އެޗް1އެން1 ނުވަތަ ސްވައިން ފްލޫގެ ކޭސްތައް އަދި ވައިރަލް ރޯގާ އިތުރުވަމުންދާތީ، ހުޅުމާލެ ހޮސްޕިޓަލުގައިވެސް ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.
އައިޖީއެމްއެޗުގައިވެސް މިިދިޔަ އާދިއްތަ ދުވަހު ވަނީ ފްލޫ ކްލިނިކެއް ހުޅުވާ ހިދުމަތް ދޭން ފަށާފަ އެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވި ފްލޫ ކްލިނިކުން ހިދުމަތް ދޭނީ ހެނދުނު އަށަކުން ރޭގަނޑު 11 ޖެހުމާ އަށް ކަމަށެވެ. މީގެ ކްލިނިކެއް އޭޑީކޭ ހޮސްޕިޓަލުގައިވެސް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން އިއްޔެ ބުނެފައިވެ އެވެ.
ހުޅުމާލެ ހޮސްޕިޓަލުންވެސް ވަނީ މުހިންމު ބޭނުމެއްގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ހާއްސަކޮށް ކުޑަކުދިން ޑޮކްޓަރަށް ދެއްކުމަށް ނޫނީ ހޮސްޕިޓަލަށް ނުގެނައުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެޗް1އެން1 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވުމުގެ ސަބަބުން މިއަދުން ފެށިގެން ވަނީ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފަ އެވެ. އަދި މިހާތަނަށް މިބަލީގައި އެކަކު މަރުވެ މާބަނޑު އަންހެނެއް ވަނީ ސީރިއަސް ހާލަތުގަ އެވެ. ރެއާ ހަމައަށް 251 މީހެއްގެ ސާންޕަލް އެޗް1އެން1 އަށް ޓެސްޓްކުރެވިފައިވާއިރު 51 މީހުން ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.
ސްވައިން ފްލޫގެ އަލާމާތްތަކަކީ ވެސް ކެއްސުން، ހުން އައުން، ކަރުގައި ރިއްސުން، ނޭފަތުން ފެން އައުން ނޭފަތް ބެދުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ހީކެރުވުން އަދި ވަރުދެރަވުމެވެ. މި ރޯގާ ކޮންޓްރޯލް ކުރުމުގެ ގޮތުން، ރޯގާ ޖެހިފައިވާ އިރު ކެއްސާ ކިބިހި އަޅާ އިރު އަގަމަތި ރަނގަޅަށް ނިވާ ކުރުމާއި ރޯގާ އަދި ހުން ޖެހިފައި ވާ ނަމަ، އާންމު ތަންތަނަށް ނުނިކުތުމާއި ރޯގާ އަދި ހުން އައިސް ގިނަ ދުވަސް ވާނަމަ ވީހާ ވެސް އަވަހަށް ޑޮކްޓަރަކަށް ދައްކައި ގިނައިން ދިޔާ އެއްޗިހި ބޭނުން ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މާލެ ފިޔަވައި ދެން އެންމެ ގިނައިން އެޗް1އެން1ގެ ކޭސްތައް ފެނިފައިވަނީ ހދ. ކުޅުދުއްފުއްޓާއި ރ. އަލިފުށިންނެވެ.