ހަބަރު

މައުލޫމާތު ނުދީގެން 53 މައްސަލައެއް އައިކޮމްއަށް

  • މައުލޫމާތު ހާމަކުރަން އިންކާރު ކުރި 24 މައްސަލައެއް
  • ގިނަ މައްސަލަތައް ޕޮލިސް އަދި ކަރެކްޝަނަށް
  • މައުލޫމާތު ސާފުކުރަން 700 އަށް ވުރެ ގިނަ މައްސަލަތައް

ސަރުކާރުގެ އިދާރާތަކުން ޖަވާބު ދާރީ ނުވެގެން މިދިޔަ އަހަރު ތެރޭގައި 53 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)ގެ އަހަރީ ރިޕޯޓުން ހާމަވެއްޖެ އެވެ.

އައިކޮމްގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ދައުލަތުގެ އެކި އިދާރާތަކަށް މައުލޫމާތު ސާފުކުރުމަށް އެކި ފަރާތްތަކުން މުޅިއަކު 761 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 713 މައްސަލައަކަށް އިދާރާތަކުން ޖަވާބުދާރީއެއް ނުވާ ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެހެން ނަމަވެސް، އައިކޮމްއަށް ހުށަހަޅާފައި ވަނީ 53 މައްސަލައެއް ކަމަށާއި އޭގެ ތެރެއިން 50 މައްސަލައެއް ބަލާ މައްސަލަ ހުށަހެޅި ފަރާތްތަކަށް އައިކޮމްއިން ވަނީ ޖަވާބު ދީފައި ކަމަށް އެ ކޮމިޝަންގެ އަހަރީ ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގެ ތެރެއިން 24 މައްސަލައަކީ މައުލޫމާތު ދިނުމަށް އިދާރާތަކުން އިންކާރުކޮށް މައުލޫމާތު ނުދީ ހުރި މައްސަލަތައް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ މައްސަލަތަކު ތެރޭގައި މަސްތުވާތަކެއްޗައް ޕޮޒިޓިވް ވޭތޯ ބެލުމަށް ޓެސްޓު ކުރާ ކިޓާ ބެހޭ މައުލޫމާތާއި ތިޖޫރީއެއް ފަޅާލައި ފައިސާތައް ވަގަށް ނެގި މައްސަލައެއްގެ ރިޕޯޓު ހޯދުމަށް އެދުނު މައްސަލަތައް ހިމެނެ އެވެ. އަދި ދައުލަތުގެ އެކި އިދާރާތަކުގެ ބިޑުގެ މުއާމަލާތްތައް ހިނގި ގޮތުގެ މައުލޫމާތުތައް ހޯދުމަށް ހުށަހެޅި މައްސަލައަކާއި ކައުންސިލަށް ނޭންގި އެ ކައުންސިލްގެ ނައިބު ރައީސް މިނިސްޓްރީއަކާއެކު ބައްދަލުވުންތައް ބޭއްވި މައްސަލައެއްގެ މައުލޫމާތު ހޯދަން އެދުނު މައްސަލައެއް ވެސް ހިމެނެ އެވެ.

މައުލޫމާތު ނުދީގެން ހުށަހެޅި ގިނަ މައްސަލަތައް ރައްދުވަނީ، ފުލުހުންނާއި ކަރެކްޝަނަލް ސާވިސްއަށެވެ. އޭގެ އިތުރުން ހައުސިން މިނިސްޓްރީ އާއި ޕްރޮސެކިއުޓާ ޖެނަރަލް އޮފީސް ފަދަ އިދާރާތަކުން މައުލޫމާތު ނުދޭ މައްސަލަ ވެސް ހުށަހެޅި އެވެ.

އެފަދަ މައްސަލަތައް މަދު ކުރުމަށް އައިކޮމްއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގިނަ ޕްރޮގްރާމްތަކެއް ހިންގާ 1113 ފަރާތެއް ތަމްރީން ކުރުވާފައިވާ ކަމަށް އެ ކޮމިޝަންގެ އަހަރީ ރިޕޯޓުގައި ބުނެފައިވެ އެވެ. އޭގެ އިތުރުން އެކި އިދާރާތަކުން 71 އިންފޮމޭޝަން އޮފިސަރުން ވެސް ތަމްރީންކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އިންފޮމޭޝަން އޮފިސަރުގެ އޮފީހަކީ ރާއްޖޭގެ އާންމު މަސްލަހަތައްޓަކައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ހޯދައިދިނުމާއި ސަރުކާރުގެ މުއައްސަސާތައް ދެފުށް ފެންނަގޮތުގައި ހިންގުމަށް ބާރު އަޅައި ހިޔާނަތް ތެރިކަމަށް ޖާގަ ނުދިނުމުގެ ގޮތުން އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ.