ކުޅިވަރު

ފަހަތުން އަރައި ރާއްޖެ އަތުން ލުބްނާން މޮޅުވެއްޖެ

އޮމާންގައި ކުރިއަށްދާ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގެ ގުރޫޕް އޭގައި މިރޭ ދިވެހިރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު އަތުން ފަހަތުން އަރައި 2-1 އިން ލުބްނާންގެ 23 އަހަރުން ދަށުގެ ޓީމު މޮޅުވެއްޖެ އެވެ.

މި މެޗުގެ ހަތަރު ވަނަ މިނިޓުގައި ރާއްޖެ އަށް ލީޑު ހޯދައިދިނީ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) އެވެ.

އެކަމަކު މެޗުގެ ދެވަނަ ހާފުގައި ލުބްނާން އިން ވަނީ ދެ ލަނޑު ޖަހައި، އެ ޓީމު ކޮޅަށް މެޗު އަނބުރާލައިފަ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ރާއްޖޭގެ ޒުވާން ޓީމުގެ ކޯޗު އައްސަދު އަބްދުލް ގަނީ ބުނީ މި މެޗުގައި ރާއްޖޭގެ ޓީމުން ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށެވެ.

"މެޗުގެ 65 ވަނަ މިނިޓާ ހަމައަށް ރާއްޖެ އޮތީ ކުރީގައި. އިދިކޮޅު ޓީމުން އެ ޓީމަށް ލިބިފައިވާ އިސްކޮޅުގެ އެޑްވާންޓޭޖްގެ ބޭނުން ހިފީ. ވަރަށް ރަނގަޅު ކުޅުމެއް ޓީމުން ދެއްކި. ޓީމުގެ ކުޅުމާމެދު ފަހުރުވެރިވޭ،" ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު ބުންޏެވެ.

އައްސަދު ބުނީ ރާއްޖޭގެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ "މި ފެންވަރުގެ މެޗުތަކުގެ ތަޖުރިބާ" ނުލިބުން ކަމަށެވެ.

މި ގުރޫޕްގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ދެވަަނަ މެޗުގައި ބުދަ ދުވަހު ބަހުރޭންއާ ބައްދަލުކުރާއިރު، މި މަހުގެ 27 ވަނަ ދުވަހު ރާއްޖެއާ ދެކޮޅަށް ނުކުންނާނީ އިރާގެެވެ. މި މަހުގެ 29 ވަނަ ދުވަހު ރާއްޖެއާ ކުރިމަތިލާނީ އޮމާން އެވެ.