ކުޅިވަރު

މާޒިޔާ އޮތީ 100 ޕަސަންޓް އިތުބާރާއެކު

Mar 14, 2017

އޭއެފްސީ ކަޕްގައި މާޒިޔާގެ ޓާގެޓަކަށް ހަދާފައި އޮތީ، އޭއެފްސީ ގުރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމެވެ. މިދިޔަ ތިން އަހަރުވެސް، އެ ޓާގެޓް ކަނޑައަޅައިގެން ނިކުތް ޓީމަށް، އެކަން ނުވުމުން، އެ ޓީމުން އޮތީ ފިލާވަޅު ދަސްކޮށްގެން، މިއަހަރަށް ވަރަށް ރަނގަޅަށް ތައްޔާރު ވެގެންނެވެ. ސްކޮޑް އޯވަހޯލް ކޮށް، ބިދޭސީ ރަނގަޅު ކުޅުންތެރިންނާއެކު، މިއަހަރު ސީޒަންގައި މާޒިޔާ ފެންނަނީ ތަފާތު ކޮށެވެ.

މިއަހަރު ވަރުގަދަ އަށް ވިއްދައިގެން، ޕާސިން ގޭމަކާ އެކު ކުޅޭ، މާޒިޔާ އަށް ސީޒަންގައި، މިހާތަނަށް 100 ޕަސަންޓް ރެކޯޑް އޮތް ހަމަ އެކަނި ޓީމަކީ، މަޒިޔާ އެވެ. އޭއެފްސީ ކަޕްގެ ގުރޫޕް 'އީ' ގެ ފުރަތަމަ މެޗުގައި، ބަންގުލަދޭޝްގެ އަބްހާނީ ލިމިޓެޑާ ދެކޮޅަށް ނިކުންނައިރު، މާޒިޔާ އަށް އޮތް އެންމެ ބޮޑު ހިތްވަރަކީ، ޑޮމެސްޓިކް ސީޒަންގައި 100 ޕަސަންޓް ރެކޯޑެއް އޮތުމެވެ.

މާޒިޔާގެ ކޯޗް، މެސަޑޯނިއާގެ މަރުޔަން ސްކޮލަސްކީ، ބުނީ، މާލޭ ލީގްގައި އެންމެ ފަހުން ކުޅުނު މެޗުތަކުން ރަނގަޅު ނަތީޖާ ތަކެއް ނެރެވިފައި ވުމަކީ، މާޒިޔާ އަށް އޮތް އެންމެ ބޮޑު އިތުބާރު ކަމަށެވެ. މެޗުގެ ކުރިން މީޑިއާ ވާހަކަ ދައްކަމުން ސްކޮލަސްކީ ބުނީ އަބްހާނީގެ ޓީމު އޭނާ އަށް ރަނގަޅަށް އެނގޭ ކަމަށެވެ.

"އަހަރެމެން މިތިބީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރު ވެގެން، އަހަރެމެންނަށް އެނގޭ އެޓީމު، އެޓީމުގައި އެބަތިބި ބިދޭސީ ކުޅުންތެރިންނާއި، ބިދޭސީ ކޯޗާއި، ގައުމީ ޓީމުގެ ކުޅުންތެރިންވެސް، ނަމަވެސް، އެންމެ ފަހުން އެ ޓީމުގައި ހިމެނުނު ކުޅުންތެރިންގެ މައުލޫމާތެއް އަހަންނަކަށް ނޭނގެ،" ޕްރީ މެޗް ޕްރްސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ސްކޮލަސްކީ ބުންޏެވެ.

"އަހަންނަށް އިތުބާރު އެބައޮތް އަހަރެންގެ ކުޅުންތެރިންނާ މެދު، އަދި އެކުޅުންތެރިންގެ ޕަފޯމަންސާ މެދުވެސް އަހަންނަށް ޔަގީން ކަން އެބައޮތް، އަދި އެމީހުންނަށް އެނގޭނެ (މިއަދު) ކުޅެންވީ ކިހިނެއްކަން،" ސްކޮލަސްކީ ބުންޏެވެ.

މާޒިޔާ އާއި އަބްހާނީ ބައްދަލު ކުރާ މެޗު ފާށާނީ ރާއްޖޭ ގަޑިން، މިއަދު ހަވީރު 5:10 ގަ އެވެ.