ހަބަރު

ސްވައިން ފްލޫ ވެސް އެބަ ފެތުރޭ، އެކަމަކު ކަންބޮޑުވާނެ ކަމެއް ނެތް

Mar 13, 2017
1

ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް މިދުވަސްވަރު އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އެޗް1އެން1 ނޫނީ ސްވައިން ފްލޫ ވެސް ބައެއް މީހުންނަށް ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ބުނެފި އެވެ.

މިދުވަސްކޮޅާ ދިމާކޮށް މިހާރު ފެތުރެމުން އަންނަ ވައިރަލް ހުމާއި، އަރިދަފުސް ރޯގާއާ ގުޅޭ ގޮތުން އެޗްޕީއޭ އިން ރޭ އިނގިރޭސި ބަހުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، މީގެ ކުރިން ސްވައިން ފްލޫއަކީ ނުރައްކާތެރި ރޯގާއެއް ކަމަށް ބެލެވުނު ނަމަވެސް އެބަލި އާންމުވުމުގެ ސަބަބުން، އެ ބަލިން މިހާރު ދިފާއުވެވޭނެ ގޮތްތައް ހޯދިފައި ވާތީ އެއީ އާދައިގެ ރޯގާއަކާ އެއްފަދަ ރޯގާއެއް ކަމަށެވެ. އެ ބަލީގެ ސަބަބުން އާންމު ސިއްހަތެއްގައި ހުންނަ މީހާއަށް ނުރައްކަލެއް ނެތްކަން ފާހަގަ ކުރަމުން އެޗްޕީއޭއިން ބުނީ، ފުއްޕާމާގެ ބަލިތައް ހުންނަ މީހުންނަށާއި އެހެން ވެސް ސިއްހީ ބޮޑު މައްސަލައެއްގައި ބޭސް ކުރާ މީހުން ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންނަށް ސްވައިން ފްލޫގެ ނުރައްކާ އެބަ އޮތް ކަމަށެވެ.

"މިއީ މިހާރު އާދައިގެ އެހެން ރޯގާތަކާ އެއްފަދަ ރޯގާއެކެވެ. މިއީ އާދައިގެ ރޯގާއަކަށް ވުރެ ބޮޑުވަރުވާ އަދި ނުރައްކާވާ ބައްޔެއް ވެސް ނޫން، އެޗްޕީއޭގެ ބަޔާނުގައިވެ އެވެ.

ސްވައިން ފްލޫ ފެނިފައި ވާތީ، އެފަދަ ރޯގާއެއް ކޮންޓްރޯލް ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޗްޕީއޭއިން މިހާރު ވެސް އަޅަމުން އަންނަކަމަށް އެ އިދާރާއިން ބުންޏެވެ. އެގޮތުން އައިޖީއެމްއެޗްގައި މިހާރު ވަނީ ރޯގާއަށް ހާއްސަ ކްލިނިކެއް ހުޅުވައި ފަސޭހައިން ޓޮކްޓަރަކަށް ދައްކާ ޓެސްޓްތައް ހެދޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ. އެޗްޕީއޭއިން ބުނި ގޮތުގައި ސްވައިން ފްލޫ އުޅޭކަން ދެނެގަނެވިފައި ވަނީ ރޯގާ އާއި ވައިރަލް ހުން ފެތުރޭތީ އެކަމަށް ހާއްސަކޮށް ޓެސްޓްތައް ހަދަން ފެށުމުންނެވެ.

ރާއްޖޭގައި އާންމުކޮށް މި ދުވަސްވަރު ތަފާތު ވައިރަލް ހުމާއި ރޯގާތައް ފެތުރުން އާންމުވެ އެވެ.

ސްވައިން ފްލޫގެ އަލާމާތްތަކަކީ ވެސް ކެއްސުން، ހުން އައުން، ކަރުގައި ރިއްސުން، ނޭފަތުން ފެން އައުން ނޭފަތް ބެދުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ހީކެރުވުން އަދި ވަރުދެރަވުމެވެ. މި ރޯގާ ކޮންޓްރޯލް ކުރުމުގެ ގޮތުން، ރޯގާ ޖެހިފައިވާ އިރު ކެއްސާ ކިބިހި އަޅާ އިރު އަގަމަތި ރަނގަޅަށް ނިވާ ކުރުމާއި ރޯގާ އަދި ހުން ޖެހިފައި ވާ ނަމަ، އާންމު ތަންތަނަށް ނުނިކުތުމާއި ރޯގާ އަދި ހުން އައިސް ގިނަ ދުވަސް ވާނަމަ ވީހާ ވެސް އަވަހަށް ޑޮކްޓަރަކަށް ދައްކައި ގިނައިން ދިޔާ އެއްޗިހި ބޭނުން ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.