ވާހަކަ

މުޅިޖާންހިތާ

(12 މާރިޗު 2017 އާ ގުޅޭ)

"ސުހާގުރާތު އޮތީ މާލޭގަ ދޯ... ހާދަ ދެރައޭ... ހެނދުނު ކޮޓަރިން ނުކުންނައިރު އައިރާގެ މޫނު ބަލަން އަހަރެން އެންމެ ބޭނުންވަނީ" ޖޯލީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން އޮތް ލިޒީ އެއްވެސް ޚިޔާލެއް ފިކުރެއްނެތް ކަހަލައެވެ.

"ލިޒީ... ކޮންމެފަދަ އެއްޗެއް ވެސް މީނާ ބުނެފާނެ" އައިރާ ކުއްލިއަކަށް ޖެހިގެން ކަނާތްފަރާތުގައި އޮތް ލިޒީގެ ކޮނޑުގައި ތަޅައިގަތެވެ. އެއާއެކު ނިޔާނާއި ޖުވައިން ނިކަން ބާރަށް ހީނގަތެވެ.

* * * *

ސަލްމާމެންގެ ދެމަފިރންނާއި ޤައިސްއާއެކު ރޭގަނޑުގެ ކެއުމަކަށް އިންސާފު ކުރުމަށްފަހު ރުބީނާ ގެއަށް އައީ ނުވައެއް ޖަހަން އުޅެނިކޮށެވެ. އެޕާޓްމެންޓުގެ ދޮރުން ވަން އިރު ސިޓިންރޫމު ސޯފާގައި މައުރީނަށް ނިދިފައި އޮއްވާ ފެނުނެވެ. އެހެންވެ މަޑުމަޑުން ދޮރު ލައްޕާލާފައި އައިސް ދަރިފުޅަށް ގޮވާލިއެވެ.

"މައު... ކޮޓަރިއަށް ހިނގާ" ރުބީނާ މައުރީންގެ އަތުގައި އަތްޖައްސާލި އިރު ހޫނުކަން އިހުސާސްވެ ކަންބޮޑުވިއެވެ.

"ހުންއައީތަ؟ ބޭސް ކައިފިންތަ؟ މައު... ތެދުވޭ އަވަހަށް... ހިނގާ ކޮޓަރިއަށް" ރުބީނާ ގޮވަން ފެށުމުން ތެދުވަން ބޭނުންނުވެފައި އޮތްހެން މައުރީން ކުޑަކޮށް ލޯހުޅުވާލިއެވެ. އަދި ކަންނެތް ގޮތަކަށް ތެދުވެ ސޯފާގައި އިށީނެވެ. އެހިނދު މައުރީންގެ އަތުގައި ހިފާ އޭނާ ނަގަން ރުބީނާ މަސައްކަތްކުރިއެވެ. މައުރީން އަތުލަފިކޮށްލައިގެން ރުބީނާ އައިސް އެކުއްޖާގެ ކޮޓަރިއަށް ވެއްދިއެވެ. އެނދުގައި މައުރީން ބާއްވާލާފައި ރުބީނާ އަވަސްވެގަތީ މައުރީނަށް ބޭސް ދިނުމަށެވެ. ހަލުވިކޮށް ކޮޓަރިން ނުކުމެގެން އައިސް މަތީކަބަޑުސެޓުން އެންމެ މަގަތަށް ހުރި ކަބަޑު ހުޅުވާލައި ފަސްޓްއެއިޑް ފޮށި ނެގިއެވެ.

"ބޭނުން ޖެހޭ ވަގުތު ބޭސްގުޅައެއް ވެސް ނޯންނާނެ... ނިޔާނަށް ގުޅަންވީ" ހާސްވެފައި ހުރި ރުބީނާއަށް ނިޔާނު ރަށުގައި ނެތްކަން ހަނދާންވީ އޭނާގެ ނަން ކިޔާލެވުނު ފަހުންނެވެ. އެހިނދު ރުބީނާގެ މޫނުމައްޗަށް ފޫހިކަމުގެ އަސަރު ވެރިވެގެން ހިނގައްޖެއެވެ.

"މިފަހަރު ފުރައިގެން އެ ދިޔައީ އަންގާ ވެސް ނުލާ... ރުޅި އަންނަންވީ މަށެއްނު... ތަނަކުން އަންހެނަކު ފެންނައިރަށް ހިތާވާން ޖެހޭވިއްޔާ..." ފަސްޓްއެއިޑް ފޮށިގަނޑު އަތުން ޖަހާ ދުރަށްޖައްސާލުމާއެކު ރުބީނާ އައިސް މައުރީންގެ ކޮޓަރިއަށް ވެނެވެ. ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ބޭސް ގަނެގެން މި އަންނަނީ ކަމުގައި ބުނެ އޭނާ އެނބުރި ހިނގައިގަތެވެ.

* * * *

އެނދަށް އެރި ގޮތަށް ތަފާތު ޚިޔާލުތައް ކުރުމުގައި އައިރާ އޮތެވެ. ވަރުބަލިކަން އިހުސާސްވި ނަމަވެސް ސިކުނޑީގައި އުފެދިފައިވާ ހަލަބޮލިކަން މާ ވަރުގަދައެވެ. އައިރާގެ މުސްތަޤުބަލާ މެދު އޭނާއަށް ވިސްނެނީއެވެ.

"ނިދީތަ؟" ބިއްދޮށުގައި އޮތް ލިޒީ މަޑުމަޑުން ބުނެލިއެވެ. ފާރާ ދިމާއަށް އެނބުރި އޮތްއިރު އޭނާގެ ލޮލުގައި ވެސް ނިދީގެ އަސަރެއް ނުވެއެވެ.

"ނޫން" އައިރާ ވެސް އޮތް ގޮތަށް އޮވެ ވާހަކަދެއްކިއެވެ. ދެ މީހުން ކުރެ އެކަކު ވެސް އެނބުރި އަނެކާއާ ކުރިމަތިލާކަށް ގަސްދެއް ނުކުރެއެވެ.

"އަހަންނަށް ނުނިދިގެން މިއުޅެނީ" ލިޒީ ބުންޏެވެ.

"ކީއްވެ؟" އަމިއްލަ ހާލު ސިއްރުކުރަމުން އައިރާ އަހާލިއެވެ.

"ތެދަށްބުނަންތަ! އަހަރެން ހީކޮށްގެން ހުރީ އަހަރުމެން ދެމީހުން މުސްކުޅިވާނީ ވެސް އެކީގައި އުޅެކަމަށް... އަހަރެންގެ ބެސްޓްފްރެންޑް އަބަދުވެސް އަހަރެންގެ ގާތުގައި ހުންނާނެކަމަށް... އަހަރެން އުފާވޭ އައިރާއަށް ހެޕީ ލައިފެއް ލިބޭތީ... އެނގޭ އައިރާ ވެސް ތިދަނީ އިތުރު ޗޮއިސްއެއް ނެތީމަކަން... މީ މިވަގުތަށް އޮތް ގޮތް... އެހެންވިޔަސް އަހަރެން ވަރަށް ދެރަވޭ... ދެން މަޖާކޮށްލާ އަހަރެންގެ ވާހަކަތައް އަޑުއަހާލާނެ މީހަކު ނުހުންނާނެ... އަހަރެން އުނދަގޫކޮށް ދިމާކުރާނީ ކާކާ" ލިޒީގެ އަޑުގައިވި މަޑުމައިތިރިކަން އައިރާގެ ހިތަށް ވެސް އަސަރު ކުރުވިއެވެ.

"އަހަރެން ވެސް ދެރަވޭ... އެހެންވިޔަސް ޕޮޒިޓިވްކޮށް ވިސްނަން އަހަންނަށް ދަސްކޮށްދޭން މަސައްކަތްކުރަނީ ލިޒީއެއްނު... އެހެންވީމަ މިވަގުތު ވިސްނަންވާނީ ވީހާ ވެސް ރަނގަޅަށް... ލިޒީ އަހަންނާ ވާހަކަދައްކަން ބޭނުންވެއްޖެ ކޮންމެ ވަގުތަކު އަހަރެން ހުންނާނީ ފޯނުކޯލެއްގެ ދުރުމިނުގައި... އެ ފޯނުކޯލު އަހަރުމެން ދެ މީހުން ބޭނުން ވަގުތަކު ގާތްކޮށްދޭނެ... ލިޒީ ބޭނުން ވާހަކައެއް އަހަރެންގެ ގާތުގައި ދައްކަންވީ"

"އާން! ދޯ... ކީއްވެ އައިރާއަށް ނުނިދިފަ ތި އޮތީ" އައިރާއާ ދިމާއަށް ލިޒީ އެނބުރިލިއެވެ. އަދި އައިރާގެ ކޮނޑުގައި ހިފާ ދަމާލިއެވެ.

"އުފަންވީސުރެން މިއުޅެނީ ރަށުގައި... މީހަކާ އިނދެގެން މާލެއަށް ދިރިއުޅުން ބަދަލުކުރަން ޖެހިދާނެއެކޭ ދުވަހަކު ވެސް ހިޔެއްނުކުރަން... ލިޒީއަށް އެނގޭނެ... އަހަރެން އަބަދުވެސް ބުނަމުން އައީ ރަށުން މީހަކާ އިނދެގެން ދިރިއުޅުން ކުރިއަށް ގެންދާ ވާހަކަކަން... މާލެދާން ޖެހުނީމަ އަހަރެން ޖެހިލުންވަނީ... އަހަންނަށް އެމީހުންގެ ތެރޭގައި އުޅެން ނޭނގިއްޖެއްޔާ މައްސަލަތައް ޖެހިދާނެއޭ ހިތަށް އަރަނީ... އޭރުން ނިޔާނު ވެސް އަހަރެންދެކެ ލައިކްނުވެދާނެ... ދުވަސްކޮޅަކުން އަހަރެންދެކެ ފޫހިވެއްޖެއްޔާ އަހަރުމެންގެ މެރީއޭޖަށްވާނީ ކިހިނެއް؟"

"އައިރާ ހާދަ ދުރަކަށް ތި ވިސްނާލީ... އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް އައިރާއަށް ވާނީ ރަނގަޅަށް... އަހަރެން އަބަދުވެސް ދުޢާކުރަން އައިރާ ވަރަށް ހެޕީވާން... އެނގޭތަ؟ އައިރާ މެރީކުރި ގަޑީގައި މިއަދު މަންމަ ހުރީ ފެންކަޅިވެފައި... އައި ނޯ މަންމަ އަހަރެންދެކެ ލޯބިވާ ވަރަށް އައިރާދެކެ ވެސް ލޯބިވާކަން... އައި ޖަސްޓް ވިޝް އައިރާ އަހަރެންގެ ސިސްޓަރއަކަށް ވީ ނަމައޭ... އޭރުން އައިރާގެ ލައިފް ކިހާ ހެޕީވާނެ" ލިޒީގެ ވާހަކަތަކުން އައިރާގެ ލޯ ފެންކަޅިވާގޮތްވިއެވެ.

"އަހަރެން ދުވަހަކު ވެސް އެބައެއްގެ މަތިން ހަނދާންނުނެތޭނެ ބަޔަކީ ތީ... ލިޒީއާއި ލިޒީގެ މަންމަ އަހަންނަށް ސަޕޯޓްނުދޭނަމަ އަހަރެން ދިރިއުޅުން މަތިން މުޅިން ފޫހިވެ ހުރިހާކަމަކުން ނާއުންމީދުވެގެން ދިޔައީސް... އެއްލޭ ނުހިނގިނަމަވެސް ލިޒީއަކީ އަހަރެން ދުށްގޮތުގައި އަހަރެންގެ ހުރި ހަމައެކަނި ޢާއިލާ"

ރޭގެ އެތައްފަރުދާއެއް ބަދަލުވަމުން ދިޔައިރު ލިޒީއާއި އައިރާގެ ދެމެދުގައި މީގެ ކުރިން ނުދެކެވޭހާ ގާތް ވާހަކަތަ ދެކެވުނެވެ. ދެ ކުދީންކުރެ އެކަކު ވެސް ނުނިދައެވެ. ލޭގެ ގުޅުމެއްނެތް ނަމަވެސް އެއީ އެއްބަނޑު އެއްބަފާކަމުގެ ކުލުނު ހިނގާ ދެބެން ފަދައެވެ. ދައްތަ ނޫނީ ކޮއްކައާ ވަކިވާން ޖެހޭތީ އެކަމުގެ އަސަރުގައި ބަނދެވިފައިވެއެވެ.

ފަތިސް ނަމާދުގެ ބަންގި ގޮވީ ވުޟޫކޮށްލައިގެން ފާޚާނާއި އައިރާ ނުކުތް ފަހުންނެވެ. އޭރު އެނދުމަތީ ނަމާދަށް ތައްޔާރުވުމުގެ ގޮތުން ފަޔަށް އިސްޓާކީނު މަހާލާ ނަމާދު ދޮޅި އަޅަން ލިޒީ އިނެވެ. މިއީ އެ ދެ ކުދީން އެކުގައި ކުރެވޭނެ އެންމެ ފަހު ނަމާދަށް ނުވުމަށް އެ ދެ ހިތުގެ އަޑިން އެދެމުން ދިޔައެވެ.

ފަތިސް ނަމާދުން ފައިބައިގެން ނިޔާނާއި ޖުވައިން އައިސް ގެއަށް ވަނީ ދާއޫދާއެކުއެވެ. ގެއަށް ވަދެވުމާއެކު ދާއޫދަށް ނިޔާނު ގޮވާލިއެވެ. އަދި އޭނާއާ ވާހަކަދައްކާލަން ބޭނުންވާ ކަމުގައި ބުންޏެވެ. ދާއޫދުގެ މޫނު މަތިން މިފަހަރު ނުރުހުމުގެ އަސަރެއް ނުފެނުނެވެ. އޭނާ ބޯޖަހާލާފައި ސޯފާއަށް އިޝާރާތްކޮށްލިއެވެ.

"އަހަރެން ކޮޓަރިއަށް މިދަނީ" ނިޔާނު ބަލާލި ގޮތުން އޭނާ ބުނަން ބޭނުންވާ އެއްޗެއް ޖުވައިންއަށް މޭރުންވިއެވެ. އޭނާ ހިނގައިގަތުމުން ނިޔާނު އައިސް ދާއޫދުގެ އެއްފަރާތުގައި ހުރި ސޯފާގޮނޑީގައި އިށީނެވެ.

"ދާއޫދުބޭ... އަހަރެން ބޭނުމެއްނޫން ދާއޫދުބެއާ މޫނުކެނޑޭކަށް... ވެދިޔަކަމެއް ވެދިޔައީ... އެކަމުގައި އަހަރެން ވެސް ކުރާނެކަމެއްނެތް... ދާއޫދުބެގެ ވެސް ކުށެއްނެތް... ދަރިންނާ މެދު މައިންބަފައިން ވަރަށް ފޮނި އުންމީދުކުރާނެކަން އަހަންނަށް ވެސް އެނގޭ... އަހަރެން އައިރާއާ ކައިވެނިކޮށްގެން އޭނާ ގޮވައިގެން މިއަދު ހެނދުނު ފުރަން... ދެން ނޭނގެ ދިމާވާނީ ކޮންދުވަހަކުން ކަމެއް... އެހެންވެ ވަކިވެގެންދާން ބޭނުންވަނީ ދާއޫދުބެގެ ވެސް ހިތްހަލާލު އަހަރުމެންގެ މައްޗަށް ލިބިގެން... ދާއޫދުބެއާއި މަލީހާ ދައްތައަކީ އަހަރެން ވަރަށް ޤަދަރުކުރާ ބައެއް... އަހަރެން ފުރައިގެން ދިއުމުގެ ކުރިން ފަނަރަދުވަހަށްވީ ފައިސާ ވެސް ދާއޫދުބެއާ ހަވާލުކޮށްލަން ބޭނުން" ނިޔާނުގެ ވާހަކަތައް އަޑުއަހަން ދާއޫދުއިނީ ހިމޭނުންނެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއްނުވެއެވެ.

"ފައިސާ ނުދިނަސް ރަނގަޅުވާނެ... ނިޔާނުގެ ކައިވެންޏަށް މަރުޚަބާ" އާދައިގެ ގޮތަކަށް ދާއޫދު ބުނެ ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. އޭނާގެ އެ ޢަމަލުން ނިޔާނަށް ހައިރާންކަން ލިބުނެވެ. ހަމައެއާއެކު ހިތްހަމަ ވެސް ޖެހުނެވެ. އެހެންވެ ދާއޫދުގެ އަތުގައި ސަލާމްކޮށްލުމަށް ނިޔާނު ހިފީ ހިނިތުންވެލަމުންނެވެ.

"ސައިތަށްޓެއް ބޯލައިގެންނު ފުރަންދާނީ" ނިޔާނާ ސަލާމްކޮށްލަމުން ދާއޫދު ބުންޏެވެ. އޭނާ ވެސް ނިޔާނު އެދުނު ފަދައިން އެ ދެމެދުގައި އުފެދުނު ކިލަނބުކަން ފިލުވާލާ ހިތް ސާފުކޮށްލީއެވެ. ހަޤީޤަތުގައި ކުށްކުރެވުނީ ޚުދު ދާއޫދަށްކަން އޭނާއަށް ވިސްނޭތީއެވެ.

ވަރަށް ފަތިހާ ބަދިގޭގައި ސައިތައްޔާރު ކުރުމުގައި މަލީހާއާއި ލިޒީގެ އިތުރުން އައިރާ އުޅުނެވެ. އެތަނަށް ނިޔާނުމެން ގޮވައިގެން ދާއޫދު އައިސް ވަނެވެ.

"މަލީހާ... މިކުދީންނަށް ސައިދީފައެއްނު ފޮނުވާލަންވާނީ" ދާއޫދު ބުންޏެވެ. އޭނާ ނިޔާނުގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރިލެއް ގާތްކަމުން މަލީހާއާއި ދެންތިބި މީހުން ވެސް ހައިރާންވިއެވެ. އެހެންވިޔަސް އެކަން މަލީހާއަށް އެނގުނު ކަމަކަށް ނުހެދިއެވެ.

"އެހެންވެއެއްނު މިހާ ފަތިހާ ބަދިގެއަށް ވަދެ މިއުޅެނީ... އެކުދީންނާއެކު ދާއޫދު އިށީންނަންވީނު... އައިރާ ވެސް ދެން އިށީނދޭ ސައިބޯން" އަތްމަތި އަވަސްކޮށްލާފައި އުޅުނު މަލީހާ ބުންޏެވެ.

"މިއަދު އެންމެން އެކުގައި ސައިބޯންވީނު" އައިރާ ބުންޏެވެ.

"އެއީ ތެދެއް މަންމާ" ދެ ތަށި ކޮފީ ނިޔާނާއި ޖުވައިގެން ކުރިމަތީ ބަހައްޓަމުން ލިޒީ ބުންޏެވެ.

ހެނދުނު ހަތެއްޖަހަންވިއިރު ލާންޗަށް އަރަން ބަނދަރަށް އައިސް އެންމެން ތިއްބެވެ. ދާއޫދާއި މަލީހާގެ އިތުރުން ލިޒީއާ ސަލާމްކޮށްލާފައި ޖުވައިންއާއި ނިޔާނު ލާންޗަށް އެރުމަށް ދިޔައެވެ.

"ބަސްއަހައިގެން ރަނގަޅަށް އުޅޭތި... ބޭބެގެ ރުހުން ތި ދެ ކުދީންނާއެކު ވޭ" ޖެހިލުންވެފައި ހުރެ ވެސް ދާއޫދާ ސަލާމްކޮށްލުމަށް އައިރާ އަތްދިއްކޮށްލުމުން އެ އަތުގައި ދާއޫދު ހިފިއެވެ. އަދި އައިރާގެ ކޮނޑުގައި ފިރުމާލާފައި ނަޞޭޙަތްތެރިވިއެވެ. އެ މަންޒަރުފެނި މަލީހާއާއި ލިޒީގެ މޫނު މަތިން ހިނިތުންވުން ފާޅުވެގެން ދިޔައެވެ.

"ތި ދެވެނީ މުޅިން އާ ބައެއްގެ ކައިރިއަށް... ކެތްތެރިވާތި... ރިވެތި އަޚުލާޤުގައި ހިފަހައްޓާތި... ބަސްއަހާ ކިޔަމަންތެރި އަނތްބަކަށް ވޭވޭތޯ ބަލަންވާނެ" މަލީހާގެ ގަޔާ ކައިރިކޮށްލައިގެން ހުރެ އައިރާގެ ބޮލުގައި ފިރުމަމުން އޭނާ ދެއްކި ވާހަކަތަކަށް އައިރާ ބޯޖަހަމުން ދިޔައެވެ. އޭރު އައިރާއަށް ކުރެވެމުންދިޔައީ ދަރިއަކު މަންމައާ ވަކިވާ ހިނދު ކުރެވޭނޭ ފަދަ އިހުސާސެކެވެ. ދެ ލޯ ފެންކަޅިވަމުންދިޔައެވެ. ކަރުނައިގެ މައްޗަށް އަމިއްލަ ބާރެއް ނުހިނގިއެވެ. އެހެންނަމަވެސް ކޯތާފަތުން ފައިބައިގެން ދިޔަ ކަރުނަތިކި އައިރާ ފުހެލިއެވެ. މަލީހާ ދުރަށް ޖެހިލުމާއެކު ލިޒީއަށް ބަލާލިއެވެ. ހިނިތުންވެލައިގެން ހުރި ލިޒީގެ ގައިގާ އައިރާ ބައްދާލިއެވެ. އެހިނދު ހިތްވަރުކުރަމުން އައި ލިޒީއަށް ވެސް ރޮވިއްޖެއެވެ.

"އައި ވިލް މިސް ޔޫ" ވައި އަޑުން ކަހަލަ ގޮތަކަށް ލިޒީ ބުނެލިއެވެ.

"ދަރިފުޅާ... އައިރާއާ ދެ ކުދީން އަދި ދިމާވާނެ... ދެން މިވަގުތު ނުރޮއެ... އެހެންނޫނީ އައިރާއަށް ވެސް ހިތްހަމަޖެހިގެން ނުދެވޭނެ" ލިޒީގެ ބުރަކަށީގައި މަލީހާ ފިރުމާލިއެވެ.

ލިޒީ ދެ ލޯ ފުހެލާފައި ހިނިތުންވެލިއެވެ. އަދި އައިރާގެ ދެއަތްތިލާގައި ހިފާ ބާރުކޮށްލާފައި އެ ދެއަތުން ދޫކޮށްލިއެވެ.

"ސީ ޔޫ ސޫން އައިރާ" ކަރުނައިގެ ތެރެއިން އައިރާ ވެސް ހިނިތުންވެލިއެވެ. އަދި ވާޓަރާ ކައިރިކޮށްލާފައި އޮތް ލާންޗަށް އެރުމުގެ ކުރިން އަދިވެސް އެއްފަހަރު ލިޒީއަށް އޭނާ ބަލާލިއެވެ. އެއަށްފަހު ލާންޗަށް އެރިއެވެ. އެއާއެކު ވަކިވުމުގެ ސަލާމެއްގެ ގޮތުން ލިޒީ އަތްހޫރާލިއެވެ.

* * * *

ފްލައިޓަކަށް އެރި ފުރަތަމަ ފަހަރު ކަމަށްވާތީ އައިރާއަށް ގޮނޑީގައި ހަމަޖެހިނުލެވުނެވެ. ބިރުގެންފައި އިންއިރު ޖެހިގެން އިން ނިޔާނުގެ އަތުގައި ހިފާލެވިފައި ވަނީ ކިހާ ބާރަކަކަށް ކަމެއް އައިރާއަކަށް ނޭނގުނެވެ. ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެއްސުމަށްފަހު ޕަސެންޖަރުން ފޭބުމަށް ގޮވާލެވުނު ހިނދު އައިރާގެ ސީޓުބެލްޓު ނިޔާނު ނައްޓާލަދިނެވެ. ނިޔާނުގެ އަތުގައި އައިރާ ހިފަހައްޓާލި ހިސާބު ރަތްވެ ވަރުނަގާފައި ހުރިތަން އައިރާއަށް ފެނުނީ އެވަގުތުއެވެ.

"ސޮރީ" ނިޔާނުގެ އަތުގައި ފިރުމާލުމާއެކު އައިރާ ބުންޏެވެ. ނިޔާނު އޭނާއަށް ޖަވާބު ދިނީ ލުއި ހިނިތުންވުމަކުންނެވެ.

މާލެއަށް އެރުމާއެކު ނިޔާނާއި އައިރާއާ ޖުވައިން ވަކިވެއްޖެއެވެ. އެ ދެމަފިރިންނަށް އަދިވެސް އެއްފަހަރު ކައިވެނީގެ މަރުޚަބާ ކިޔާފައެވެ. އަދި ކޮންމެވެސް އިރަކުން އެންމެން ދިމާވާން ވާނެއޭ ޖުވައިން ބުންޏެވެ. ނިޔާނު ޓެކްސީއެއް ހޯދުމަށްފަހު އައިސް އައިރާގެ ފޮށި ގެނެސް ކާރުގެ ޑިކީއަށް ލިއެވެ. އަދި ފަހަތު ސީޓަށް ދެމީހުން އެކުގައި އެރިއެވެ.

* * * *

ހެނދުނު ސްކޫލަށް ދާވަރަށްވުރެ މައުރީންގެ ހާލު ދެރައެވެ. ފެންފޮތި އަޅާއިރު ވެސް ހުންމަޑުވާ ގޮތެއްނުވިއެވެ. ރެއިން ފެށިގެން ރޫބީނާ ހަގަޑިން މައުރީނަށް ބޭސް ދިނެވެ. މައުރީންއަށް ލުއި ކާއެއްޗެއް ތައްޔާރުކޮށްގެން އެ ހިފައިގެން އައިސް މައުރީންގެ ކޮޓަރީގައި ރުބީނާ އިނީ ދަރިފުޅަށް ކާއެއްޗެއް ދެވޭތޯއެވެ. ހުމުގެ ސަބަބުން އަނގަ ހިތިވެފައި އިން މައުރީން ކުޑަކުއްޖަކު ފަދައިން ނުކާން ބޮޑާ ހާކައެވެ. އެހެންނަމަވެސް ހަރުކަށި ކަމާއެކު ރުބީނާ ގަދަކަމުން ވެސް ދަރިފުޅަށް ކާންދޭން މަސައްކަތްކުރިއެވެ. މައުރީންގެ ހަށިގަނޑުގައި ހަކަތަނެތި ހަމައެކަނި ބޭހުން ރަނގަޅު ނުވާނޭކަން އެނގޭތީއެވެ.

އެޕާޓްމެންޓުގެ ދޮރުހުޅުވާލަފައި އައިރާ ގޮވައިގެން ނިޔާނު އެތެރެއަށް ވަނެވެ. މީހަކު ފެންނަން ނެތުމުން ފުރަތަމަ ނިޔާނު ހީކުރީ އެންމެން ނިދާފައި ތިބީ ކަމަށެވެ. އެހެންނަމަވެސް އެތެރެއިން ރުބީނާގެ އަޑު އިވުނެވެ.

"މަންމާ!... މަންމާ!..." ނިޔާނުގެ އަޑު ރުބީނާއަށް އިވުމުން އޭނާ ހައިރާންވިއެވެ. މިހާ އަވަހަށް ނިޔާނު އައީމައެވެ. އޭނާ ހީކޮށްގެން ހުރީ ނިޔާނު އަނެއްކާ ވެސް ފުރީ އޮފީސް ދަތުރެއްގައި ކަމަށެވެ. އަތުގައި އޮތް ސޫޕުތަށި މައުރީންގެ އެނދުގެ އަރިމަތީ ކަބަޑުގައި ބަހައްޓާލާފައި ރުބީނާ ތެދުވިއެވެ. އެއާއެކު މައުރީން އަވަހަށް އޮށޯވެ ބޮލާއެކު ރަޖާ އަޅާލިއެވެ. ނަމަވެސް އޭނާގެ ހަރަކާތްތަކަށް ފަރުވާލެއްނެތި ރުބީނާ ކޮޓަރިން ނުކުމެގެން އައެވެ. ކުއްލިއަކަށް މީހާ ހުއްޓެވުމާއެކު ދެ ލޯ ބޮޑުވެގެން ދިޔައީ ފެނުނު މަންޒަރުންނެވެ.

(ނުނިމޭ)