ލައިފްސްޓައިލް

ލޯބިކުރަން އޮއްވައި ބެލި މީހާ ފަހައި ދުއްވައިގަތް ކަންޒު ކަހަނބު

މި ވާހަކަ ޚަބަރަކަށް ވަނީ ކިހިނެއް ހެއްޔެވެ؟ ކަންޒު ކަހަނބެއް ރުޅި އަރައިގަނެގެން މީހަކު ފަހައި ދުއްވައިގަތީމަ އެވެ.

ކަންޒު ކަހަނބަކާއި ރުޅިއަރައިގަނެގެން ފިޔަތައް ފުއްޕާލައިގެން މީހަކު ފަހައިގަންނަ ފިޔޮއްކުކުޅު އުޅޭނެ ގޮތް އަހަރެމެން އެންމެނަށް ވެސް ނިކަން ރަނގަޅަށް އެނގެއެއް ނޫން ހެއްޔެވެ؟ އިބްރަތްތެރި ވާހަކައިގައި މުސަޅަށް ވުރެ ކުރިން ރޭސް ނިންމިޔަސް ކަންޒު ކަހަނބުގެ އަސްލު ސްޕީޑް އެންމެނަށް ވެސް އެނގެ އެވެ.

އެހެންވީމަ ލޯބިކުރަން އޮތްތަން ބެލި މީހާއާ ދިމާ ފައްސާލަން މި ފިރިހެން ކަންޒު ކަހަނބު "ދުއްވައިގަތް" ގޮތް ބަލާށެވެ.

މިއީ ނެޝެނަލް ޖިއޮގްރެފިކް ޗެނަލްގެ ޕްރެޒެންޓަރެއް ކަމުގައިވާ ޕޯލް ރޯސް އާއި އޭނާގެ ކެމެރާމަނަކު ސީޝެލްސްގެ ޖަޒީރާ ރަށެއް ކަމުގައިވާ އަސުމްޕްޝަން އަށް ކުރި ޒިޔާރަތެއްގައި އެމީހުންނާ ދިމާކޮށްލި ކަންޒު ކަހަނބެކެވެ. މާ ދުރުން އަޑެއް އިވިގެން ފާރަލަމުން ދަނިކޮށް ފެނުނީ ލޯބިކުރަން އޮތް މި ދެ ކަންޒު ކަހަނބެވެ.

ދެން ފެންނަނީ ކެމެރާކުރާ ކަމުގެ އިހްސާސްކުރެވިގެން ފިރިހެން ކަންޒު ކަހަނބު އެމީހުން ފަހައި ދުއްވައިގަންނަ މަންޒަރެވެ. އެއޮތް ވަރަށް ރުޅިއަރައިގަނެގެން އެމީހުން ފަހައި ދުވިއިރު ވެސް ދިޔައީ ހަމަ ފިރުކިފަ އެވެ.