ހަބަރު

އެންމެ ގިނަ މައްސަލަތައް ބޯހިޔާވަހިކަމުގެ ހައްގު ގެއްލިގެން

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް މިދިޔައަހަރު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމްވެގެން ހުށަހެޅުނު މައްސަލަތައްކަމަށް އެ ކޮމިޝަންގެ އަހަރީ ރިޕޯޓްގައި ބުނެފި އެވެ.

އެކޮމިޝަންގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައި ވަނީ، މިދިޔަ އަހަރު އެ ކޮމިޝަނަށް ހުށަހެޅި، 533 މައްސަލައިގެ ތެރެއިން 138 މައްސަލައަކީ ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމްވެގެން ހުށަހެޅުނު މައްސަލަ ކަމަށެވެ. އެއީ ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން، 26 ޕަސެންޓް މައްސަލަ އެވެ.

ރިޕޯޓް ނެރުމަށް ކޮމިޝަނުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ނައިބު ރައީސް ޝިފާގް މުފީދު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ހައްގާ ގުޅުހުން ހުރި ގިނަ މައްސަލަތަކެއް ކޮމިޝަނަށް ހުށަހެޅީ، ފްލެޓް ދިނުމުގައި ގެންގުޅޭ އުސޫލާ މެދު އާންމުން ގެ މެދުގައި އުފެދުނު ނުތަނަވަސް ކަމާ ގުޅިގެން ގިނަ މައްސަލަތަކެއް އާންމުންގެ ފަރާތުން ފާހަގަވެފައިވާތީ ކަމަށެވެ.

ރައީސް ނަޝީދުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުގެ ތެރެއިން މާލޭގެ ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އަޅަން ފެށި ފްލެޓްތައް މި ސަރުކާރުން ނިންމައި އެކި ފަރާތްތަކަށް އެތަންތަން ދިނުމުގައި އަމަލު ކުރި އުސޫލުތަކާ މެދު ހިތްހަމަ ނުޖެހިގެން އެކި ފަރާތްތަކުން ވަނީ ޝަކުވާ ހުށަހަޅައިފަ އެވެ. އެގޮތުން އެ ފްލެޓްތައް ނުނިމި ދިގުލައިގެން ދިޔުމުން ފްލެޓްތަކުގެ ކުލި ބޮޑުވުމާއި ފްލެޓް ލިބޭ މީހުންގެ ލިސްޓް ތަރުތީބު ކުރުމުގައި ދިމާވި މައްސަލަތަކާ މެދުވެސް އާންމުންގެ ޝަކުވާ އިތުރުވި އެވެ.

ރިޕޯޓްގައި ދެން ފާހަގަކޮށްފައިވާ ގޮތުގައި، ދެން އެންމެ ގިނައިން މައްސަލަ ހުށަހެޅީ، އެކަށީގެންވާ ސިއްހީ ފަރުވާ ލިބުމުގެ ހައްގުން މަހުރޫމްވުމުގެ މައްސަލަތަކެވެ. އެގޮތުން 68 މައްސަލައެއް ކޮމިޝަނަށް ވަނީ ހުށަހަޅައިފަ އެވެ. މީގެ އިތުރަށް، ގައިދީންނާއި ކުޑަކުދިންގެ ހައްގުތައް ގެލުމާއި ލާއިންސާނީ އަނިޔާކުރުމުގެ މައްސަލަތައް ވެސް ވަނީ ހުށަހަޅައިފަ އެވެ.

މި މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު ކޮމިޝަނުން ވަނީ 309 މައްސަލައެއް ބަލައި ނިންމައިފަ އެވެ. ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން 61 މައްސަލައެއް ވެސް މިދިޔަ އަހަރު ވަނީ ބަލައިފަ އެވެ.

ވޭތުވެދިޔަ އަހަރު އެ ކޮމިޝަން އިން 19 މައްސަލައެއްގެ ގާނޫނީ ލަފާދީފައިވާއިރު، ހަތަރެއް ބިލަކާ މެދު ކޮމިޝަނުން ދެކޭ ގޮތް ވަނީ ކަމާ ބެހޭ މުއައްސަސާތަކާ ހިއްސާކޮށްފަ އެވެ. މީގެ ތެރޭގައި ޖެންޑާ އީކުއަލިޓީ ބިލް އާއި އަބުރު ރައްކާތެރިކުރުމާއި ޙިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ބިލް ހިމެނެ އެވެ.

އިންސާނީ ހައްގުތަކުގެ މައުލޫމާތު، 4607 މީހުންނަށް ކޮމިޝަނުން ވަނީ ދީފަ އެވެ. މީގެ އިތުުރުން އިންސާނީ ހައްގު ތަކާއި ގުޅުން ހުރި މައްސަލަތައް ހިނގާ މިންވަރު ދެނެގަތުމުގެ ގޮތުން ގިނަ މޮނިޓަރިން ޕްރޮގްރާމް ތަކެއް ހިންގާފައިވެ އެވެ. އެ ގޮތުން ބަންދުގައި މީހުން ބައިތިއްބާ ތަންތަނުގައި ހިނގާ ދަށުދަރަޖައިގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން އެ ކޮމިޝަނުން އެފަދަ 18 ތަނަކަށް މިދިޔަ އަހަރު ޒިޔާރަތް ކުރި ކަމަށް ރިޕޯޓްގައިވެ އެވެ.