ހަބަރު

ސްކޫލްތައް ބަންދު ކުރާކަށް އަދި ނުނިންމަން: އެޑިއުކޭޝަން

ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް މިދުވަސްވަރު އިންތިހާއަށް އިތުރުވެފައިވީ ނަމަވެސް ސްކޫލްތައް ބަންދު ކުރަން އަދި ނުނިންމާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ. މިހާރު ފެތުރެމުންދާ ބަލިތަކުގެ ތެރޭގައި އެޗް1އެން1 ނުވަތަ ސްވައިން ފްލޫ ވެސް ހިމެނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ސްކޫލްތައް ބަންދު ކުރާނީ ސްވައިން ފްލޫ ފަދަ ބަލިތައް ބާރަށް ފެތުރި، އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ސްކޫލްތައް ބަންދު ކުރަން އަންގައިފި ނަމަ ކަމަށެވެ. އަދި މިހާތަނަށް އެ ބަލި ރާއްޖޭގައި ނުރައްކާ މިންވަރަށް ނުފެތުރޭ ކަަމަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އެޗްޕީއޭ އިން ރޭ ބުނީ ސްވައިން ފްލޫއަކީ ނުރައްކާތެރި ރޯގާއެއް ކަމަށް މީގެ ކުރިން ބެލެވުނު ނަމަވެސް އެބަލި އާންމުވުމުގެ ސަބަބުން، އެ ބަލިން މިހާރު ދިފާއުވެވޭނެ ގޮތްތައް ހޯދިފައި ވާތީ އެ ބައްޔަކީ އާދައިގެ ރޯގާއަކާ އެއްފަދަ ރޯގާއެއް ކަމަށެވެ. އެ ބަލީގެ ސަބަބުން އާންމު ސިއްހަތެއްގައި ހުންނަ މީހާއަށް ނުރައްކަލެއް ނެތްކަން ފާހަގަ ކުރަމުން އެޗްޕީއޭއިން ބުނީ، ފުއްޕާމާގެ ބަލިތައް ހުންނަ މީހުންނަށާއި އެހެން ވެސް ސިއްހީ ބޮޑު މައްސަލައެއްގައި ބޭސް ކުރާ މީހުން ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންނަށް ސްވައިން ފްލޫގެ ނުރައްކާ އެބަ އޮތް ކަމަށެވެ.

ސްވައިން ފްލޫ ފެނިފައި ވާތީ، އެފަދަ ރޯގާއެއް ކޮންޓްރޯލް ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޗްޕީއޭއިން މިހާރު ވެސް އަޅަމުން އަންނަކަމަށް އެ އިދާރާއިން ބުންޏެވެ. އެގޮތުން އައިޖީއެމްއެޗްގައި މިހާރު ވަނީ ރޯގާއަށް ހާއްސަ ކްލިނިކެއް ހުޅުވައި ފަސޭހައިން ޑޮކްޓަރަކަށް ދައްކާ ޓެސްޓްތައް ހެދޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ. އެޗްޕީއޭއިން ބުނި ގޮތުގައި ސްވައިން ފްލޫ އުޅޭކަން ދެނެގަނެވިފައި ވަނީ ރޯގާ އާއި ވައިރަލް ހުން ފެތުރޭތީ އެކަމަށް ހާއްސަކޮށް ޓެސްޓްތައް ހަދަން ފެށުމުންނެވެ.

ސްވައިން ފްލޫގެ އަލާމާތްތަކަކީ ވެސް ކެއްސުން، ހުން އައުން، ކަރުގައި ރިއްސުން، ނޭފަތުން ފެން އައުން ނޭފަތް ބެދުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ހީކެރުވުން އަދި ވަރުދެރަވުމެވެ. މި ރޯގާ ކޮންޓްރޯލް ކުރުމުގެ ގޮތުން، ރޯގާ ޖެހިފައިވާ އިރު ކެއްސާ ކިބިހި އަޅާ އިރު އަގަމަތި ރަނގަޅަށް ނިވާ ކުރުމާއި ރޯގާ އަދި ހުން ޖެހިފައި ވާ ނަމަ، އާންމު ތަންތަނަށް ނުނިކުތުމާއި ރޯގާ އަދި ހުން އައިސް ގިނަ ދުވަސް ވާނަމަ ވީހާ ވެސް އަވަހަށް ޑޮކްޓަރަކަށް ދައްކައި ގިނައިން ދިޔާ އެއްޗިހި ބޭނުން ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގައި އާންމުކޮށް މި ދުވަސްވަރު ތަފާތު ވައިރަލް ހުމާއި ރޯގާތައް ފެތުރުން އާންމުވެ އެވެ.