޭރުން ލިޒީއަށް ފެންނާނެއެއްނު... އެހެންނޫނަސް ފޯނު ވެސް އޮންނާނެއެއްނު" އައިރާ ބޭނުންވަނީ އުފާވެރި ޚިޔާލުތަކެއް ކުރާށެވެ. ދެ އެކުވެރިން ވަކިވަނީކަމުގައި ހީކުރާކަށް ބޭނުމެއްނޫނެވެ. ގާތުގައި ތިބުމަށް ހާލަތު ތަންނުދިނަސް އެ ދެމެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރިކަމަށް ބަދަލެއް ނާންނާނޭކަން އައިރާއަށް ޔަގީންކަމާއެކު އެނގެއެވެ.

ދެ އެކުވެރިން ވާހަކައިގައި ތިއްބާ އެތަނަށް ނިޔާނު އައެވެ. ލިޒީގެ ރައްޓެހިން ފިޔަވައި އެންމެން ހިނގައްޖެ ކަމުގައި ނިޔާނު ބުންޏެވެ. އަދި އޭރު އެތަން ރީތިކުރުމަށް ޖަހާފައި ހުރި ސާމާނުތައް ނަގަންފަށައިފިއެވެ. ގެއަށް ދާންވީކަން އައިރާއާއި ލިޒީއަށް އެނގެއެވެ. ޕިކަޕަށް އެރުވި ސާމާނުތަކާއެކު މަލީހާ ގެއަށް ދިޔައެވެ. އޭނާއާއެކު ލިޒީގެ ބައެއް ރައްޓެހިން ވެސް ދިޔައެވެ. މަލީހާއަށް ސާމާނުތައް ޕިކަޕުން ބާލަން އެހީވާން ޖެހޭނެތީއެވެ. ނިޔާނާއި އައިރާގެ އިތުރުން ޖުވައިންއާއި ލިޒީ ވެސް ގަސްދުކުރީ ހިނގާލާފައި ގެއަށް އަންނާށެވެ. އޭރު އިރުއޮއްސި އަނދިރިކަން ވެރިވާން ފަށައިފިއެވެ.

"ލިޒީ... އައިރާއާ ދެ ކުދީން ދާންވީނު މަޣުރިބު ނަމާދުކޮށްލަން... ނިޔާނު ވެސް ޖުވައިންއާއެކު އިހަށް މިވަގުތު މިސްކިތައްދާން ދައްތައަށް ފެންނަނީ" ގެއަށް އައިސް އެންމެން ވަންއިރު މަޣުރިބު ނަމާދަށް ގޮވައިފިއެވެ. ސިޓިންރޫމުގައި ހުޅުވާފައި ހުރި ޓީވީއިން ޤުރުއާނުގެ އަޑު މުޅި ގޭތެރެއަށް ފެތުރިފައިވެއެވެ.

އިޝާ ނަމާދަށް ފަހު ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމަށް މަލީހާއާއެކު ލިޒީއާއި އައިރާ ވެސް ބަދިގެ ތެރޭ އުޅުނެވެ. އެމީހުންގެ މެދުގައި ދެކެވެމުންދިޔައީ އެރޭ ނިޔާނުއާއި ޖުވައިން ވެސް ރަށުގައި މަޑުކުރާއިރު އަލަތު ދެމަފިރިން ތިބުމަށް ކޮޓަރި ދީފިނަމަ ޖުވައިން އޮންނާނެ ތަނެއް އެގޭގައި ނެތްކަމެވެ.

"އެއީ އެވަރުކަމެއްނޫނޭ ދައްތާ... ނިޔާނާއި ޖުވައިން އެކުގައި ބައިތިއްބާނީ... މިރޭ އަހަރެން ލިޒީމެން ކޮޓަރީގައި އޮވެލަފާނަން... ވަރަށް ފަތިހާ ފުރަންޖެހޭނެއޭ ނިޔާނު ބުންޏެއްނު" މޭޒުމަތީ ތަށިތައް އަތުރަމުން އައިރާ ވާހަކަދެއްކިއެވެ.

"އައިރާ ދެން ނުފެންނާނެ ދޯ... މާލެ ދިޔަޔަސް ދައްތަމެންނާ ގުޅުން ކަނޑާނުލައްޗޭ" މަލީހާ ބަދިގެ ފަރާތުން ރިހަ ބޯތަށްޓެއް ހިފައިގެން އައިސް ކާމޭޒުމަތީ ބެހެއްޓިއެވެ. އަދި ކާމޭޒުދޮށުގައި ހުރި އައިރާގެ ކޮނޑުގައި ފިރުމާލިއެވެ.

"އިރާދަކުރެއްވިއްޔާ މި ގުޅުމެއް ނުކެނޑޭނެ" އައިރާ ނިކަން ބޮޑަށް ހިނިތުންވެލިއެވެ.

ރޭގަނޑު ދިހައެއް ޖެހިއިރު އައިރާ އިނީ ފޮށްޓަށް އޭނާ ބޭނުންވާނެ ހެދުންތައް އަޅާށެވެ. ނިޔާނު އެދުނީ މާލެ ދާއިރު ކައިވެންޏަށް ޚާއްޞަކޮށްގެން ފެހި ހެދުން ލައިގެން އައިރާ ހުންނާށެވެ. އައިރާ އަތުން ބައެއް ހެދުން ނިޔާނު އުނި ވެސް ކުރިއެވެ. ބާވެފައި ހުރުމުން މާލެ ގޮސް އައު ހެދުން ހޯދާނީ ކަމުގައި ބުނެއެވެ. ނިޔާނުގެ ޚިޔާލުތަކަށް ތަރުހީބުދޭން ލިޒީ އިނެވެ. ހުރިހާ ކަމެއްކޮށް ނިންމާލެވުނީ އެގާރަޖަހަން އުޅެނިކޮށެވެ. އެހާއިރު ދެން ކުރާނޭ ކަމެއްނެތުމުން ހަތަރު މީހުން ނުކުތީ މަގުމަތި ފެންނަގޮތަށް ގޯތިތެރޭގައި ހުންނަ ޖޯލިފައްޗަށެވެ. ނިޔާނާއި ޖެހިގެން ހުރި ޖޯލީގައި އައިރާ އިނެވެ. ހަތަރު ޒުވާނުން އެކިވާހަކަތައް ދައްކަމުން ދިޔައިރު ދޭތެރެއަކުން އައިރާގެ އަތުގައި ނިޔާނު ހިފާލައެވެ. އަދި ލާނެތް ކުދިކުދި ގޯނާ އައިރާއަށް ކުރަމުންދިޔައެވެ. ޖުވައިންއާއި ލިޒީގެ ކުރިމަތީގައި އެއްޗެއް ބުނަން ނުކެރުނު ތަނުގައި ނިޔާނާ ވަކިވެގެން ދާކަށް ވެސް ނުކެރުނެވެ. މިހާރު އެއީ އޭނާގެ ފިރިމީހާއެވެ. އެހެން ހިތައް އަރާފައި ވެސް އައިރާގެ ހަށިގަނޑަށް ފާޑެއްގެ ފިނިގަނޑެއް އަރައެވެ.

"ސުހާގުރާތު އޮތީ މާލޭގަ ދޯ... ހާދަ ދެރައޭ... ހެނދުނު ކޮޓަރިން ނުކުންނައިރު އައިރާގެ މޫނު ބަލަން އަހަރެން އެންމެ ބޭނުންވަނީ" ޖޯލީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން އޮތް ލިޒީ އެއްވެސް ޚިޔާލެއް ފިކުރެއްނެތް ކަހަލައެވެ.

"ލިޒީ... ކޮންމެފަދަ އެއްޗެއް ވެސް މީނާ ބުނެފާނެ" އައިރާ ކުއްލިއަކަށް ޖެހިގެން ކަނާތްފަރާތުގައި އޮތް ލިޒީގެ ކޮނޑުގައި ތަޅައިގަތެވެ. އެއާއެކު ނިޔާނާއި ޖުވައިން ނިކަން ބާރަށް ހީނގަތެވެ.

(ނުނިމޭ)