ހަބަރު

ހުން ފެތުރޭތީ ބަލި މީހުންނަށް ޒިޔާރަތް ކުރެވޭ އުސޫލު ހަރުކަށިކޮށްފި

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ތިބޭ މީހުންނަށް ޒިޔާރަތް ކުރުމަށް ދީފައިވާ ވަގުތު ކުޑަކުރަން އެ ހޮސްޕިޓަލުން ނިންމައިފި އެވެ. އެ ހޮސްޕިޓަލުން އެގޮތަށް ނިންމީ މި ދުވަސްވަރު ހުމުގެ ރޯގާއެއް ފެތުރެމުން އަންނާތީ އެވެ.

އައިޖީއެމްއެޗްއިން ބުނީ އާންމުންނަށް ރައްކާތެރި ފިޔަވަޅެއް އެޅުމުގެ ގޮތުން ފްލޫ ކްލިނިކްގައި އޮންނަ ބަލި މީހުންނަށް ޒިޔާރަތް ކުރެވޭ ވަގުތަށް ބަދަލުގެނެސްފައިވާ ކަމަށާއި އެގޮތުން އެ މީހުންނަށް ޒިޔާރާތް ކުރެވޭނީ ހަވީރު 5:00 އަކުން ރޭގަނޑު 7:00 އަށް ކަމަށެވެ. ނަމަވެސް 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ބަލި މީހަކަށް ޒިޔާރަތް ނުކުރެވޭނެ ކަމަށް ވެސް އައިޖީއެމްއެޗްއިން ބުންޏެވެ.

ރާއްޖޭގައި ބާރު މިނެއްގައި އަރިދަފުސް ރޯގާއާއި ވައިރަލް ހުމެއް ފެތުރެމުން ދާތީ އައިޖީއެމްއެޗްއިން ފްލޫ ކްލިނިކް ހުޅުވާ ހިދުމަތް ދޭން ފެށީ އިއްޔެ ހަވީރުން ފެށިގެންނެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖަންސީއިން ވަނީ އެ ބަލިތަކުން ރައްކާތެރިވުމަށް ގޭގައި ވެސް ކުރެވެން ހުރި ކަންކަން ކުރުމަށް އިލްތިމާސްކޮށްފަ އެވެ.