ވިޔަފާރި

"ފްރެންޗައިސް 500" ގެ ހަތްވަނަ އޭސް ހާޑްވެއާއަށް

އެމެރިކާގެ މަޝްހޫރު ވިޔަފާރި މަޖައްލާއެއް ކަމަށްވާ، "އެންޓްރަޕްރެނުއާ" އިން އަހަރަކު އެއްފަހަރު ނެރޭ، ދުނިޔޭގެ އެކި ގައުމުތަކުގައި ވިޔަފާރި ކުރަމުން އަންނަ އެންމެ މަގުބޫލު އަދި ފެންވަރު ރަނގަޅު ފްރެންޗައިންސް ބްރޭންޑްތަކުގެ ލިސްޓް، 'ފްރެންޗައިސް 500' ރޭންކިން ގެ ހަތްވަނައިގައި އޭސް ހާޑްވެއާ ހިމެނިއްޖެ އެވެ.

ވިޔަފާރީގެ އަގުތަކާއި ހަރަދުތަކަށާއި، ވިޔަފާރި ހުޅުވާފައިވާ ތަންތަނުގެ އަދަދާއި ފުޅާވެފައިވާ މިންވަަރަށް ބަލައިގެން އެކުލަވާލާ، "ފްރެންޗައިންސް 500" ލިސްޓަކީ ވިޔަފާރި ދުނިޔޭގައި އެންމެ ބަލައިގަންނަ އަދި ކިޔުންތެރިންގެ މެދުގައި އެންމެ ނަން ހިނގާ ލިސްޓެވެ.

ފްރެންޗައިސީސް ތަކަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަމުގެ އިތުރުން ބްރޭންޑް ވަރުގަދަވެފައިވާ މިންވަރު ވެސް ދެނެގަނެގެން އެކުލަވާލާފައިވާ މި މުހިންމު ލިސްޓްގެ ހަތް ވަނަ އޭސް ހާޑްވެއާއަށް ލިބުމާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ، އެ ބްރޭންޑަށް މިފަދަ މަގާމެއް ލިބުމަކީ ބޮޑު ފަހުރެއް ކަމަށާއި މިއީ އާންމުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ލިބޭ ބޮޑު ހިތްވަރެއް ކަމަށެވެ.

އޭސް އިންޓަނޭޝަނަލް އާއި ގުޅިގެން ކޯލޯޑުން، ރާއްޖޭގައި އޭސް ހާޑްވެއާގެ ބޮޑު ސުޕަމާޓެއް ހުޅުވީ 2011 ވަނަ އަހަރު އެވެ. މި ފިހާރައިން ލިބުނު ކާމިޔާބީ އާއި ގުޅިގެން އޭސް ހާޑްވެއާގެ ދެވަނަ ފިހާރައެއް ވެސް މިހާރު ވަނީ ހެންވޭރުގައި ހުޅުވައިފަ އެވެ. އޭސް ހާޑްވެއާ އަކީ މާލޭގައި ހުރި އެހެން ސްޕަމާޓްތަކާ ހިލާފަށް، ގޭތެރެއަށާއި އާންމު ދިރިއުޅުމަށް ބޭނުންވާނެ މުހިންމު ތަފާތު ގިނަ ސާމާނުތަކެއް އެއް ފުރާޅައިގެން ދަށުން ލިބޭ ފިހާރައެކެވެ. އޭސް ހާޑްވެއާ އިން ވަނީ ދިވެހިންގެ މެދުގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދައިފަ އެވެ.

ފްރެންޗައިސް 500ގެ އެއްވަނަ މަގާމު، މަޝްހޫރު ސްޕަމާޓް، ސެވަންއިލަވަން އަށް ލިބުނު އިރު ދެވަނަ ދިޔައީ، ފާސްޓްފުޑް ޗެއިން މެކްޑޮނަލްްޑްސް އެވެ. އަދި ތިންވަނަ ލިބުނީ، ޑަންކިން ޑޯނަޓްސް އަށެވެ.